އަފްގާނިސްތާނުގެ ސަރުކާރަކީ އެކުވެރިއެއް ކަމަށް ދެކުމަކީ ކުށްހީއެއް
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަކީ އެކުވެރި ބައެއް ކަމަށް ދެކި، ޕާކިސްތާނުން މީގެ ކުރިން ގެންގުޅުނު ސިޔާސަތުތަކަށް، އިންޑިއާގެ މިނިވަންކަމުގެ ހަރަކާތްތެރިޔާ އަބްދުލް ޣައްފާރު ޚާންގެ މުނިކާފަ ދަރިކަލުން އަދި ޕާކިސްތާނުގެ ސެނެޓަރު އައިމަލް ވަލީ ޚާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ "ޓެރަރިސްޓަކީ ދުވަހަކުވެސް އެކުވެރިއަކަށް ނުވާނެ" ކަމަށެވެ.
ޕާކިސްތާނުގެ އަވޭމީ ނެޝަނަލް ޕާޓީ (އޭ.އެން.ޕީ) ގެ ލީޑަރު ވަލީ ޚާން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެރަރިސްޓަކީ ހަމައެކަނި ޓެރަރިސްޓެއް ކަމަށެވެ. މީގެ އިތުރުން، އިންޑިއާއިން ޓީ20 ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅިގެން މަރުހަބާ ވިދާޅުވެ އޭނާ ވަނީ "ޖައި ހިންދު" އޭ ވިދާޅުވެފައެވެ. އިންޑިއާގެ ކާމިޔާބީއަކީ އެ ގައުމުގެ ވަރުގަދަ ކްރިކެޓް ނިޒާމުގެ ނަތީޖާ ކަމަށާއި، ކުޅިވަރުގައި ދެމެހެއްޓެނިވި ކާމިޔާބީއެއް ލިބެނީ ވަރުގަދަ ބިންގަލެއްގެ މަތީގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގައި "ފްރޮންޓިއަރ ގާންދީ" ގެ ނަމުން މަޝްހޫރުވެފައިވާ އަބްދުލް ޣައްފާރު ޚާންގެ އާއިލާއަށް ނިސްބަތްވާ ވަލީ ޚާން ވިދާޅުވީ، ތާލިބާނުންނަކީ 'އެކުވެރި ސަރުކާރެއް' ކަމަށް ދެކިގެން ތިބި ކުށްހީތަކުން ޕާކިސްތާނު ސަލާމަތްވާން ޖެހޭ ކަމަށެވެ. 2021 ވަނަ އަހަރުން ފެށިގެން މި އިންޒާރު ދެމުން އަންނަ ކަމަށާއި، ވަގުތީ ފައިދާއަކަށް ބަލައިގެން ޓެރަރިސްޓުންނަށް ހިމާޔަތް ދިނުމުގެ ސިޔާސަތުގެ ސަބަބުން މިއަދު ގައުމަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަލީ ޚާން އިތުރަށް ވިދާޅުވީ ޓެރަރިސްޓުންގެ އެކުވެރިއަކު، ދީނެއް ނުވަތަ ގައުމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަކީ އެއްވެސް ޝަރުތަކާ ނުލައި، ސާފުކޮށް އެކަމާ ދެކޮޅަށް އޮތް ސިޔާސަތަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އައުމުން ޕާކިސްތާނުގެ އޭރުގެ ސަރުކާރުން އެކަން ފާހަގަކޮށް އުފާކުރި ނަމަވެސް، މިއަދު ދެ ގައުމުގެ ބޯޑަރުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ސަރަހައްދުގައި ހަމަނުޖެހުންތަކާއި މަރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ވަލީ ޚާން ވަނީ މިފަދަ ހަނގުރާމަތަކުން ގައުމު ސަލާމަތްކޮށް ސުލްހަ ގާއިމުކުރުމަށް ގޮވާލައްވާފައެވެ.