ދުނިޔެ

ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން 'ކަޝްމީރު ސޮލިޑާރިޓީ ޑޭ' ފާހަގަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހަކީ ކަޝްމީރުގެ ރައްޔިތުން އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމަށް ކުރާ މަސައްކަތަށް ތާއީދުކުރުމުގެ ގޮތުން ޕާކިސްތާނުން ފާހަގަކުރާ 'ކަޝްމީރު ސޮލިޑާރިޓީ ޑޭ' އެވެ. މި ދުވަހާ ގުޅިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި އާންމު އެއްވުންތައް ބާއްވައި، ސިޔާސީ އަދި ދީނީ އިސްވެރިން ވަނީ ބަޔާންތައް ނެރުއްވާފައެވެ.

ކަޝްމީރުގެ މައްސަލައަކީ 1947 ވަނަ އަހަރު އިނގިރޭސިވިލާތުން އިންޑިއާ މިނިވަންކޮށް ބައިކޮށްލި ހިސާބުން ފެށިގެން އުފެދިފައިވާ މައްސަލައެކެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުން ވަނީ ގަބީލާތަކުގެ މީހުން ބޭނުންކޮށްގެން ކަޝްމީރު ހިފުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ އެއީ އެ ސަރަހައްދުގެ ރައްޔިތުން އަމިއްލައަށް ފެށި މިނިވަންކަމުގެ ޖިހާދެއް ކަމަށެވެ. މި މައްސަލައިގައި ދެ ގައުމުގެ މެދުގައި 1965، 1971 އަދި 1999 ވަނަ އަހަރު ބޮޑެތި ހަނގުރާމަތަކެއް ހިނގާފައިވެއެވެ.

އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުގެ އިންޓަލިޖެންސް އެޖެންސީ (އައި.އެސް.އައި) އިން ދަނީ ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީނު ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، 1980 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން އެ ސަރަހައްދުގައި ހަރުކަށި ފިކުރުތައް އިތުރުވެ، ހިޒްބުލް މުޖާހިދީން ފަދަ ޖަމާއަތްތަކަށް ބޭރުގެ އެހީތެރިކަން ލިބެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން 1990 ވަނަ އަހަރު ގާތްގަނޑަކަށް 400،000 ކަޝްމީރު ޕަންޑިތުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ކަޝްމީރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުން ދަނީ އާންމު ރައްޔިތުންނާއި ސިޔާސީ ބޭފުޅުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. މީގެ ތެރޭގައި 2020 ވަނަ އަހަރު އަޖޭ ޕަންޑިތާ އާއި 2021 ވަނަ އަހަރު ބީ.ޖޭ.ޕީގެ ބައެއް އިސްވެރިން މަރާލުން ހިމެނެއެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ޕާކިސްތާނުގެ އެހީތެރިކަން ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރެއެވެ.

ކަޝްމީރުގެ މައްސަލައަށް ބޮޑު ބަދަލެއް އައީ 5 އޯގަސްޓް 2019 ގައެވެ. އެ ދުވަހު އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވާލައި، ކަޝްމީރަށް ލިބިދީފައިވާ ހާއްސަ އިމްތިޔާޒުތައް އިންޑިއާ ސަރުކާރުން ނިގުޅައިގަތެވެ. އިންޑިއާއިން ބުނާ ގޮތުގައި މިއީ އެ ސަރަހައްދު އިންޑިއާގެ އެހެން ސަރަހައްދުތަކާ އެއްހަމަކޮށް، ތަރައްގީ ކުރުމަށް އެޅި ފިޔަވަޅެކެވެ. މި ބަދަލަށްފަހު އެ ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތަކާއި މަރުވާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.