މާލީ ޒިންމާގެ ޗާޓަރު އެކުލަވައިލުން ފަސްކުރުމުގެ އިސްލާހު ތަސްދީގުކުރައްވައިފި
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސްކުރުމުގެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަޖިލީހުން ފާސްކުރި މި ގާނޫނު މިހާރު އޮތް ގޮތުން އަންނަ ބުދަ ދުވަހުގެ ކުރިން އެ ޗާޓާރު އެކުލަވައިލައި ފާސްކޮށް އެއަށް އަމަލު ކުރަން ޖެހެއެވެ.
ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނު ވުޖޫދުވި ދުވަހުގެ ފަހުން ދެ އަހަރަށް އެ މުއްދަތު އިތުރުކުރުމަށެވެ. އެއާ އެކު، ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ފާސްކޮށް އަމަލު ކުރަން ޖެހޭނީ ޑިސެމްބަރު 3, 2026ގައެވެ.
ފިސްކަލް ޒިންމާގެ ގާނޫނުގެ މަގުސަދަކީ ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާ ނުހިނގާ ގޮތް ބެލުމުގެ ބާރު ރަައްޔިތުންގެ މަޖިލީހަށް ދިނުމެވެ. އަދި ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް މަޖިލިހާ ހިއްސާކޮށް ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އުސޫލުތައް ބަޔާން ކުރުމަކީ ވެސް އޭގެ މަގުސަދެކެވެ.

