ދުނިޔެ

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި އިންޑިއާގެ އޭއައި ތަޢުލީމީ އިންގިލާބާ ބެހޭގޮތުން އޮކްސްފޯޑް ދަރިވަރުން ވާހަކަދައްކައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޖެނީވާ: އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރުސީ) ގެ 61 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވުނު "ނައި ތާލީމް 2.0: ކްރާފްޓިންގ ދަ އިކުއިޓަބަލް އޭއައި ފިއުޗަރ" ހަރަކާތުގައި، އަކްޝަރް ފައުންޑޭޝަނުން އެ ޖަމްޢިއްޔާގެ އައު ތަޢުލީމީ އޮނިގަނޑު ހުށަހަޅައިފިއެވެ.

Ads by Allied

މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ހަމަހަމަ އަދި ޝާމިލު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި، އަމަލީ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ އުނގަނޑައިދިނުމުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ވަސީލަތްތައް މަސްހުނިކުރުމުގެ މައްޗަށެވެ. މި ސެޝަނުގައި ޔޫރަޕިއަން ޔޫނިއަން، ޕޯޗުގަލް، އިންޑިއާ، އެންގޯލާ އަދި ސޫދާންގެ މަންދޫބުން ބައިވެރިވެ، ދުނިޔޭގެ ފެންވަރުގައި އިންސާފުވެރި އުނގެނުމުގެ ފުރުޞަތުތައް ފަހިކުރުމަށްޓަކައި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަކްޝަރް ފައުންޑޭޝަން ތަމްސީލުކުރާ އޮކްސްފޯޑް ޔުނިވަރސިޓީގެ ދަރިވަރުން ވަނީ އިންޑިއާގެ ތަޢުލީމީ ނިޒާމަށް އަންނަ ބަދަލުތަކާއި، އެ ނިޒާމުގެ ތެރެއަށް އޭއައި ތަޢާރަފުކުރަމުންދާ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައެވެ.

މިގޮތުން، ޖޯއީ ނައިސާ ޗަންގް ވަނީ ތަޢުލީމީ ދާއިރާގައި، ޚާއްޞަކޮށް އިންޑިއާގެ ރަށްފުށުގެ ސަރަޙައްދުތަކުގައި އޭއައި ބޭނުންކުރުމުގައި އިންސާނީ ތަޖުރިބާތަކަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އޭނާ ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ލީޑަރުންނާއެކު ބޭއްވުނު މަޝްވަރާތަކުގައި އޭއައިގެ އަޚްލާޤީ މިންގަނޑުތަކުގެ އިތުރުން، އެކަށީގެންވާ ޚިދުމަތްތައް ނުލިބޭ މުޖުތަމަޢުތަކަށް ތަޢުލީމު ފޯރުކޮށްދިނުމަށް އޭއައިގެ ސަބަބުން ލިބޭ ފުރުޞަތުތަކަށް އަލިއަޅުވާލެވުނެވެ. ޗަންގް އިތުރަށް ބުނީ، އިންޑިއާގެ ޒުވާން އާބާދީ ބޮޑުވުމާއި، އަކުރު އުނގަންނައިދިނުމާއި ހަމަހަމަ ފުރުޞަތުތަކަށް އިސްކަންދޭ ސިޔާސަތުތަކުގެ ސަބަބުން، ތަޢުލީމީ އިޞްލާޙީ ބަދަލުތަކުގައި އިންޑިއާ ދުނިޔޭގެ ލީޑަރަކަށް ވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

ސެމިއުލް މިގޭލް އޯވެން ފާހަގަކުރި ގޮތުގައި، އިންޑިއާގެ "ނޭޝަނަލް އެޑިއުކޭޝަން ޕޮލިސީ (އެންއީޕީ) 2020" ގެ ދަށުން މަސައްކަތްތެރިކަމުގެ ތަމްރީނުތަކަށް ދީފައިވާ އަހަންމިއްޔަތަކީ ހުޅަނގުގެ ތަޢުލީމީ ނިޒާމުތަކާ އަޅާބަލާއިރު އިންޑިއާގެ ނިޒާމު ތަފާތުވާ މައިގަނޑު ސަބަބެވެ.

އޭނާ ބުނި ގޮތުގައި، މަސައްކަތްތެރިކަމުގެ ހުނަރުތަކާއި ޑިޖިޓަލް އުނގެނުން އެއްކޮށްލުމުން، ދަރިވަރުންނަށް ވަޒީފާގެ މާޙައުލަށް ބޭނުންވާ އަމަލީ ހުނަރުތައް ލިބިގެންދާނެއެވެ. އޯވެން ދެކޭގޮތުގައި، މިއީ ހުޅަނގުގެ ގައުމުތަކުގެ ތަޢުލީމީ ނިޒާމުތަކަށް ނަމޫނާއަކަށް ބެލިދާނެ، އެ ސަރަޙައްދުތަކުގެ ޙާލަތަށް ފެތޭ ފުރިހަމަ ޙައްލެކެވެ.

ޖޯޝުއާ ޖޭމްސް ކެލީ އަލިއަޅުވާލީ އަކްޝަރް ފައުންޑޭޝަނުން އެންމެ އިސްކަމެއް ދީގެން ޕްރޮގްރާމްތައް ހިންގާ އިންޑިއާގެ އާސާމްގެ ދަރިވަރުންގެ ހިތްވަރަށެވެ. ފެންބޮޑުވުމާއި އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ ކުދިން މެދުނުކެނޑި ސުކޫލަށް ގޮސް އުނގެނުމަށް ބަހައްޓާ ޝައުޤުވެރިކަމަށް އޭނާ ތަޢުރީފުކުރިއެވެ. ކެލީ ވަނީ ތަޢުލީމާއި މަސައްކަތްތެރިކަމުގެ ތަމްރީނު އެއްކޮށްލައިގެން އެ ފައުންޑޭޝަނުން ގެންގުޅޭ މޮޑެލްއަށް މަރުޙަބާ ކިޔާފައެވެ.