ކުރިން ހީކުރި ގޮތާ ޚިލާފަށް ކޮރޯނާ ވައިރަސް 13 ފޫޓަށް ދަތުރު ކުރޭ، ބިންމަތީގައިވެސް ހަރުލާ
ޗައިނާގެ ސައިންސްވެރިން ކުރި ދިރާސާއަކުން ކޯވިޑް-19 ގެ ޖަރާސީމު ވައިގެ ތެރޭގައި 13 ފޫޓަށް ދަތުރުކުރާކަމަށް ދައްކައިފިއެވެ.
އެމެރިކާގެ ސީޑީސީގެ އެމާޖިންގ އިންފެކްޝަން ޑިޒީޒަސް ޖާނަލްގައި ޝާއިއުކޮށްފައިވާ އެދިރާސާ ހެދުމަށް ސައިންސްވެރިންވަނީ ޗައިނާގެ ވުހާން ސިޓީގައި ކޯވިޑް-19 ޖެހިފައިވާ ބަލިމީހުން ބައިތިއްބާފައި ތިބި އާންމު ވޯޑަކާއި އައިސީޔޫގެ ވޯޑެއް ތަޙުލީލުކޮށްފައެވެ.
ދިރާސާ ކުރި ފަރާތްތަކުން ބުނީ ފެބްރުއަރީ 19 އިން މާރިޗު 2 ގެ ނިޔަލަށް ކޯވިޑް ބަލީގެ 24 މީހަކު ވަނީ އެ ވޯޑްތަކުގައި އެނދުމަތި ކޮށްފައެވެ . ސައިންސްވެރިންވަނީ މި ދިރާސާތަކުގައި ވޯޑުތަކުގެ ވައިގެ ފަށަލަތަކުގައި ޖަރާސީމު ހުރި މިންވަރު ތަޙުލީލުކޮށްފައެވެ. ތަޙުލީލުގެ ނަތީޖާ ދެއްކީ ކޯވިޑް-19 ޖައްސާ ޖަރާސީމު އެންމެ ބޮޑަށް ފެނިފައިވަނީ ވޯޑުތަކުގެ ބިންމަތިންނެވެ. އެއީ ބިމަށް ދަމާބާރުގެ ސަބަބުން ވައިގެ ތެރޭގައި ހުންނަ ޖަރާސީމު ތިރިއަށް ދަތުރުކުރާތީކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ.
އޭގެ އިތުރުން އާންމުކޮށް އަތްލާ ފަށަލަތަކުން ގިނަ ޢަދަދެއްގެ ޖަރާސީމުވަނީ ފެނިފައެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރާއި އޭގެ މައުސް އަދި ކުނިއަޅާ ޑަސްބިނާއި އެނދުގެ ފަޑިތަކާއި ދޮރުގެ ތަޅުތައް ހިމެނެއެވެ. އަދި އައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ބޫޓުތަކުންވެސް ގިނަ ޢަދަދަކަށް ކޯވިޑް-19 ޖައްސާ ޖަރާސީމް ވަނީ ފެނިފައެވެ. އެހެންކަމުން އައިސީޔޫގައި މަސައްކަތްކުރާ ޞިއްޙީ ޙިދުމަތްތެރިންގެ ބޫޓަކީ ކޯވިޑް-19 ފަތުރާ ވަޞީލަތަކަށްވުން އެކަށީގެންވާކަމަށް ޑޮކްޓަރުން ލަފާކުރެއެވެ.
މިދިރާސާގެ ނަތީޖާގެ ސަބަބުން ކޯވިޑް-19 ފެތުރޭ ގޮތާމެދު ވަނީ އިތުރު ސުވާލުތަކެއް އުފެދިފައެވެ.
ކެއްސާ ކިނބިހީގެ އިތުރުން ކޯވިޑް-19 ޖައްސާ ޖަރާސީމު ވައިގެ ތެރެއަށް ބޭރުވާކަމަށް މި ދިރާސާއިން ދައްކައެވެ. ކެއްސާ ކިނބިހި އެޅުމުން ބޭރުވާ ޖަރާސީމު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބިމުގެ ފަށަލަ އާއި ހަމައަށް ވެއްޓެއެވެ. ނަމަވެސް ވައިގެ ތެރޭގައި އެތައް ގަޑިއިރެއްވަންދެން ކޮންމެވެސް ވަރަކަށް ޖަރާސީމު ދެމިހުންނަކަމަށްވެސް މި ދިރާސާއިން ދެއްކިއެވެ.
ބަލި މީހުންނާއި 13 ފޫޓު ދުރުންވެސް ޖަރާސީމުގެ އަސަރުވަނީ ފެނިފައެވެ. އެއީ ކޯވިޑް-19 ޖެހުމުން ރައްކާތެރިވުމަށް ދުރުމިން ބެހެއްޓުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެމުންގެންދާ މިންވަރަށްވުރެ ދެގުނަ އިތުރު ދުރުމިނެކެވެ. ނަމަވެސް އެ ދުރުމިނުގައި ހުންނަ ޖަރާސީމުން ބަލިޖެހޭނެތޯ ނުވަތަ ނޫންތޯ އަދި ޔަޤީންކުރެވިފައެއް ނުވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިންވެސް އެދުރުމިނުގައި ހުންނަ ޖަރާސީމުން ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަކަށް މިހާތަނަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން ވަނީ ނޭވާލުމާއި ވާހަކަ ދެއްކުމުގެ ޒަރިއްޔާއިން ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރަށް ބޭރުތެރެއަށް ނުކުންނައިރު އެންމެންވެސް މާސްކު ބޭނުންކުރުމަށް އިރުޝާދުދީފައެވެ.
ދިރާސާކުރި ހަސްފަތާލުގައި މަސައްކަތްކުރާ އެއްވެސް ޞިއްޙީ ޚިދުމަތްތެރިއަކަށް މިހާތަނަށް ކޯވިޑް-19ގެ އަސަރުކޮށްފައެއް ނުވެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެދެވޭގޮތަށް އަޅާނަމަ ބަލި ޖެހުމުން ސަލާމަތްވެވޭނެކަން ހާމަކޮށްދޭކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
ދުނިޔޭގެ 1.7 މިނިއަނަށްވުރެ ގިނަ މީހުން ގައިން ކޯވިޑް ބަލިވަނީ ފެނިފައެވެ. އަދި އެބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ އެއްލައްކަ އަށްވުރެ މައްޗަށް އަރާފައެވެ.