ސްރީލަންކަން އާއި މޯލްޑިވިއަންއާ ދެމެދު ގުޅިގެން އުދުހެން އެއްބަސްވުމެއް
ސްރީލަންކަން އެއާލައިންސް އާއި ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އާ ދެމެދު, ގުޅިގެން އުދުހެން އިންޓަލައިން ޕާޓްނަޝިޕެއް ގާއިމްކޮށްފި އެވެ.
މޯލްޑިވއަން އާއި ސްރީލަންކަން އެއާލައިންސް ގުޅިގެން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން މި އެއްބަސްވުމުގެ ދަށުން، ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ރީތި ރަށްތަކާއި ރިސޯޓުތައް ހިމެނެ އެވެ.
މި ޕާޓްނަޝިޕްގެ މުހިންމު ބައިތައް
އެއް ޓިކެޓެއްގައި ދަތުރުކުރުން: ފަސިންޖަރުންނަށް މިހާރު މާލެއާއި ގަން ހިމެނޭހެން، ދެ އެއާލައިންގެ ދަތުރުތަކަށް އެއް އިލެކްޓްރޯނިކް ޓިކެޓެއް ބޭނުންކުރެވޭނެ އެވެ. މީގެ ސަބަބުން ދަތުރުގެ ކަންކަން ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެގެންދާނެއެވެ.
ފަސޭހަ ކަނެކްޓިވިޓީ: ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އަންނަ ފަސިންޖަރުންނަށް، މޯލްޑިވިއަންގެ ނެޓްވޯކް ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުކުރެވޭނެ އިންތިޒާމު މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.
ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުން: އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ދެ މަންޒިލްގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވުމަކީ، ދެ ގައުމުގެ ފަތުރުވެރިކަމަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ސްރީލަންކަން އެއާލައިންސް އިން ބުނީ، މިއީ ދަތުރުވެރިންނަށް ދޭ ހިދުމަތްތައް ފުޅާކޮށް، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މޯލްޑިވިއަންއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ.