ޚަބަރު

އިރާން ހަނގުރާމައާއެކު ކެނެޑާގެ ތެޔޮ މަގުބޫލުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިރާނުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ތެޔޮ ލިބުމަށް ދަތިތަކާ ކުރިމަތިވަމުންދާތީ، ޗައިނާގެ ކުންފުނިތަކުން ކެނެޑާގެ ތެޔޮ ބޮޑު އަގުގައި ގަންނަން ފަށައިފިއެވެ. މިއީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ބޮޑު ބަދަލެކެވެ.

Ads by Allied

އޭޓީބީ ކޯމާކް ކެޕިޓަލް މާކެޓްސްގެ މެނޭޖިންގް ޑިރެކްޓަރު ޕެޓްރިކް އޯރޫކް ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި އިންޝުއަރެންސް ފީ އާއި މުދާ އުފުލާ ބޯޓުފަހަރުގެ ކުލި ބޮޑުވުމުގެ ސަބަބުން، އޭޝިއާގެ ބާޒާރުގައި ކެނެޑާގެ ތެލަށް ވަނީ 2 އާއި 3 ޑޮލަރާ ދެމެދުގެ ފައިދާއެއް ލިބިފައެވެ. ޓްރާންސް މައުންޓަން ޕައިޕްލައިން މެދުވެރިކޮށް ޗައިނާއަށް ފޮނުވާ ތެލުގެ އަގު ވަނީ ފާއިތުވި ސެޕްޓެމްބަރު މަހަށްފަހު ފުރަތަމަ ފަހަރަށް ބްރެންޓް ކްރޫޑަށްވުރެ އުފުލިފައެވެ.

ބްލޫމްބާގްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޗައިނާގެ ޔޫނީޕެކް އެމެރިކާ، ޝެލް އަދި އެކްސަން މޮބިލް ފަދަ ކުންފުނިތަކުން ވަނީ ކެނެޑާއިން ތެޔޮ އުފުލުމަށް މަދުވެގެން ފަސް ބޯޓެއް ބުކްކޮށްފައެވެ. މި މަހު ތެޔޮ އުފުލުމުގެ ޚަރަދު ވަނީ 70 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. މީގެ ކުރިން ފީފާއަކަށް 5.80 ޑޮލަރު ހޭދަވި ނަމަވެސް، މިހާރު އެ ޚަރަދު ވަނީ 10 ޑޮލަރަށް އަރާފައެވެ.

މީގެ ދިހަ ދުވަސް ކުރިން ފެށުނު އިރާނުގެ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ހުރަސްކުރާ ސްޓްރެއިޓް އޮފް ހޯރްމޫޒްގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ކުވެއިތު އަދި އިރާގު ފަދަ ގައުމުތަކުން ވެސް ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފަށާފައެވެ.

ކެނެޑާގެ ޓްރާންސް މައުންޓަން ޕައިޕްލައިން ފުޅާކުރުމާ ގުޅިގެން، ޗައިނާގެ ރިފައިނަރީތަކުން ދަނީ ކެނެޑާގެ ތެޔޮ ގަންނަ މިންވަރު އިތުރުކުރަމުންނެވެ. މި މަހު އެކަނިވެސް ދުވާލަކު 539,000 ފީފާ ތެޔޮ ވެންކޫވަރުން ބޭރުކުރުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ އެ ގައުމުގެ ތެޔޮ އުފައްދާ ކުންފުނިތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ކެނެޑާ ސަރުކާރުން މިހާރު ދަނީ ޓްރާންސް މައުންޓަން ޕައިޕްލައިންގެ ގާބިލުކަން ދުވާލަކު 1.2 މިލިއަން ފީފާއަށް އިތުރުކުރުމަށް ރާވަމުންނެވެ. އަދި ޕެސިފިކް ކޯސްޓަށް އައު ޕައިޕްލައިނެއް އެޅުމަށް އަލްބާޓާ ސަރުކާރާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ އެމެރިކާގެ ބާޒާރުގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ކެނެޑާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.