ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު ނައީމް ހުސެއިން ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށް މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުން 74 އަހަރުގައި ނައީމް ނިޔާވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް އޭނާގެ މަރު ހަބަރު ސޯޝަލް މީޑިއާއަށް ތިލަވީ މިއަދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން އޭނާގެ އަގު ވަޒަންކޮށް އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވެސް މިއަދު ވަނީ ނައީމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދަންނަވައި އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ނައީމްގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެެވެ.
"މީގެ ބައި ގަރުނަށް ވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށް ފަހު، ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރުމަށް ޓަކައި ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައި ވަނީ އެ ހަނދާންތަކާ. " ރައީސް ވިދާޅުވިއެވެ.

