ދުނިޔެ

ޕެރަގުއޭގެ ސިޔާސީވެރިން ޗައިނާއާ ގާތްކުރުމަށް ކުރާ މަސައްކަތް ފުޅާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕެރަގުއޭގެ އިދިކޮޅު މެންބަރު ލެއިޑީ ގަލިއާނޯ، ޗައިނާގެ ހަ ސިޓީއަކަށް ކުރެއްވި، ހުރިހާ ޚަރަދެއް ދީފައިވާ ދަތުރަށްފަހު އެނބުރި ވަޑައިގަތީ، ޗައިނާއާ ގުޅުން ގާއިމުނުކޮށް ތައިވާނާ އެކު ދެމިއޮތުމުން ޕެރަގުއޭއަށް ބޮޑެތި އިގްތިސާދީ ފުރުސަތުތަކެއް ގެއްލެމުންދާ ކަމަށް ގަބޫލުކުރައްވައިގެންނެވެ. މިއީ އެ ދަތުރުގެ ބައިވެރިންނަށް ޗައިނާގެ އޮފިޝަލުން ތަކުރާރުކޮށް ދެމުންދިޔަ މެސެޖެކެވެ.

Ads by Allied

"އެތަނުން ފެނުނު ކޮންމެ ކަމަކީ އަޅުގަނޑުގެ ގައުމަށް ވެސް ބޭނުންވާ ކަންކަން،" އަލަށް އުފެދުނު 'ޔޯ ކްރިއޯ' ޕާޓީގެ މެންބަރު ގަލިއާނޯ ވިދާޅުވިއެވެ. އެ ޕާޓީގެ އިސް ބޭފުޅުން މީގެ ކުރިން ވެސް ވަނީ ޗައިނާއާ އެކު ގުޅުން ބޭއްވުމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.

މި ދަތުރާއި މިފަދަ އެހެން ދަތުރުތަކަކީ ސައޯ ޕައުލޯގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓްގެ ދައުވަތަކަށް ކުރިއަށްގެންދާ ދަތުރުތަކެއް ކަމަށް މިކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން ބުނެއެވެ. މި ދަތުރުތަކުގައި ބޮޑެތި ޖާފަތްތަކާއި، އަގުބޮޑު ހޮޓާތަކުގައި ތިބުމާއި، ޗައިނާގެ ބޮޑު ފާރު ބަލާލުމުގެ ފުރުސަތު ދީފައިވެއެވެ. ޕެރަގުއޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ދެކޭ ގޮތުގައި މިއީ ޑިމޮކްރެޓިކް އުސޫލުން ވެރިކަންކުރާ ތައިވާނާ ޕެރަގުއޭ ދުރުކުރުމަށް ޗައިނާއިން ރާވައިގެން ކުރާ މަސައްކަތެކެވެ. ޗައިނާއިން ދައުވާ ކުރާ ގޮތުގައި ތައިވާނަކީ އެ ގައުމުގެ އަމިއްލަ ބިމެކެވެ.