ބަންގްލަދޭޝްގައި ބޭއްވި 13ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އިން ކާމިޔާބު ކުރުމާ ގުޅިގެން އެ ޕާޓީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.
މުޒާހަރާތަކާ ގުޅިގެން ބަނގުލަދޭޝްގައި ވެރިކަން ކުރަމުން އައި ޝައިހު ހަސީނާގެ ވެރިކަން ވައްޓާލީ މިދިޔަ އޮގަސްޓު މަހުއެވެ. އަދި އޭގެ ފަހުން ބޭއްވި އިންތިހާބު ބީއެންޕީއިން ކާމިޔާބުކުރި އިރު އެ ޕާޓީން ވަނީ ޕާލަމަންޓްގެ ތިން ބައިކުޅަ ދެބައި ގޮނޑި ނަގައިފައެވެ.
އެ ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ބީއެންޕީއިން އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ޕާޓީގެ ލީޑަރު ތާރިގު ރަހްމާންއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށް ޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި، ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ބީއެންޕީއިން އިންތިހާބު ކާމިޔާބުކުރުމާ އެކު ބަނގުލަދޭޝަންގެ ބޮޑުވަޒީރުކަމަށް އައުން ގާތީ ތޯރިގު ރަހުމާންކަމަށް ވަނީ ބެލެވިފައެވެ. ތޯރިގުއަކީ ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުންނެވެ.