ރަށު ކައުންސިލަރުން މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލައިފި
ރަށު ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލައިފިއެވެ.
މި ބަދަލުތައް މަޖިލީހުން ގެނައި ތިން ބިލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވިއެވެ. އެއީ ގާނޫނުއަސާސީއާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ އަތޮޅު ކައުންސިލްތައް އުވާލުމެވެ. ދެން ހިމެނެނީ ރަށްރަށުގެ ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ.
ކުރިން 3000އަށް ވުރެ ގިނަ މީހުންގެ އާބާދީގެ ރަށްރަށުގައި ތިބެނީ ހަތް ކައުންސިލަރުންނެވެ. އަދި އެއަށް ވުރެ މީހުން މަދު އާބާދީގެ ރަށްރަށުގައި ތިބެނީ ފަސް ކައުންސިލަރުންނެވެ.
މިހާރު ގެނައި ބަދަލަކީ 2000އަށް ވުރެ ގިނަ މީހުންގެ އާބާދީގެ ރަށްރަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން ކައުންސިލަރުންނަށް އަދަދު މަދުކުރުމެވެ.

