ޚަބަރު

އިމްރާން ޚާން "ބަންދުކޮށްފައިވަނީ އިންސާނިއްޔަތާ ޚިލާފަށް": އޭނާގެ ދަރިން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ ފިރިހެން ދަރިން ކަމަށްވާ ގާސިމް ޚާން އާއި ސުލައިމާން ޚާން ވަނީ އެމީހުންގެ ބައްޕަ ބަންދުގައި ހުރި ހާލަތާ ގުޅޭގޮތުން އަސަރުގަދަ ބަޔާނެއް ދީފައެވެ. އެމީހުން ވަނީ އިމްރާން ޚާން ބަންދުގައި ބަހައްޓާފައިވަނީ "އިންސާފެއް ނެތް، އަދި އިންސާނިއްޔަތާ ޚިލާފު" ހާލަތެއްގައި ކަމަށް ސިފަކޮށްފައެވެ.

Ads by Allied

ބައްދަލުވުމުގައި ވާހަކަދައްކަމުން ސުލައިމާން ޚާން ބުނީ، އޭނާގެ ބައްޕަ ބަންދުގައި ހުންނަވާތާ މިހާރު ގާތްގަނޑަކަށް 1،000 ދުވަސް ވެފައިވާ ކަމަށެވެ. އަދި އދ. ގެ "ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން" އިން ވެސް އިމްރާން ޚާން ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެފައިވާކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، އދ. ގެ ޓޯޗާ ނުވަތަ އަނިޔާކުރުމާ ބެހޭ ޚާއްޞަ މަންދޫބު ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް އަލިއަޅުވާލަމުން، ބަންދުގައި ހުރި ހާލަތަކީ އަނިޔާކުރުމުގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް އޭނާ ބުންޏެވެ. ދެބޭފުޅުން ވަނީ މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދި، ބައްޕައަށް ގާނޫނީ ވަކީލުންނާއި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށާއި މިނިވަން ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

އިމްރާން ޚާން ބަންދުގައި ހުންނަވާ ހާލަތު ބަޔާންކޮށްދެމުން އެމީހުން ބުނީ، އޭނާ ބަހައްޓާފައިވަނީ އަބަދުވެސް ފާރަވެރިވެ ބަލަމުންދާ ކުޑަ ގޮޅިއެއްގައި އެކަނި ކަމަށެވެ. އަދި އެ ގޮޅީގައި ސޫފި ގިނަވުމާއި ދިރިއުޅުމުގެ ފެންވަރު ދަށްކަން ފާހަގަކޮށް، މި ހާލަތުގައި އޭނާ ހުންނަވާތާ ދެ އަހަރާއި ބައި ވެފައިވާ ކަމަށް ބުންޏެވެ. ގާސިމް ޚާން ތުހުމަތުކުރި ގޮތުގައި، އިމްރާން ޚާނަށް މިފަދަ އަނިޔާތަކެއް ދެނީ ޕާކިސްތާނުގެ ސިޔާސީ ކަންކަމުގެ ތެރެއަށް އަސްކަރިއްޔާއިން އަތްބޭނުމާ ދެކޮޅަށް އޭނާ ތެދުވެވަޑައިގަތުމުންނެވެ. އާއިލާއާ މުވާސަލާތު ކުރުމުގެ ފުރުސަތު ވަރަށް މަދުން ނޫނީ ނުލިބޭ ކަމަށާއި، އެންމެ ފަހުން ކުރެވުނު ކުރު ފޯނު ކޯލު ވެސް ކުއްލިއަކަށް ކަނޑާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ޕާކިސްތާނު ސަރުކާރުން އެމީހުންނަށް ވިސާ ދިނުމަށް އިންކާރުކޮށް، ބައްޕައާ ބައްދަލުކުރުމަށް ހުރަސްއަޅަމުންދާ ކަމަށް ވެސް އެ ބޭފުޅުން ތުހުމަތު ކުރިއެވެ. މިއީ މުޅި އާއިލާއަށް ދޭ އަދަބެއްގެ ގޮތުގައި އެމީހުން ސިފަކުރިއެވެ. މީގެ އިތުރުން، އިމްރާން ޚާންގެ މައްސަލައަކީ ވަކި ވަކި ހާދިސާއެއް ނޫން ކަމަށާއި، 2022 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައި ސިޔާސީ ދެކޮޅުވެރިކަން ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުންޏެވެ. އެގޮތުން އެތައް ހާސް ސިޔާސީ މަސައްކަތްތެރިންނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އާންމު ރައްޔިތުންގެ މައްޗަށް އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ހިންގަމުންދާ ކަމަށާއި، ނޫސްވެރިންނަށް ބިރުދައްކައި ހައްޔަރުކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އިންތިޚާބަކީ އޮޅުވާލުންތަކެއް ހިމެނޭ އިންތިޚާބެއް ކަމަށް ވެސް އެމީހުން ތުހުމަތު ކުރިއެވެ.

ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އިޝާރާތް ކުރަމުން، ޕާކިސްތާނަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކުރަން ޖެހޭ ގައުމެއްކަން އެމީހުން ފާހަގަކުރިއެވެ. ނަމަވެސް އިމްރާން ޚާން ބަންދުގައި ބަހައްޓައި، ސިއްހީ ފަރުވާއާއި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަކީ އެ އެއްބަސްވުންތަކާ ޚިލާފު ކަމެއް ކަމަށް ބުންޏެވެ. ވާހަކަ ނިންމާލަމުން ގާސިމް އަދި ސުލައިމާން ބުނީ، އެމީހުންނަކީ ސިޔާސީ ކަންކަމުގައި އުޅޭ ބައެއް ނޫން ނަމަވެސް، ބައްޕަގެ ސިއްހީ ހާލަތު ދަށްވަމުން ދިއުމާއި އާއިލާއާ ވަކިން ގިނަ ދުވަހު ބަހައްޓާތީ، މަޖުބޫރުވެގެން އަޑުއުފުލީ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް ސަމާލުކަންދީ، ޕާކިސްތާނު ޖަވާބުދާރީ ކުރުވުމަށް އެމީހުން އެދުނެވެ.

Ads by Allied Insurance