ދިރިއުޅުނު ތަނުގައި ކެނެބިސް ހައްދައިގެން އުޅުނު ދިވެއްސަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ދިރިއުޅުނު ތަނުގައި ކެނެބިސް ގަސްތަކެއް ހައްދައިގެން އުޅުނު ދިވެއްސަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
އެ ހުކުމް އިއްވީ ނ. ކެނދިކުޅުދޫ / ކެނދިކުޅު-ނިޝާން، އަހުމަދު ޔާސިހުގެ މައްްޗަށެވެ.
ޔާސިހުގެ މައްޗަށް ކުރި ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ހުލާސާގައިވާ ގޮތުން 2023ވަނަ އަހަރު އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅުނު ގޭގެ ބޭރުން ކެނެބިސް ގަހެއް ފެނިގެން ފުލުހުން އެ ސަރަހައްދަށް ދިއުމުން އެ ގަހަކީ އޭނާގެ އަމިއްލަ ގަހެއްކަމަށް ބުނެ އޭނާ ދިރިއުޅުނު އެޕާޓްމަންޓަށް ފުލުހުން ގެންގޮސް އެތަނުގައި ވެސް އޭގެ ގަސްތަކެއް ފުލުހުންނަށް ދެއްކުމުންނެވެ.
އެތަނުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ވެސް ފެނުނެވެ.
ފުލުހުންނަށް ޔާސިހު ދިން ބަޔާނުގައި އެކަންކަމަށް އެއްބަސްވެ ބަޔާން ދިން ނަމަވެސް އޭނާ ވަނީ ޝަރީއަތުގައި އެކަންކަމަށް އިންކާރުކޮށްފައެވެ.
ނަމަވެސް ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ ޔާސިހުގެ މައްޗަށް ހަތަރު ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ޖުމްލަ 100 އަހަރުގެ ޖަލުގެ ހުކުމެއް އިއްވައިފައެވެ.
އަދި ހަތަރު ލައްކަ ރުފިޔާއިން ،އޭނާ ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

