ދުނިޔެ

ދުނިޔޭގެ މެނުފެކްޗަރިން ހަބަކަށް ވުމަށް އިންޑިއާއިން 630 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ އުފެއްދުންތެރިކަމުގެ މަރުކަޒަކަށް ނުވަތަ ގްލޯބަލް މެނުފެކްޗަރިން ހަބަކަށް ވުމަށް އިންޑިއާއިން ބޮޑު އިސްތިރާޖީ ރޭވުމެއް އެކުލަވާލައި، އެކަމަށްޓަކައި 630 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ. މި އާ ސިޔާސަތުތަކާއި މާލީ އެހީތެރިކަން ހިމެނޭ ބަޖެޓު އާންމުކޮށްފައިވަނީ އިންޑިއާގެ އިގްތިސާދު އިތުރަށް ވަރުގަދަކުރުމުގެ މަގްސަދުގައެވެ.

އާދީއްތަ ދުވަހު އިންޑިއާގެ ފައިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން ހުށަހެޅުއްވި މި ބަޖެޓަކީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 7.7 އިންސައްތައިގެ އިތުރުވުމެކެވެ. މި ބަޖެޓުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިންޑިއާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ބޭނުން ހިފައިގެން އެކްސްޕޯޓް ނުވަތަ ބޭރު ގައުމުތަކަށް މުދާ ފޮނުވާ މިންވަރު އިތުރުކުރުން ހިމެނެއެވެ.

މުހިންމު ދާއިރާތަކަށް ހާއްސަ އިސްކަމެއް

މި ބަޖެޓުގެ ދަށުން ހަތް ދާއިރާއަކުން މެނުފެކްޗަރިން ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ބަޔޯފާމާ، ސެމީކޮންޑަކްޓަރ، އިލެކްޓްރޯނިކްސް ކޮމްޕޯނަންޓްސް އަދި ރެއަރ އާތު މެގްނެޓްސް ހިމެނެއެވެ. މީގެ ތެރެއިން ބަޔޯފާމާ ހަބެއްގެ ގޮތުގައި އިންޑިއާ ތަރައްގީކުރުމަށް 100 ބިލިއަން ރޫޕީސް (ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު) ކަނޑައަޅާފައިވާއިރު، ކޮންޓެއިނަރު އުފެއްދުމަށް 100 ބިލިއަން ރޫޕީސް އަދި ސެމީކޮންޑަކްޓަރާއި ޑިސްޕްލޭ މެނުފެކްޗަރިންއަށް 50 ބިލިއަން ރޫޕީސް ވަނީ ހާއްސަކޮށްފައެވެ.

އިމްޕޯޓަށް ބަރާސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ކެމިކަލް އުފައްދާ ތިން އާ އިންޑަސްޓްރިއަލް ޕާކު ގާއިމުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބަޖެޓުގައި މާއްދާތަކެއް ހިމަނާފައިވެއެވެ.

މިނިސްޓަރުގެ ބަޔާނާއި މާހިރުންގެ ދިރާސާ

ފައިނޭންސް މިނިސްޓަރު ސީތާރާމަން ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މުހިންމު ދާއިރާތަކުން އުފެއްދުންތެރިކަން އިތުރުކޮށް، ކުރީގެ ސިނާއީ ސަރަހައްދުތައް އަލުން ދިރުވައި އާލާކޮށްގެން މަސައްކަތުގެ ހަލުވިމިން އިތުރުކުރުމެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މިއީ ގައުމުގެ އިގްތިސާދީ ދުވެލި ބާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ނަމަވެސް، އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި 630 ބިލިއަން ޑޮލަރަކީ ބޮޑު އަދަދެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ވާދަކޮށް އާ މާކެޓުތަކަށް ވަނުމަށްޓަކައި މިއަށްވުރެ ވެސް އިތުރު އިންވެސްޓްމަންޓްތައް ބޭނުންވެދާނެއެވެ. އިންޑިއާއިން މިހާރު މަސައްކަތް ކުރަމުންދަނީ ވިޔަފާރީގެ ގުޅުންތައް ސިންދަފާތުކޮށް (diversify)، ބައިނަލްއަގުވާމީ ފެންވަރުގައި ފައިތިލަ ސާބިތުކުރުމަށެވެ.