އޭއައި ސަމިޓްގެ ހަވާސާގައި އިންޑިއާއާއި އޮޅުދޫކަރައިގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ "އޭއައި އިމްޕެކްޓް ސަމިޓް 2026" ގެ ހަވާސާގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ހުކުރު ދުވަހު މަޝްވަރާކުރައްވައިފިއެވެ.
ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ވަރުގަދަކުރުމަށް ހާއްސަ އިސްކަމެއް ދެއްވި ކަމަށެވެ. އެގޮތުން ހަކަތަ، ކަނެކްޓިވިޓީ، އިންފްރާސްޓްރަކްޗަރ، ސިއްހީ ދާއިރާ، ހުނަރު ތަރައްގީކުރުން، ސަގާފަތް އަދި ބްލޫ އިކޮނޮމީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސް ދިސާނަޔަކަ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން ހަރުދަނާކުރުމަށާއި، އިގްތިސާދީ، ވިޔަފާރި އަދި ސަގާފީ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. މީގެ އިތުރުން، ފަހަކުން ސްރީލަންކާއަށް ކުރިމަތިވި 'ސައިކްލޯން ދިތުވާ' ތޫފާނާ ގުޅިގެން އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މިދިޔަ ނޮވެމްބަރު މަހު ކުރިމަތިވި މި ތޫފާނުގައި 650 މީހުން މަރުވެ، 173 މީހުން ގެއްލިފައިވާއިރު، މިއީ 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ. އިންޑިއާއިން ވަނީ ސްރީލަންކާ އަލުން އާރާސްތުކުރުމަށް 450 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ނިންމާފައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ގުޅުން ބަދަހިކުރުމަށް ވާހަކަދެއްކެވި ނަމަވެސް، އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ ވަކިވަކި މަޝްރޫއުތަކާ ބެހޭގޮތުން ނުވަތަ ތަމަޅަ މީހުންގެ ސިޔާސީ މައްސަލައާ ގުޅޭގޮތުން އެއްވެސް ރަސްމީ ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޮޑުވަޒީރު މޯދީ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ދިފާއީ، ހަކަތަ، ޑިޖިޓަލައިޒޭޝަން އަދި ސިއްހީ ދާއިރާއިން ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މިފަހަރުގެ ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

