ރިވެލިބީޗް ރެސްޓޯރަންޓްގެ މުވައްޒަފުން އިހްތިޖާޖުކޮށްފި
ހުޅުމާލެ ފޭސް 1ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އެކަމުގެ މައުލޫމާތު، 2026 މާރިޗު 10 ވަނަ ދުވަހުގެ 15:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ކަމާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ވަނީ ހުށަހަޅައިފައޮ ކަމަށެވެ.
މި މައްސަލަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި ގާނޫނާ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
އިހުތިޖާޖު ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.