ރިޕޯޓް

ގައުމުތަކުގެ ދިދައިގައި ދަނބު ކުލަ ނުހުންނަނީ ކީއްވެކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި 196 ގައުމު އޮންނަ އިރު 99 އިންސައްތަ ގައުމުގައި ދިދައިގައި ދަނބު ކުލަ ނެތުމަކީ އިއްތިފާގަކަށް ނުވާނެއެވެ. ތަފާތު އެކި ކުލަތަކާއި ޑިޒައިން ތަކުން ގައުމު ރަމްޒުކޮށްދޭއިރު ދަނބު ކުލަ ހިމެނެނީ އެންމެ ދެ ގައުމެއްގެ ދިދައިގައެވެ. ތާރީރުގައި ވެސް އެއްވެސް ރަސްކަމެއް، ނުވަތަ އެމްޕަޔާރ އެއް ރަމްޒު ކުރުމަށް ވެސް ދަނބުކުލަ ބޭނުން ކޮށްފައެއް ނުވެއެވެ.

ކަންމިހެން އޮތްއިރު ދަނބު ކުލަ ހިޔާރު ނުކުރުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮންނާނެކަން ޔަގީނެވެ. ބުނެވޭ ގޮތުގައި ގައުމުތަކުގެ ދިދަތަކުގައި ދަނބު ކުލަ ބޭނުން ކޮށްފައިނުވަނީ އެ ދުވަސްވަރު އެކުލައިގެ އަގު ބޮޑުކަމުންނެވެ.

ދަނބުކުލައިގެ ތާރީހަށް ބަލާލާއިރު އެންމެ ކުރީއްސުރެ ޝާހީ ކަމާއި މުއްސަނދިކަން ރަމްޒު ކޮށްދޭ ދަނބު ކުލަ އަކީ އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ނޫން އެހެން މީހުން ބޭނުން މަނާކޮށްފައިވެސް އޮތް ކުލައެކެވެ. ދަނބުކުލަ ހެދުމަށް ބޭނުންވާ ކުލަ އިހުގައި ލިބެނީ ހަމައެކަނި މިހާރުގެ ލުބުނާނުން ކަމުގައި ބުނެވެއެވެ. ފޮތި އުފައްދާ މީހުން ލުބުނާނުން މިކުލަ ނަގައި އުޅުނީ ފިނިހަކައަކުންނެވެ. މި ފިނިހަކަ އަކީ ހަމައެެކަނި އެ ސަރަހައްދުން ފެންނަ ފިނިހަކަ އެއް ކަމުގައި ވެސް ބުނެވެއެވެ.

ކަންމިހެން އޮތްއިރު މި ފިނިހަކަ އިން ކުލަ ނެގުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. އަދި ހަމައެހާމެ އަގުބޮޑު ކަމެއްކަމުގައި ވެސް ބުނެވެއެވެ. ކޮންމެ 1 ގުރާމު ކުލަ އުފެއްދުމަށްޓަކައި ވެސް ދިހަ ހާހަށް ވުރެ ގިނަ ފިނިހަކަ ބޭނުންވާއިރު މިކުލައިގެ އަގުވެސް އެހާމެ ބޮޑެވެ. މިހާ އަގުބޮޑު އެއްޗެއް ގަތުމުގެ ގާބިލުކަން އޭރު މާ ގިނަ ބަޔަކަށް ލިބިފައެއް ނުވެއެވެ. އޭގެ ސަބަބުން މުޅިން ވެސް މި ކުލަ ގަނެ އުޅުނީ ޝާހީ އާއިލާ އިންނާއި މުއްސަނދި މަހުޖަނުންނެވެ.

ނަމަވެސް ތާރީހު ބުނާގޮތުގައި ތިން ވަނަ ގަރުނުގައި ޝާހީ ބައެއް އާއިލާ ތަކަށް މިކުލައިގެ ފޮތި ވެސް ނުގަނެވޭހާ އަގުބޮޑުވެގެންދިޔައެވެ. އެ ގަރުނުގައި ރޯމް ގައި ވެރިކަން ކުރި އެމްޕަޔަރަކު އޭނާގެ އަންހެނުން ދަނބު ކުލައިގެ ޝޯލްއެއް ގަތުމަށް ވެސް ދެކޮޅު ހަދާފައިވެއެވެ. ބުނެވޭ ގޮތުގައި އެ ޝޯލްގެ އަގު އޭގެ ތިން ގުނަ ރަނަށް ވުރެ ވެސް އަހުބޮޑެވެ.

އަގުބޮޑު ތާރީހަކަށް ފަހު 1856 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ޒުވާން ކެމިސްޓަކަށް އެންޓިމެލޭރިއާ ޑްރަގް ސިންތަޒައިޒް ކުރުމުގެ ތެރޭގައި އޮޅިގެން ދަނބު ކުލަ އުފެއްދުނެވެ. އޭނާ ލެބުގައި އުފެއްދި މި ދަނބު ކުލަ ފެބްރިކް ޑައިން ގައި ބޭނުންކޮށް އޭނާ ވަނީ ބޮޑު މުއްސަނދި ކަމެއް ވެސް ހޯދާފައެވެ.

ދަނބު ކުލައިގެ އަގުހެޔޮވެ އާންމުންނަށް މިކުލަ ބޭނުން ކުރެވެން ފެށީ މިހާ ހިސާބުންނެވެ. ދަނބު ކުލަ ރަމްޒު ކުރެވުނު ޝާހީ ކަމާއި މުއްސަނދިކަން ވެސް އެއާއެކު ބަދަލުވެގެން ދިޔައީއެވެ. ނަމަވެސް ގައުމުތަކުގެ ދިދަ ހުރީ ބަދަލުނުވެއެވެ.

ގިނަ ދިދަތަކަކީ ދަނބު ކުލައިގެ އަގު އިންތިހާއަށް ބޮޑު ދުވަސްވަރު އުފެދިފައިވާ ދިދަތަކެއް ކަމުން އެ ދިދަ ތަކުގައި އެކުލަ ނެތީއެވެ.

ނަމަވެސް 1990 ގެ ފަހުން ދެ ގައުމެއް ގެ ދިދައިގައި ދަނބު ކުލަ ހިމަނާފައިވެއެވެ. އެއީ ޑޮމިނިކާ އާއި ނިކަރަގުއާ ގެ ދިދައިގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!