ތެލުގެ އަގު އުފުލުމާއެކު ޖީބީގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އާންމުންގެ ފާޑުކިޔުން އިސްލާމްއާބާދުގެ ސިޔާސަތުތަކަށް
ގިލްގިތު، މާރިޗު 25: ޕާކިސްތާނުން ހިފާފައިވާ ގިލްގިތު ބަލްޓިސްތާނު (ޕީ.އޯ.ޖީ.ބީ) ގެ ރައްޔިތުން އިންތިހާ ދަރަޖައަށް އުފުލެމުންދާ ތަކެތީގެ އަގުތަކާ ކުރިމަތިލަމުންދާއިރު، ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އިސްލާމްއާބާދުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުމުގެ ދަތިކަން ވަނީ އިތުރަށް ބޮޑުވެފައެވެ. އަދި މިކަމަށް އެދެވޭ އެއްވެސް ލުޔެއް ލިބެމުން ނުދާކަމަށްވެސް އެމީހުން ބުނެއެވެ.
ފަހަކަށް އައިސް ތެލުގެ އަގަށް އައި ބަދަލާއެކު އެ ސަރަހައްދުގެ ދަތުރުފަތުރުގެ ހަރަދުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޒަރޫރީ ކާބޯތަކެއްޗާއި ގޭބިސީތަކަށް ބޭނުންވާ ތަކެތީގެ އަގުތަކަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. ކާބޯތަކެތިން ފެށިގެން އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ތަކެތީގެ އަގު އުފުލުމުގެ ސަބަބުން، ކުރިންވެސް ބާކީކޮށްލެވިފައިވާ ކަމަށް ބުނާ އެ ސަރަހައްދުގެ އާންމު ރައްޔިތުންގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެ ސަރަހައްދުގެ ރައްޔިތުން ދައުވާކުރާ ގޮތުގައި އިގްތިސާދީ ނިންމުންތައް ނިންމަނީ ބިމުގެ ހަގީގަތްތަކަށް ބެލުމެއް ނެތިއެވެ. އަދި އަލަށް ތައާރަފުކުރާ ޓެކްސްތަކާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ފަގީރުންނަށް ކުރާ އަސަރު ބޮޑުވެ، ދިރިއުޅުން ދަތިވަމުންދާ ކަމަށް އެމީހުން ބުނެއެވެ.
އެ ސަރަހައްދުގެ ނޫސްވެރިއެއް ކަމަށްވާ ފީރޯޒް ޝާހް ފާހަގަކުރި ގޮތުގައި، މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ސަރަހައްދެއްގައި ޓެކްސް ތައާރަފުކުރުމަކީ އިންސާފެއް ނޫނެވެ. އަދި މީގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ މުޖުތަމައުގެ އެންމެ ނިކަމެތި ފަންތީގެ މީހުންނަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ޓެކްސްތަކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ނަގާ އެއްޗެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، އޭގެ ހަގީގީ ބުރަ އުފުލަނީ ކަސްޓަމަރުންނެވެ. ސަބަބަކީ ފިހާރަތަކުން ތަކެތީގެ އަގު ބޮޑުކުރުމުގެ ސަބަބުން އާންމު މުދަލުގެ އަގުތައް އިތުރަށް އުފުލިގެން ދާތީއެވެ.
ރައްޔިތުން ބުނާ ގޮތުގައި ޕާކިސްތާނަށް ވަނީ ތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމުގައި ނާކާމިޔާބުވެފައެވެ. އަދި އެ ސަރަހައްދުން ޓެކްސްގެ ގޮތުގައި ފައިސާ ހޯދަމުންދާއިރު، އިގްތިސާދީ ކާރިސާ ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އާންމުން ބުނާ ގޮތުގައި ކާބޯތަކެއްޗާއި އަންނައުނުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ގިނަ ބަޔަކަށް ދުވާލަކު ދެ އިރު ކެއުމަށް ބޭނުންވާ ތަކެތި ހޯދުމަށްވެސް ވަނީ ދަތިވެފައެވެ. އާއިލާތަކަށް އެމީހުންގެ ދަރިންނަށް ބޭނުންވާ އަންނައުނު ފަދަ ޒަރޫރީ ތަކެތި ގަތުމަށް ނުކުޅެދިފައިވުމަކީ މާލީ ދަތިކަން ހުރި މިންވަރު ހާމަވާ ކަމެކެވެ.
ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުތައް ދަނީ ގަދަވަމުންނެވެ. ބާޒާރުގައި ތަކެތި ފޮރުވައިގެން ބޮޑު އަގުގައި ވިއްކާ މައްސަލަ (ބްލެކް މާކެޓިންގ) މޮނިޓަރކުރުމަށާއި، އަގު ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްޔިތުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ހަމައެއާއެކު، އެ ސަރަހައްދާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމަނީ އާންމުންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށާއި، އެކަމާ ދެކޮޅަށް އުފުލާ އަޑުތައް ކަނޑުވާލާ ކަމަށްވެސް އާންމުން ތުހުމަތުކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިގްތިސާދީ ގޮންޖެހުންތަކުގެ ހުރިހާ ބުރައެއް އުފުލަން ޖެހިފައިވަނީ ރައްޔިތުންނަށެވެ. އެމީހުން ސިފަކުރާ ގޮތުގައި މިއީ ނިޒާމީ ގޮތެއްގައި އެމީހުންނަށް އިހުމާލުވެ، އިގްތިސާދީ ގޮންޖެހުންތަކުގެ ތެރެއަށް ރައްޔިތުން ވައްޓާލުމުގެ ނަތީޖާއެވެ.