މާފުށީގެ ދެ ފަރާތް ހިއްކިއިރު، މި މީހުން ކޮބާ؟
- ރައީސް ސޯލިހުގެ ވެރިކަމުގައި މާފުށީގެ ދެ ފަރާތުގައި ދެ ރަށް ހިއްކިއެވެ. އޭރު އެ ރަށުގައި ޓޫރިޒަމް ހިންގާ ބަޔަކު އިހުތިޖާޖެއް ނުކުރެ އެވެ
ރަސްމާލެ ހިއްކަން ސަރުކާރުން ކުރިއަށް ގެންދަނީ މުހިންމު މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށީގެ ގޮތުގައި ހަދަން ޖެހޭ ހުރިހާ ދިރާސާތަކެއް ހަދައި އެންމެ ގެއްލުން ކުޑަވާނެ ގޮތެއްގެ މަތިންނެވެ. މި މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުންނެވެ. މިއީ އިންޓަނޭޝަނަލީ ގަބޫލުކުރާ މިންގަނޑުގެ ތެރޭން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ނަމަވެސް މަޝްރޫއުގެ ފުރަތަމަ ބައި ނިމިދާނެހެން ހީވެފައި ވަނިކޮށް ތިމާވެށީގެ ހިމާޔަތުގެ ނަމުގައި ބަޔަކު މިވަނީ އެކަމާ ދެކޮޅަށް ނިކުމެފައެވެ. މިކަމުގެ ޖަޑިބުންގެ ގޮތުގައި ތިބީ މާފުށީގައި ޓޫރިޒަމް ހިންގާ އިސް ފަރާތްތަކަށެވެ. ނަމަވެސް މިކަން ހިންގާ ބައެއްގެ އިހުސާސްތެރިކަމާ މަގުސަދާ މެދު މިވަނީ ސުވާލު އުފައްދަން ޖާގަ ލިބިފައެވެ. ފުރަތަމަ ސުވާލަކީ މިކަން ކުރާ މަގުސަދެވެ. މާފުށީގައި ހިމެނޭ ޓޫރިޒަމް ބަޔަކު މިކަން ކުރާ ނަމަ މާފުށި ހިއްކިއިރު މި މީހުން ކޮބައި ހެއްޔެވެ؟
މާފުށީގެ އެއް ފަރާތުގައި "މަންތާ އައިލެންޑް"ގެ ނަމުގައި ރަށެއް ހިއްކީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ މަޝްރޫއުތައް ބަހާލި ދުވަސްވަރު މާފުށީގެ އެއް ފަރާތުގައި މީހުން ދިރިއުޅެން ރަށެއް ހިއްކިއެވެ. އަދި އަނެއް ކޮޅުގައި ޕިކްނިކް ދާން ވެސް ރަށެއް ހިއްކައިދިނެވެ.
އެމްޓީސީސީގެ މަހާޖައްރާފު މާފުށީ ކައިރީގައި ބާއްވައިގެން އެތާ ކައިރިން ވެލި ދަމައިގެން އެ މަސައްކަތްކުރި އަވަސް އަރުވާލައިގެންނެވެ. ނަމަވެސް އެ ފަހަރު ވެސް މަސައްކަތް ކުރީ މިހާރުވެސް ކުރާ ގޮތަށް މިގަނޑުތަކާއި ސްޓޭންޑަޓްތަކެއް ފޮލޯކޮށްގެންނެވެ. އެހެންވީއިރު އޭރު މާފުށީ ތިމާވެށި ހަލާކުވެގެން އެ މީހުންނަށް ޑައިވް ނުކުރެވޭތީ ނޫޅުނީ ކީއްވެގެން ހެއްޔެވެ؟ އޭރު ތިމާވެއްޓަށް ގެއްލުންވެދާނެތީ އުޅޭ ބޭރުން ފަންޑިން ލިބޭ ތިމާވެށީގެ ޖަމިއްޔާތައް ކޮބައި ހެއްޔެވެ؟ 
މި ވާހަކަ ބާއްވައިފައި މާފުށީގެ ޓޫރިޒަމް ހިންގާ އެެރީނާ ހޮޓެލްއިން މާފުށީ ބުޑުގައި އޮތް ފަޅެއް ވަނީ ހިއްކާ ނިންމައިލައިފައެވެ. ސުވާލަކީ އެފަޅު ހިއްކިއިރު، ތިމާވެއްޓަށް ގެއްލުން ނުވޭ ހެއްޔެވެ؟ ހަގީގަތަކީ އެ މަސައްކަތް ވެސް ކުރީ ހަމަ އެމްޓީސީސީއިންނެވެ. މިފަދަ މަަސައްކަތްތަކަކީ ސްޓޭންޑަޑްތަކެއް ބަލައިގެން ކުރާ މަސައްކަތް ތަކެވެ. މަސައްކަތް ކުރަން ޖެހޭތީ އެ ސަރަހައްދުގައި ހުންނަ މުރަކަތައް އެހެން ތަނަކަށް ބަދަލުކުރުމާއި ގެއްލުން ކުޑަވާނެ ގޮތްތަކެއް މަސައްކަތް ފެށުމުގެ ކުރިން ކުރިއެވެ.
މި ފަޅު ހިއްކުން ބާއްވައިފައި ގުޅީފަޅާއި ގިރާވަރު ފަޅު ފަދަ ތަންތަން އެމްޑީޕީ ސަރުކާރުގައި ވެސް ހިއްކި އެވެ. އެކަމަކު ޑްރެޖަރު ބުޑަށް ގޮސް މުޒާހަރާއެއް ނުކުރެއެވެ. އެކަން ކުރަން އިސް ނަގާނެ ބަޔަކު ވެސް ނުވެއެވެ. ނަމަވެސް ރަސްމާލެ ހިކި ނިމިދާނެހެން ހީވުމުން ބަޔަކު ނެރެގެން މިކަން ކުރާ ސަބަބަކީ ހަގީގަތުގައި ވެސް ތިމާވެށީގެ ހައްގުގައި ކުރާކަމެއް ނޫންކަން ޔަގީންވެއެވެ.
މިކަން ކުރާ ހަގީގީ ސަބަބަކީ ރަސްމާލެ ހިއްކުން މަޑު ޖެއްސުމެވެ. ސަބަބަކީ މި ސަރަހައްދުން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދީފިނަމަ ސިޔާސީ ގޮތުން ބަޔަކަށް ވެދާނެ ތަދެއްގެ ފަރުވާ ލިބޭތޯ ބެލުން ނޫން އަޅެއް ދެން ކޮން ކަމެއް ހެއްޔެވެ؟
