ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކުއްލި ގޮތަކަށް ނިޔާވި އުމުރުން 41 އަހަރުގެ މީހާގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
މަރުވެފައި އޮއްވައި ފެނިފައި ވަނީ މާލެ، މ. ރޭއަލިވާގެއާގެ، އަޙްމަދު ނަވްޝާދެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ހުރި ގޮޅިތެރެއަށް ވެއްޓިފައި އޮއްވައި ފެނުމާ އެކު، ވަގުތުން ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ފުރާނަ ނެތްކަން ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ކަމާބެހޭ އިދާރާތަކުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ. މިގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މިކަމުގެ އެންމެހައި މަޢުލޫމާތުތައް ފުލުހުންގެ ފަރާތުން މިހާރު ވަނީ އަންގާފައެވެ.