ދުނިޔެ

އެމެރިކާ އާއި އީޔޫގެ ޑިމާންޑާއެކު އިންޑިއާގެ އިންޖިނިއަރިން އެކްސްޕޯޓް 11 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އިންޖިނިއަރިން އެކްސްޕޯޓް ނޮވެމްބަރު 2025 ގައި 11 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައި، މި މާލީ އަހަރުގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23.76 އިންސައްތައިގެ ކުރިއެރުމެކެވެ. އޮކްޓޯބަރު މަހު އެކްސްޕޯޓް 17 އިންސައްތަ ދަށަށް ދިއުމަށްފަހު، މިއީ އިންޖިނިއަރިން ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެކެވެ.

Ads by Creative Network

އިންޖިނިއަރިން އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލް (އީއީޕީސީ) އިން ހާމަކުރި ގޮތުގައި، މި ކުރިއެރުން ލިބިފައިވަނީ އެމެރިކާއިން އިތުރުކުރި ޓެރިފްތަކާއެކުވެސް، އެ ގައުމާއި ޔޫރަޕްގެ އިއްތިހާދަށް (އީޔޫ) ކުރި އެކްސްޕޯޓް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން އެމެރިކާއަށް ކުރި އެކްސްޕޯޓް 11.4 އިންސައްތަ އިތުރުވެފައިވާއިރު، އީޔޫއަށް ކުރި އެކްސްޕޯޓް ވަނީ 39 އިންސައްތައަށް އުފުލިފައެވެ.

އީއީޕީސީގެ ޗެއާމަން ޕަންކަޖް ޗަދާ ވިދާޅުވީ، މިއީ އެކްސްޕޯޓް ކުރާ ފަރާތްތަކުގެ ހިތްވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އޮމާން އާއި ނިއުޒީލެންޑާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ. މީގެ އިތުރުން އީޔޫ އާއި އެމެރިކާއާއެކު ކުރިއަށްދާ މިނިވަން ވިޔަފާރީގެ މަޝްވަރާތަކުން މި ދާއިރާއަށް އިތުރު ބާރެއް ލިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާގެ އިންޖިނިއަރިން އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ އެމެރިކާ، ޔޫއޭއީ އަދި ޖަރުމަނަށެވެ. ނަމަވެސް، ނޮވެމްބަރު މަހު ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއަށް ކުރި އެކްސްޕޯޓް ވަނީ ދަށަށް ގޮސްފައެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް އިން ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 79.74 ބިލިއަން ޑޮލަރުގެ އިންޖިނިއަރިން ސާމާނު އެކްސްޕޯޓްކޮށްފައިވެއެވެ.

އިންޑިއާގެ ޖުމްލަ މުދަލުގެ އެކްސްޕޯޓްގައި އިންޖިނިއަރިން ދާއިރާގެ ހިއްސާ ނޮވެމްބަރު މަހު ވަނީ 28.9 އިންސައްތައަށް އުފުލިފައެވެ. އެހެންނަމަވެސް، ދުނިޔޭގެ ވިޔަފާރީގެ ބާޒާރަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ސަބަބުން، ސްޓްރެޓީޖިކް ޕްލޭންތަކާއެކު ސަމާލުވެ ތިބުމަށް އީއީޕީސީގެ ރިޕޯޓުގައި އެކްސްޕޯޓަރުންނަށް އިރުޝާދު ދީފައިވެއެވެ.