ދުނިޔެ

ނިއުޒީލެންޑާއި އިންޑިއާއާ ދެމެދު ތާރީޚީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އަހަރުތަކެއްގެ މަޝްވަރާތަކަށްފަހު، ނިއުޒީލެންޑާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި (FTA) މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ސޮއިކޮށްފިއެވެ. ނިއުޒީލެންޑްގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް މިނިސްޓަރު ޓޮޑް މެކްލޭ ވަނީ މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރައްވާފައެވެ. މިއީ ނިއުޒީލެންޑްގެ ތާރީޚުގައި ސޮއިކުރެވުނު އެންމެ މުހިންމު އެއް ވިޔަފާރީގެ އެއްބަސްވުން ކަމަށް އެ ގައުމުގެ ސަރުކާރުން ސިފަކުރެއެވެ.

Ads by Allied

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މެކްލޭ އިންޑިއާއަށް ވަޑައިގަތީ އެކި ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުންނާއި 30 އަށްވުރެ ގިނަ ވިޔަފާރިވެރިންގެ ވަފުދަކާއެކުގައެވެ. މި އެއްބަސްވުމަކީ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން 2023 ވަނަ އަހަރު ވެވަޑައިގެންނެވި ވައުދެއް ފުއްދުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. މި އެއްބަސްވުމަށް މަގުފަހިކުރުމަށްޓަކައި މެކްލޭ ވަނީ ހަތް ފަހަރެއްގެ މަތިން އިންޑިއާއަށް ޒިޔާރަތްކުރައްވާފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑިއާގެ އިގްތިސާދަށް ނިއުޒީލެންޑަށް ފަސޭހަކަމާއެކު ވަދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ މެދުފަންތީގެ އާބާދީ 715 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މުޅި ޔޫރަޕްގެ އިއްތިހާދުގެ އާބާދީއަށްވުރެ ބޮޑު އަދަދެކެވެ. މިހާރު އިންޑިއާއަކީ ނިއުޒީލެންޑްގެ 12 ވަނައަށް އެންމެ ބޮޑު އެކްސްޕޯޓް މާކެޓެވެ. އާ އެއްބަސްވުމާއެކު ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެކްސްޕޯޓް ދެގުނަ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެއްބަސްވުމުގެ ދަށުން ނިއުޒީލެންޑުން އިންޑިއާއަށް އެކްސްޕޯޓްކުރާ ތަކެތީގެ 95 އިންސައްތަ އިން ޑިއުޓީ ކަނޑާލުން ނުވަތަ ބޮޑުތަނުން ކުޑަކުރެވޭނެއެވެ. މީގެ ކުރިން އެވްރެޖްކޮށް 30 އިންސައްތައާއި 60 އިންސައްތައާ ދެމެދު ހުންނަ ޑިއުޓީ 3 އިންސައްތައަށް ތިރިވާނެއެވެ. ޚާއްސަކޮށް ވައިންގެ ޑިއުޓީ 150 އިންސައްތައިގައި ހުރިއިރު، މީގެ ސަބަބުން ނިއުޒީލެންޑްގެ ވިޔަފާރިވެރިންނަށް އެތައް މިލިއަން ޑޮލަރެއް ސަލާމަތްކުރެވޭނެއެވެ.

ކުއްލި ފައިދާތަކުގެ ތެރޭގައި ކުުރި މަހާއި، ކުލީގެ ކޮލި (wool) އަދި ދަލިބޮގަ (coal) އިން ނަގާ ޑިއުޓީ ވަގުތުން ކަނޑާލުން ހިމެނެއެވެ. ނިއުޒީލެންޑުން އިންޑިއާއަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ ވަލުލަކުޑީގެ ބާވަތްތަކުގެ 95 އިންސައްތަ އިންވެސް ވަގުތުން ޑިއުޓީ ކަނޑާލެވޭނެއެވެ. އަދި މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުރިއަށް އޮތް ހަތް އަހަރުގެ ތެރޭގައި އެއްކޮށް ހުސްކުރެވޭނެއެވެ.

އިންޑިއާއިން މިހާތަނަށް ސޮއިކުރި އެއްވެސް ވިޔަފާރީގެ އެއްބަސްވުމެއްގައި އާފަލަށް ޚާއްސަ ލުއިތަކެއް ދީފައި ނުވާއިރު، ނިއުޒީލެންޑް ވެފައިވަނީ އެފަދަ ލުއިތަކެއް ހޯދި ފުރަތަމަ ގައުމަށެވެ. މީގެ އިތުރުން ކިވީ ފްރުޓް، ޗެރީ، އަދި އެވޮކާޑޯ ފަދަ މޭވާތަކަށްވެސް ބޮޑެތި ލުއިތަކެއް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ.

މަނޫކާ މާމުޔަށް (Mānuka honey) އިންޑިއާއިން ފުރަތަމަ ފަހަރަށް ޚާއްސަ ލުއިތަކެއް ދީފައިވާއިރު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާމުޔަށް ނަގާ ޑިއުޓީ 75 އިންސައްތައަށް ކުޑަކުރެވޭނެއެވެ. މިއީ މިހާރު އަހަރަކު އެންމެ ހަތް ޓަނުގެ މާމުއި އެކްސްޕޯޓްކުރާ ނިއުޒީލެންޑަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

ކިރާއި ކިރުގެ އުފެއްދުންތަކަކީ މި މަޝްވަރާތަކުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވި ކަންތަކެވެ. މި ދާއިރާއިން ބޮޑު މިނިވަންކަމެއް ނުލިބުނު ނަމަވެސް، ކުޑަކުދިންގެ ކިރު ފަދަ ބައެއް ބާވަތްތަކުން ޑިއުޓީ ކުޑަކުރުމަށް ވަނީ އެއްބަސްވެފައެވެ. މުހިންމު ކަމެއްގެ ގޮތުގައި، ކުރިމަގުގައި އިންޑިއާއިން އެހެން ގައުމަކަށް ކިރުގެ ބާވަތްތަކުން އިތުރު ލުއިތަކެއް ދީފިނަމަ، އެ ލުއިތައް ނިއުޒީލެންޑަށްވެސް ލިބިދޭންޖެހޭނެ ކަމަށް ވަނީ އެއްބަސްވެފައެވެ.

މުދާ އެތެރެކުރުމުގެ މަރުހަލާ އަވަސްކުރުމަށްޓަކައި، 48 ގަޑިއިރު ތެރޭގައި ކަސްޓަމްސް އިން މުދާ ދޫކުރުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ. އަދި އަވަހަށް ހަލާކުވާ ފަދަ ތަކެތި 24 ގަޑިއިރު ތެރޭގައި ދޫކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

އިމިގްރޭޝަނާ ގުޅޭ ނިންމުންތަކަކީ ސިޔާސީ ގޮތުން އެންމެ ބޮޑު ބަހުސެއް އުފެދުނު ބަޔެވެ. އަހަރަކު 1,667 ވަގުތީ ވިސާ އިންޑިއާގެ މަސައްކަތްތެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އައިސީޓީ، އިންޖިނިއަރިންގް، އަދި އިންޑިއާގެ ސަގާފީ ބޭސްވެރިކަމުގެ ދާއިރާއާއި ޔޯގާ އިންސްޓްރަކްޓަރުންނާއި ޗެފުން ހިމެނެއެވެ. މީގެ އިތުރުން ޒުވާނުންނަށް ޚާއްސަ 'ވޯކިންގް ހޮލިޑޭ' ސްކީމެއްގެ ދަށުން އަހަރަކު 1,000 ކުދިންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމަށް ވިޔަފާރިވެރިން މަރުހަބާ ކީ ނަމަވެސް، ނިއުޒީލެންޑްގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ފާޑުކިޔާފައެވެ. "ނިއުޒީލެންޑް ފަސްޓް" ޕާޓީގެ ލީޑަރު ވިންސްޓަން ޕީޓާސް މި އެއްބަސްވުން ސިފަކުރެއްވީ ގައުމު "ވިއްކާލުން" ފަދަ ކަމެއްގެ ގޮތުގައެވެ. ލޭބަރ ޕާޓީން އެއްބަސްވުމަށް ތާއީދުކުރި ނަމަވެސް، 15 އަހަރު ތެރޭގައި އިންޑިއާއަށް 33 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމުގެ އަމާޒަކީ ހަގީގަތާ ނުބައްދަލު ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ނިއުޒީލެންޑްގައި ދިރިއުޅޭ 3 ލައްކައެއްހާ އިންޑިއާ ދަރިކޮޅުގެ މީހުންނަކީ ދެ ގައުމުގެ ދެމެދުގައިވާ މުހިންމު ފާލަމެކެވެ. ކުރިއަށް އޮތް އިންތިޚާބުގައި މި އެއްބަސްވުމަކީ ވޯޓަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ. ބައެއް މީހުން މިއީ އިގްތިސާދީ ކުރިއެރުމެއް ކަމަށް ދެކޭއިރު، އަނެއް ބަޔަކު ދެކެނީ މިއީ ގައުމުގެ ވަޒީފާތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ.

Ads by Allied Insurance