ދުނިޔެ

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އިންޑިއާއާއި ތުރުކީގެ މަތީ ފަންތީގެ މަޝްވަރާތައް އަލުން ފަށައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާއާއި ތުރުކީވިލާތާ ދެމެދު އޮންނަ މަތީ ފަންތީގެ ސިޔާސީ މަޝްވަރާތައް ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވާ ކަމަށް ނިއުދިއްލީގައި ހުންނަ އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

Ads by Allied

އިންޑިއާ-ތުރުކީ ފޮރިން އޮފީސް ކޮންސަލްޓޭޝަންސް (އެފް.އޯ.ސީ) ގެ 12 ވަނަ ބުރު މިދިޔަ ބުދަ ދުވަހު ނިއުދިއްލީގައި ވަނީ ބާއްވާފައެވެ. ރަސްމީ ބަޔާނެއްގައިވާ ގޮތުން، މި ބައްދަލުވުމުގެ ރިޔާސަތު ގުޅިގެން ބެލެހެއްޓެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ (ވެސްޓް) ސިބީ ޖޯޖް އާއި ތުރުކީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ބެރިސް އެކިންޖީއެވެ.

އެފް.އޯ.ސީގެ އެންމެ ފަހުގެ ބައްދަލުވުމެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހު ތުރުކީގެ އަންކާރާގައެވެ.

"މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ވިޔަފާރިއާއި އިންވެސްޓްމަންޓް، ފަތުރުވެރިކަން، ޓެކްނޮލޮޖީއާއި އީޖާދުތައް، ހަކަތަ، ތައުލީމީ އަދި ސަގާފީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން،" އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުންތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ރިވިއުކޮށް، ސަރަހައްދީ އަދި ދުނިޔޭގެ މުހިންމު ކަންތައްތަކާ މެދު ޚިޔާލު ބަދަލުކުރެވުނެވެ.

އެފް.އޯ.ސީގެ ދެން އޮންނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ތުރުކީވިލާތުގައެވެ.

މި ހަފްތާގެ ކުރީކޮޅު އިންޑިއާއިން ވަނީ އަޒަރުބައިޖާނާއެކު ވެސް ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރުމުގެ މަޝްވަރާތަކެއް ބާއްވާފައެވެ.

2025 ވަނަ އަހަރުގެ މެއި މަހު ދެކުނު އޭޝިއާގައި ހިނގި އަސްކަރީ ކުރިމަތިލުންތަކެއްގައި ތުރުކީން ޕާކިސްތާނަށް ތާއީދުކުރުމާ ގުޅިގެން، އިންޑިއާއާއި ތުރުކީގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ.

ތުރުކީން ޕާކިސްތާނަށް ދިން ތާއީދާ ދެކޮޅު ހެދުމުގެ ގޮތުން، އިންޑިއާއިން ބޭރުގެ މަންދޫބުންނަށް ދިން އަސްކަރީ ބްރީފިންއަށް ތުރުކީއަށް ދައުވަތު ދީފައެއް ނުވެއެވެ. އަދި ތުރުކީއާއި އަޒަރުބައިޖާނުން ޕާކިސްތާނަށް އަސްކަރީ ސާމާނު ފޯރުކޮށްދިނުމާ މެދު އިންޑިއާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި އީރާނުގެ މެދުގައި އުފެދުނު ހަމަނުޖެހުންތައް ހުއްޓުވުމަށް ތުރުކީއާއެކު މިސްރު، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތުރުކީން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ މުރާތު އާރްސޯއީ ވިދާޅުވީ، ދެ ގައުމުގެ ޚާރިޖީ ގުޅުމަށް "އައު ދިރުމެއް ގެނައުމަށް" މިއީ އެންމެ މުނާސަބު ވަގުތު ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން 2023 ވަނަ އަހަރު ނިއުދިއްލީގައި ބޭއްވި ޖީ-20 ސަމިޓްގެ ތެރެއިން ބައްދަލުކުރެއްވިއިރު، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ތުރުކީގެ ޚާރިޖީ ވަޒީރާ އެންމެ ފަހުން ބައްދަލުކުރެއްވީ 2024 ފެބްރުއަރީގައި އޭސިއާން ސަމިޓްގެ ހަވާސާގައެވެ.

Ads by Allied Insurance