ވިޔަ ޕޯޓަލްގެ ސެކިއުރިޓީ ވަރުގަދަކުރަން އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީ.އޭ)އިން ބޭނުންކުރަމުން އަންނަ "ވިޔަ ޕޯޓަލް"ގެ އިންފޮމޭޝަން ސިސްޓަމް އޮޑިޓެއް ނިންމައި އެ ސިސްޓަމްގެ ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވައިފިއެވެ.
ވިޔަ ސިސްޓަމްގެ ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހިމެނޭ ރިޕޯޓެއް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި އޮޑިޓް ރިޕޯޓުގައި އެ ސިސްޓަމަށް ވަދެވޭ ގޮތްތަކާއި ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "ޖެނެރަލް އައިޓީ ކޮންޓްރޯލް"ތަކެއް ގާއިމުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓުން ފާހަގަވި މައްސަލަތަކުގެ ތެރޭގައި "ހައި ރިސްކް" އަދި "މީޑިއަމް ރިސްކް"ގެ މައްސަލަތައް ހިމެނެއެވެ. މީގެ ތެރޭގައި އެޕްލިކޭޝަން ކޮންޓްރޯލްތަކާ ގުޅުން ހުރި 7 މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ.
ސިސްޓަމްގައި ހުންނަ މައުލޫމާތަކީ އިތުބާރު ހުރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރުކުރުމަށް ޓަކައި ސިސްޓަމްގެ އޮޕަރޭޝަންތައް މިހާރަށް ވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ލަފާދީފައި ވަނީ ސިސްޓަމްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އައި.ޓީ ސިޔާސަތުތައް އެކުލަވައިލުމަށެވެ. އަދި ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް އެލްޖީއޭއަށް ވަނީ އިރުޝާދު ދީފައެވެ.



ބޯހިޔާވަހިކަމުގެ ފުލެޓު ބޭނުން9300948 މޯބައިލް