ދުނިޔެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު އިގްތިސާދީ ދުވެލި މަޑުޖެހުނަސް، އިންޑިއާ އަދިވެސް އޮތީ އެންމެ ބާރަށް ކުރިއަރާ ގައުމުތަކުގެ ތެރޭގައި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ނިއުދިއްލީ، 9 އޭޕްރީލް 2026 — މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތައިގެ އަގު އުފުލި، ސަޕްލައި ޗެއިންއަށް ބުރޫއެރުމާ ގުޅިގެން 2027 ވަނަ މާލީ އަހަރު އިންޑިއާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 6.6 އިންސައްތައިގައެވެ. ނަމަވެސް، އިގްތިސާދީ ދުވެލި މަޑުޖެހުނު ކަމުގައި ވިޔަސް، އިންޑިއާ އަކީ އަދިވެސް ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން ގައުމެއް ކަމަށް ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

Ads by Allied

މިއަދު އާންމުކުރި "އިންޑިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ހުރި ނަމަވެސް، އިންޑިއާގެ އިގްތިސާދީ ބިންގާ ވަރުގަދަވުމާއި ސިޔާސަތުތައް ރޭވިފައިވާ ގޮތުން ބޭރުގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ. ބޭރު ފައިސާގެ ރިޒާވް މަތިވުމާއި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު ދަށްވުމާއި، ދައުލަތުގެ ދަރަނި މައިގަނޑު ގޮތެއްގައި އަމިއްލަ ފައިސާ (ރުޕީސް) އިން ހުރުމުގެ އިތުރުން، މާލީ ދާއިރާގެ ދުޅަހެޔޮކަމާއި ވިޔަފާރި ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތަކަކީ ބޭރުގެ ގޮންޖެހުންތަކާ ދެކޮޅަށް އިންޑިއާއަށް ލިބޭ ބޮޑު ހިމާޔަތެކެވެ.

"އަމިއްލަ ދާއިރާ އިސްވެ އޮވެ އިގްތިސާދު ކުރިއެރުވުމަކީ، އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށާއި ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ބާޒާރަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް،" ވޯލްޑް ބޭންކުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އެކްޓިން ޑައިރެކްޓަރު ޕޯލް ޕްރޮސީ ވިދާޅުވިއެވެ. " 'ވިކްސިތު ބާރަތު' (ތަރައްގީވެފައިވާ އިންޑިއާ) އެއް ބިނާކުރުމަށްޓަކައި، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަކީ ހަކަތަ، އިންފްރާސްޓްރަކްޗާ، އުފެއްދުންތެރިކަން، ފަތުރުވެރިކަން، ސިއްހީ ދާއިރާ އަދި ދަނޑުވެރިކަމުގެ ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކޮށް، ގިނަ އަދަދެއްގެ ވަޒީފާ އުފެއްދުމަށް އެހީތެރިވެދޭނެ ކަމެއް."

މިއީ ދެކުނު އޭޝިއާގެ އިގްތިސާދީ ހާލަތާއި ކުރިމަގު ދިރާސާކުރާ ވޯލްޑް ބޭންކް ގްރޫޕްގެ "ސައުތު އޭޝިއާ އިކޮނޮމިކް އަޕްޑޭޓް" އާ ގުޅުވައިގެން ނެރެފައިވާ ރިޕޯޓެކެވެ. އެންމެ ފަހުގެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ސަބަބުން، 2025 ވަނަ އަހަރު 7 އިންސައްތައިގައި ހުރި ދެކުނު އޭޝިއާގެ ކުރިއެރުން 2026 ވަނަ އަހަރު 6.3 އިންސައްތައަށް ދަށްވާނެއެވެ. އެހެންނަމަވެސް، އެހެން ކުރިއަރަމުން އަންނަ ގައުމުތަކަށްވުރެ ދެކުނު އޭޝިއާގެ ދުވެލި އަދިވެސް ހަލުވިއެވެ. އަދި 2027 ވަނަ އަހަރު މި ދުވެލި 6.9 އިންސައްތައަށް އަރާނެ ކަމަށް ބެލެވެއެވެ.

މި ރިޕޯޓުގައި ސަރަހައްދުގެ ގައުމުތަކުން ގެންގުޅޭ ސިނާއީ ސިޔާސަތުތަކާ (industrial policy) ބެހޭ ފުން ދިރާސާއެއް ހިމަނާފައިވެއެވެ. މިއީ ހަމައެކަނި ބާޒާރުގެ އުސޫލުތަކަށް ދޫކޮށްލުމުގެ ބަދަލުގައި، ގައުމުތަކުގެ އުފެއްދުންތެރިކަން ބައްޓަންކުރުމަށް ސަރުކާރުތަކުން ބޭނުންކުރާ ވަސީލަތްތަކެކެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ދެކުނު އޭޝިއާގައި ވެސް މިފަދަ ސިޔާސަތުތައް ބޭނުންކުރާ މިންވަރު ދެގުނަ އިތުރުވެފައިވީ ނަމަވެސް، އޭގެ ނަތީޖާ ފެންނަނީ އެކި ގައުމުތަކުގައި އެކި މިންވަރަށެވެ.

"ސިނާއީ ސިޔާސަތުތަކުން އެދެވޭ ނަތީޖާއެއް ނުފެންނަނީ ބައެއް ގައުމުތަކުގެ ތަންފީޒީ ގާބިލުކަން ކުޑަވުމާއި މާލީ ދަތިކަމުގެ ސަބަބުން،" ވޯލްޑް ބޭންކް ގްރޫޕްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޗީފް އިކޮނޮމިސްޓް ފްރެންޒިސްކާ އޯންސޯޖް ވިދާޅުވިއެވެ. "އިސްލާހީ ބަދަލުތަކަށް އިސްކަންދޭއިރު، އިންޑަސްޓްރިއަލް ޕާކުތައް ހެދުމާއި، ހުނަރު ތަރައްގީކުރުމާއި، ބާޒާރުތައް ހޯދައިދިނުމުގެ އިތުރުން އެކްސްޕޯޓް ކުރާ ތަކެތީގެ ފެންވަރު ރަނގަޅުކުރުން ފަދަ ސިޔާސަތުތަކުން ބާޒާރުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދިދާނެއެވެ."

ވަޒީފާ އުފެއްދުމަށްޓަކައި ސިޓީތައް ތަރައްގީކުރުމާއި، ފަތުރުވެރިކަމާއި، ޑިޖިޓަލް ހިދުމަތްތަކުގެ ދާއިރާގައި ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ. މީގެ އިތުރުން ވިޔަފާރި މާހައުލު ރަނގަޅުކުރުމާއި، ގަވާއިދުތައް ސާފުކޮށް އެނގެން އޮތުމާއި، ދައުލަތުގެ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަކީ ވެސް މުހިންމު ކަންތައްތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!