ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށް ޖަޕާނުން ކަނޑުގެ 6000 މީޓަރު އަޑިން ނާދިރު މަޢުދަންތައް ނަގަނީ
ޕެސިފިކް ކަނޑުގެ މެދުގައި އޮންނަ ކުޑަކުޑަ ރަށެއް ކަމަށްވާ 'މިނާމީތޮރިޝިމާ' އަކީ ޖަޕާނުގެ އެންމެ އެކަހެރި އެއް ސަރަހައްދެވެ. ޓޯކިޔޯގެ އިރުދެކުނުން ގާތްގަނޑަކަށް 2,000 ކިލޯމީޓަރު ދުރުގައި އޮންނަ މި ރަށުގެ ވަށައިގެންވާ ކަނޑުގެ ފުންމިނުން އެ ގައުމުގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނުވާފަދަ ނަސީބެއް މިއަދު މިވަނީ ފެނިފައެވެ.
ޖަޕާނުގެ ދިރާސާވެރިން ވަނީ ކަނޑުގެ 6,000 މީޓަރު އަޑިން، ބިމުގެ ފަށަލަތަކުގައި ހުރި ނާދިރު މަޢުދަންތައް (rare-earth elements) ނެގުމުގެ އުނދަގޫ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ކަނޑުއަޑިން ފެނުނު އެންމެ މުއްސަނދި މަޢުދަންގެ ރިޒާވްތަކުގެ ތެރެއިން އެކެކެވެ.
މި ކާމިޔާބީއާއެކު، ޗައިނާ އާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ކުރިމަތިލުންތަކުގައި ޖަޕާނުގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެއެވެ. ޖަޕާނަކީ ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން، ޗައިނާގެ މައްޗަށް އޮތް ބަރޯސާވުން ވަރަށް ބޮޑަށް ކުޑަކުރަން ފަށާފައިވާ ހަމައެކަނި ގައުމެވެ.
ޕެސިފިކް ކަނޑުގެ އަޑީގައި ހިންގި މި ބޮޑު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ 'ޗިކްޔޫ' ނަމަކަށް ކިޔާ ދިރާސާކުރާ ބޯޓެއްގައެވެ. މިއީ ދުނިޔޭގައިވެސް މިހާ ފުން މިނަކުން މިފަދަ ސާމްޕަލްތައް ނެގި ފުރަތަމަ ފަހަރެވެ. ޖަޕާނު ސަރުކާރުން ބުނާ ގޮތުގައި މިއީ އެ ގައުމުގެ އިޤްތިޞާދީ ރައްކާތެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީކުރުމުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.
ނާދިރު މަޢުދަންތަކަކީ ޒަމާނީ ޓެކްނޮލޮޖީއަށް ކޮންމެހެން ބޭނުންތެރި 17 މައުދަނެކެވެ. މިއީ އިލެކްޓްރިކް ކާރުތަކުގެ މެގްނެޓްތަކާއި، ވިންޑް ޓާބައިން، ސެމީކޮންޑަކްޓަރު، ރާޑަރު އަދި މިސައިލް އުފެއްދުމަށް ބޭނުންކުރާ ތަކެއްޗެވެ. މިނާމީތޮރިޝިމާ ސަރަހައްދުން ފެނުނު ރިޒާވްގައި، ކުރިއަށް އޮތް 700 އަށްވުރެ ގިނަ އަހަރަށް ބޭނުންވާނެ މިންވަރަށް 'ޑިސްޕްރޯސިއަމް' އަދި 'ޔިޓްރިއަމް' ފަދަ މައުދަންތައް ހުރި ކަމަށް ލަފާކުރެވެއެވެ. ބައެއް އަންދާޒާތަކުން ދައްކާގޮތުގައި މިއީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ރިޒާވަށް ވުން އެކަށީގެންވެއެވެ.
މި މަޢުދަންތަކަށް ޖަޕާނުން ކުރާ އުއްމީދުތައް ގުޅިފައިވަނީ 2010 ވަނަ އަހަރު ޗައިނާއާއެކު ކުރިމަތިވި ހިތްދަތި ތަޖުރިބާއަކާއެވެ. އެ އަހަރު ހިނގި ސިޔާސީ ހަމަނުޖެހުމަކާ ގުޅިގެން ޗައިނާއިން ޖަޕާނަށް ނާދިރު މަޢުދަންތައް އެކްސްޕޯޓްކުރުން ދެ މަސް ދުވަހަށް ހުއްޓާލިއެވެ. އެ ދުވަސްވަރު ޖަޕާނަށް ބޭނުންވާ މިފަދަ ތަކެތީގެ 90 އިންސައްތަ ގެންނަނީ ޗައިނާއިންނެވެ. އެ ހާދިސާގެ ސަބަބުން ޖަޕާނުގެ ސިނާއަތްތަކަށް ބޮޑު ސިހުމެއް ލިބި، ދުނިޔޭގެ ބާޒާރުގައި މި ތަކެތީގެ އަގު 10 ގުނަ އުފުލުނެވެ.
އެ ދުވަހުން ފެށިގެން ޖަޕާނުން ވަނީ އެގައުމުގެ އިސްތިރާތީޖީ ސިޔާސަތު ބަދަލުކޮށްފައެވެ. ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ މައިންތަކުގައި އިންވެސްޓްކޮށް، މަޢުދަންތައް ރީސައިކަލް ކުރާނެ ގޮތްތައް ތަރައްޤީކޮށް، އަދި މި ތަކެތި ބޭނުންވާ މިންވަރު މަދުކުރެވޭނެ ޓެކްނޮލޮޖީއަށް ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޗައިނާއަށް ބަރޯސާވާ މިންވަރު މިހާރު ވަނީ 50 އިންސައްތައަށް ދަށްކުރެވިފައެވެ.
މީގެ އިތުރުން، ޖަޕާނުން ވަނީ ކުއްލި ހާލަތްތަކަށް ބޭނުންވާނެ ނާދިރު މަޢުދަންތަކުގެ ރިޒާވެއްވެސް ގާއިމުކޮށްފައެވެ. މިއީ އެހެން ގައުމުތަކުން ކުރުމަށް ފަސްޖެހޭ، އެކަމަކު ދުރުވިސްނޭ ނިންމުމެކެވެ. މީގެ ސަބަބުން ސަޕްލައި މެދުކެނޑުނު ކަމުގައިވިޔަސް، ސިނާއަތްތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބެއެވެ.
އެމެރިކާއާއެކު ވެފައިވާ 'ޓޯކިޔޯ ފްރޭމްވޯކް' އެއްބަސްވުމުގެ ދަށުން، 2026 ވަނަ އަހަރު މި މަޢުދަންތައް ނެގުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތުގައި އެމެރިކާގެ މާލީ އަދި ޓެކްނޮލޮޖީގެ އެހީތެރިކަން ލިބޭނެއެވެ. މިއީ ހަމައެކަނި އިންޖިނިއަރިންގެ ކާމިޔާބީއެއް ނޫނެވެ. މިއީ ޖަޕާނުގެ އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.