އަންލީޝްގެ ދެވަނަ މުބާރާތުން ރާއްޖޭގެ އީލާފް އާއި ޗާންގ އަށް ރަން މެޑަލް
ސްރީލަންކާގައި ކުރިއަށްދިޔަ އަންލީޝް - އޮބްސޮލިއުޓް ވޮރިއާސް 002 ގައި ވާދަކޮށް ރާއްޖޭގެ އަހުމަދު އީލާފް ނަދީމް އާއި މުހައްމަދު ސައިފްޝާން (ޗާންގ) ރަން މެޑަލް ހޯދައިފި އެވެ.
މި މުބާރާތުގައި އީލާފް ވާދަކޮށްފައިވަނީ މުއޭ ތައި މިޑިލްވޭ 72 ކިލޯގަ އެވެ. މި ކެޓަގަރީގައި ވާދަކޮށް އީލާފް ރަން މެޑަލް ހޯދީ ލަންކާގެ އެތުލީޓް ޕްރަދީޕް އަބޭސިންގްހަ ބަލިކޮށްގެންނެވެ. އެއާއެކު އީލާފް އަށް ވަނީ އަންނަ ސީޒަނުގައި މި މުބާރާތުގެ ބެލްޓް ފައިޓް އިން ޖާގަ ހޯދާފަ އެވެ. ބެލްޓް ފައިޓްގައި އީލާފް އަންނަ ސީޒަނުގައި ވާދަކުރަން ޖެހޭނީ މި ސީޒަނުގެ ބެލްޓް ކާމިޔާބުކުރި ހުސްނީ އަހުމަދާ އެވެ.
މީގެ ކުރިން 2024 ވަނަ އަހަރު އީލާފް ވަނީ ހުސްނީއާ ވާދަކޮށް ބަލިވެފަ އެވެ.
މީގެ އިތުރުން ޗާންގ މެޑަލް ހޯދީ އެމްއެމްއޭ ކެޓަގަރީގައި ވާދަކޮށް، ލަންކާގެ ރަޖް ވަރަނައާ ވާދަކޮށެވެ. މީގެ ކުރިން މިދިޔަ ސީޒަނުގައި ވެސް ޗާންގ ވަނީ އެމްއެމްއޭ ގައި ވާދަކޮށް ރަން މެޑަލް ހޯދައިފަ އެވެ.
މި ކާމިޔާބީއާއެކު، ޗާންގ، ވަނީ ކުރިއަށް އޮތް ތަނުގައި އެމްއެމްއޭގެ ބެލްޓް އިވެންޓްގައި ވާދަކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އުންމީދަކީ ރާއްޖެ އަށް އެމްއެމްއޭ ކެޓަގަރީން ބެލްޓް ހޯދައިދިނުން ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އީލާފް ވަނީ އަންނަ ސީޒަނުގެ ބެލްޓް މެޗުގައި ކުޅެން ލިބުމުން އެކަމާ ހިތްހަމަ ޖެހިފައި ހުރިކަން ފާހަގަކޮށްފަ އެވެ. އަދި އީލާފް ވަނީ މިއީ 2024 ވަނަ އަހަރު ހުސްނީ އަތުން ބަލިވި ބަލިވުން ހަނދާން ނައްތާލުމަށް ލިބުނު ފުރުސަތެއްކަން ފާހަގަ ކޮށްފަ އެވެ.
ކޮމްބެޓް ސްޕޯޓްސް އަކީ ރާއްޖެ އަށް އައު ކުޅިވަރެއް ނަމަވެސް މި ކުޅިވަރުގެ ކޮމިއުނިޓީ އަންނަނީ މަޑު މަޑުން ބޮޑުވަމުންނެވެ. އެގޮތުން ކުޑަކުދިން އާއި ޒުވާނުންގެ މެދުގައި ކޮމްބެޓް ސްޕޯޓްސް ކުރިއަރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. މި ކުޅިވަރުން އެންމެ ފުރަތަމަ މެޑަލް އެއް ލިބުނީ 2024 ވަނަ އަހަރު ޝާން އަށެވެ.

