އުއިގޫރު މުސްލިމުންނަށް ކުރާ އަނިޔާތަކާ ގުޅިގެން އަލްގައިދާއިން ޗައިނާއަށް ވަރުގަދަ އިންޒާރެއް ދީފި
ޗައިނާގެ ޝިންޖިއާން ޕްރޮވިންސްގައި ދިރިއުޅޭ އުއިގޫރު މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން، އަލްގައިދާގެ ގޮފިތަކުން ޗައިނާއަކީ އެ ޖަމާއަތުގެ މައިގަނޑު ދުޝްމަނެއްގެ ގޮތުގައި ކަނޑައަޅައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޗައިނާގެ މަސްލަހަތުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިއެވެ. މިއީ ބައިނަލްއަގުވާމީ ޖިހާދީ ޖަމާއަތްތަކުން ޗައިނާއާ ދެކޮޅަށް ބަސްމަގު ބަދަލުކޮށް، ދިން ވަރުގަދަ އިންޒާރެކެވެ.
އަލްގައިދާ އިން ދަ އެރޭބިއަން ޕެނިންސިއުލާ (އޭކިއުއޭޕީ) ގެ އަމީރު، ޝައިޚް ސާދު ބިން އާތިފް އަލް އަވްލާގީ ނެރުއްވި ބަޔާނެއްގައި ޗައިނާ ސަރުކާރަކީ "މުޝްރިކު، ކާފަރު" ދުޝްމަނެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި އުއިގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގާ އަމަލުތަކުގެ ސަބަބުން އެ ގައުމަށް ހަމަލާދިނުން ހުއްދަވެއެވެ. މިއީ މީގެ ކުރިން ސަރަހައްދީ ހަނގުރާމަތަކަށް އިސްކަންދިން އޭކިއުއޭޕީގެ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ.
އަލްގައިދާގެ މި އިންޒާރުގައި ބުނެފައިވަނީ ހަމަލާތައް ހަމައެކަނި އެއްގަމަށް މަދު ނުވާނެ ކަމަށާއި، ކަނޑުމަތީގައިވާ ޗައިނާގެ މަސްލަހަތުތަކަށްވެސް އަމާޒުކުރާނެ ކަމަށެވެ. މީގެ ތެރޭގައި ޗައިނާގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ވިޔަފާރި އުޅަނދުފަހަރާއި، ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ޗައިނާގެ މުވައްޒަފުންނާއި، އުމްރާނީ ވަސީލަތްތައް ހިމެނެއެވެ. ހާއްސަކޮށް ރެޑް ސީ، ގަލްފް އޮފް އަދަން އަދި ބާބުލް މަންދަބު ފަދަ މުހިންމު ކަނޑުގެ މަގުތަކުގައި ހުރި ޗައިނާގެ މަސްލަހަތުތަކަށް ނުރައްކާ އޮތްކަން މި ބަޔާނުން ދޭހަވެއެވެ.
މުހައްލިލުން ދެކޭ ގޮތުގައި އަލްގައިދާގެ މި އަމަލަކީ އާ މެންބަރުން ޖަމާއަތާ ގުޅުމަށް ބާރުއެޅުމަށާއި، ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެކޮޅަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެއްކުމަށް ކުރާ ކަމެކެވެ. މީގެ ކުރިން އިސްލާމިކް ސްޓޭޓް ހޮރާސާން ޕްރޮވިންސް (އައިއެސްކޭޕީ) އާއި ބަލޮޗިސްތާނުގެ ވަކިވެގަންނަން އުޅޭ ގްރޫޕްތަކުންވެސް ވަނީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ފަދަ ޗައިނާގެ މަޝްރޫއުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ.
އަލްގައިދާގެ އިރުމަތީ އެފްރިކާގެ ގޯފި، އަލް-ޝަބާބުންވެސް ވަނީ ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" އަކީ އިސްތިއުމާރީ މަޝްރޫއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ޖަމާއަތުން ވަނީ 2015 ވަނަ އަހަރު މޮގަދިޝޫގައި ހުންނަ ޗައިނާ އެމްބަސީގެ މުވައްޒަފުންނަށް އަމާޒުކޮށް ބޮން ގޮއްވާލާފައެވެ. އަދި ކެންޔާގައި ހުރި ޗައިނާގެ ކޮންސްޓްރަކްޝަން ސައިޓްތަކަށްވެސް އެކި ފަހަރުމަތިން ހަމަލާދީފައިވެއެވެ.
ޗައިނާގެ އިގްތިސާދީ އަދި ސިޔާސީ ނުފޫޒު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާވަމުންދާ ވަރަކަށް، އެ ގައުމުގެ ރައްޔިތުންނާއި މުދަލަކީ ޖިހާދީ ޖަމާއަތްތަކުގެ އަމާޒުފަތްގަނޑަކަށް ވުމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ބައިނަލްއަގުވާމީ މަސްރަހުގައި ޗައިނާއަށް ކުރިމަތިވާނެ ސަލާމަތީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

