ދުނިޔެ

އިންޑިއާ އާއި ރަޝިއާގެ ގުޅުން އިތުރަށް ބަދަހިކޮށްފި: ނިއުކްލިއަރ ބާރު، ފަސްފަރާތް އަދި ދަތުރުފަތުރުގެ ކޮރިޑޯތަކަށް އިސްކަންދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ރަޝިއާ އިން ވަނީ އެ ދެގައުމުގެ ‘ޚާއްސަ އަދި އިސްތިރާޖީ ބައިވެރިކަން’ އިތުރަށް ވަރުގަދަ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، ވިޔަފާރި، ނިއުކްލިއަރ ހަކަތަ، ދިފާޢު އަދި ސައިންސް ފަދަ މުހިންމު ދާއިރާތަކުން ގުޅުން ފުޅާކޮށްފައިވެއެވެ. މިކަންކަމުގެ ތަފްސީލުތައް ހާމަކޮށްފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައިވެރިވެވަޑައިގެންނެވި 23 ވަނަ އިންޑިއާ-ރަޝިއާ އަހަރީ ސަމިޓަށްފަހު އެކުލަވައިލި ބޭރުގެ ކަންކަން ބަލަހައްޓާ ވުޒާރާގެ ޖޮއިންޓް ސްޓޭޓްމަންޓެއްގައެވެ.

Ads by MPL

މި ސަމިޓްގެ އެންމެ މުހިންމު އެއް ކަމަކީ ނިއުކްލިއަރ ހަކަތައިގެ ދާއިރާއިން ގުޅުން ކުރިއެރުވުމަށް ދެ ގައުމުން ވެފައިވާ ވަޢުދެވެ. ދެ ލީޑަރުން ވެސް ވަނީ ރަޝިއާގެ ޑިޒައިންގެ ނިއުކްލިއަރ ޕަވަރ ޕްލާންޓެއް (އެންޕީޕީ) ގާއިމުކުރުމަށް އިންޑިއާގައި ދެވަނަ ސައިޓެއް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ޕޫޓިން ވަނީ ތަމިޅް ނާޑޫގައި ހުންނަ ކުޑަންކުލަމް ނިއުކްލިއަރ ޕަވަރ ޕްލާންޓް ފުރިހަމައަށް ހިންގުމަށް ރަޝިއާގެ އެހީތެރިކަން އަނެއްކާވެސް ޔަގީންކޮށްދެއްވާފައެވެ. މި ޕްލާންޓްގެ ހަ ރިއެކްޓަރުގެ ތެރެއިން ދެ ރިއެކްޓަރު މިހާރު ވެސް ހިނގަމުންދާއިރު، އިތުރު ހަތަރު ރިއެކްޓަރުގެ މަސައްކަތް ދަނީ ކުރިއަށެވެ. ދެ ގައުމުގެ އަމާޒަކީ ޖޮއިންޓް ޑިވެލޮޕްމަންޓް، އިކުއިޕްމަންޓް ލޯކަލައިޒޭޝަން އަދި އެޑްވާންސްޑް ފިއުލް ސައިކަލްގެ އެހީގައި 2047 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ނިއުކްލިއަރ ކެޕޭސިޓީ 100 ޖީޑަބްލިއު އަށް އިތުރުކުރުމެވެ.

ހަކަތައަށްވުރެ ބޭރުން، މި ބައިވެރިކަމުގެ ދަށުން ޖައްވީ ދަތުރުފަތުރުގެ ދާއިރާއިން ވެސް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އިންޑިއާގެ އައިއެސްއާރުއޯ އާއި ރޮސްކޮސްމޮސް އާ ދެމެދު އިންސާނުން ޖައްވަށް ފޮނުވުން، ސެޓެލައިޓް ނެވިގޭޝަން އަދި ޕްލެނެޓަރީ މިޝަންތަކަށް އިސްކަންދީގެން ގުޅުން ބަދަހިކޮށްފައިވެއެވެ. އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން، ދިގު މުއްދަތަށް ފަސްފަރާތް ލިބޭނެ ގޮތްތައް ހޯދުމަށް ދެ ގައުމުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި މުހިންމު ކެމިކަލް އަދި ފަސްފަރާތް ކުންފުނިތަކާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށް، ޖޮއިންޓް ވެންޗަރތައް އުފެއްދުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމަކީ ވެސް އިސްކަންދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. މިގޮތުން، ގަދަ ފިނި ސަރަހައްދުތަކުގައި ދަތުރުކުރާނެ މާހިރުން ތަމްރީނުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. މިއީ އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓް ކޮރިޑޯ، ޗެންނާއީ-ވްލަޑިވޮސްޓޮކް ކޮރިޑޯ، އަދި ނޯތަރން ސީ ރޫޓްގެ ލޮޖިސްޓިކްސް އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރަޝިއާގެ އިރުމަތީ އަދި އާކްޓިކް ސަރަހައްދުތަކުގައި އެއްބާރުލުން ދިނުމަށް ވެސް ވަނީ އިސްކަންދީފައެވެ. މިގޮތުން، 2024 އިން 2029 އަށް ދަނޑުވެރިކަން، ހަކަތަ، މައިނިންގ، އަދި ބޭސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްމަންޓް ގެނައުމަށް ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައެވެ.

ދިފާޢީ ދާއިރާގައި، އިންޑިއާ އާއި ރަޝިއާ އިން ވަނީ ‘މޭކް-އިން-އިންޑިއާ’ އިނިޝިއޭޓިވްގެ ދަށުން ސްޕެއަރ ޕާޓްސް އާއި އިކުއިޕްމަންޓް ޖޮއިންޓްކޮށް އުފެއްދުމަށް ބާރުއެޅުމަށް އެއްބަސްވެފައެވެ. މިއީ ޓެކްނޮލޮޖީ ބަދަލުކުރުމާއި، ރައްޓެހި ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އިންޑްރާ ޖޮއިންޓް އެކްސަސައިޒްތައް ހިމެނޭ ގޮތަށް، އަސްކަރީ ގުޅުންތައް ބަދަހިކުރުމަށް ދެ ފަރާތުން ވެސް ވަނީ ވަޢުދުވެފައެވެ. މީގެ އިތުރުން، ދެ ގައުމުގެ މެދުގައިވާ ވިޔަފާރީގެ މުޢާމަލާތްތައް އެ ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ހިންގުމަށާއި، ޕޭމަންޓް އަދި ޑިޖިޓަލް ކަރަންސީ ނިޒާމުތައް ގުޅުވައިލުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ރައީސް ޕޫޓިން ނިއުދިއްލީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވިއިރު، މިއީ މި ދެ ދިގު މުއްދަތުގެ ބައިވެރިންގެ އިސްތިރާޖީ މަޝްވަރާތަކަށް އާ ފެށުމެއް ގެނެސްދިން ދަތުރުފުޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!