ޖަމީލު ތާއީދުކުރައްވަނީ އެމްޑީޕީގެ މޭޔަރު ރަފީގަށް ދެވަނަ ދައުރެއް ދޭން
ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ފުވައްމުލަކު ސިޓީ ގެ މިހާރުގެ މޭޔަރު އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ އިސްމާއިލް ރަފީގު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނައިބު ރައީސްކަން ވެސް ކުރެއްވި ޑރ. ޖަމީލު މިކަން ހާމަ ކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ޖަމީލް ދީދީ ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މި މިވަގުތު އެންމެންނަށް ވެސް މަޖިލީހުން ފެންނަން އޮތް ހަގީގަތަކީ ގާނޫނު އަސާސީން ރައްޔިތުންގެ ވަކީލުންގެ ދައުރު ޙަވާލުކޮށްފައި އޮތީ ވަކި ޕާޓީއަކަށް ނިސްބަތް ވީތީ ޕާޓީން ބޭނުންވާ ކޮންމެ ކަމެއް ގާނޫނު އަސާސީއާ ޚިލާފުވިޔަސް ކުރާ ގޮތަކަށް ނޫން ކަމަށެވެ.
ފަނޑިޔާރު ކަމާއި ވަޒީރުކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ މަޖިލީހުން ފެނިވަޑައިގަންނަވަނީ ޕާޓީ ބަދަލު ވުމުން އެޕާޓީން ގޮޑިގެއްލުވާލުން، އަދި އަތޮޅު ކައުންސިލް އުވާލުން މިއީ ދުސްތޫރީ ފްރޭމްވޯކް މުގުރާލުމުގެ އަމަލުތަކެއް ކަމަށެވެ.
އަދި އެހެން އެކަން ކަން ކުރެވެނީ ޕީއެންސީގައި ތަޢްލީމް ނެތް ގިނަ މެމްބަރުންތަކެއް ތިބުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ލިބުނު ތަޖްރިބާގެ އަލީގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގައި ކަމަށް ގާބިލް، ތަޢްލީމީ ހުނަރުވެރި ކެންޑިޑޭޓުން ހޮވުމަށް އިސްކަން ދިނުމަށް ޖަމީލް ގޮވާލެއްވިއެވެ.
"އަޅުގަނޑުގެ ޒާތީ ޚިޔާލުގައި އިސްމާއީލް ރަފީގަކީ މުޅި ރާއްޖޭގައި ވެސް ހުރި މޭޔަރުންގެ ތެރެއިން ކަމަށް ކުރިމަތިލައްވާފައިވާ އެންމެ ތަޢްލީމީ އަދި ގާބިލް ބޭފުޅާ،" ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ ޒާތީ ނުވެ އަތޮޅަށާއި ރަށަށް ފައިދާ ހުރިގޮތް ޚިޔާރު ކުރުން ބުއްދިވެރި ކަމަށެވެ.
