ވަޒީފާގެ ސާވޭ : މާލޭގެ އާބާދީގެ % 75 ވަޒީފާގަ
މާލޭގައި ދިރިއުޅޭ މަސައްކަތްކުރާ އުމުރުގެ އާބާދީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އާބާދީގެ ބޮޑުބަޔަކީ ވަޒީފާ އަދާކުރާ މީހުން ކަމަށް ދައްކައިފިއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް އިން 2024 އޮކްޓޯބަރުން 2025 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ލޭބަ ފޯސް ސާވޭ" ގެ ނަތީޖާ ދައްކާ ގޮތުން މާލޭގައި މަސައްކަތްކުރާ އުމުރުގެ (15 އަހަރުން މަތީގެ) 188,062 މީހުން ދިރިއުޅެއެވެ. މީގެ ތެރެއިން 68.1 އިންސައްތައަކީ ދިވެހިންނެވެ. ބާކީ 32 އިންސައްތައަކީ ބިދޭސީންނެވެ.
މި ސާވޭ ދައްކާ ގޮތުން މުޅި އާބާދީގެ 75 އިންސައްތަ (141,039 މީހުން) ވަޒީފާ އަދާކުރަމުންދާއިރު، ބިދޭސީންގެ ވަޒީފާގެ ނިސްބަތް ހުރީ ވަރަށް މަތީގައެވެ. ބިދޭސީ އާބާދީގެ 97.5 އިންސައްތަ މީހުން ވަޒީފާގައި ތިބިއިރު، ދިވެހި އާބާދީގެ ވަޒީފާގައި ތިބީ 64.5 އިންސައްތަ މީހުންނެވެ.
މި ސާވޭ އިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް ކަމަކީ ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް ފަރަގެވެ. މާލޭގައި އުޅޭ ފިރިހެނުންގެ 87.7 އިންސައްތަ ވަޒީފާ އަދާކުރާއިރު އަންހެނުންގެ މި ނިސްބަތް އުޅެނީ 54.0 އިންސައްތަ ގައެވެ. ވަޒީފާ ނުލިބިގެން ހޯދަން މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް ވެސް ފިރިހެނުންނަށްވުރެ އިތުރެވެ.
ސާވޭ އިން އެނގުނު ގޮތުގައި ވަޒީފާނެތް މީހުންގެ ރޭޓް މުޅި އާބާދީގައި 2.3 އިންސައްތައިގައި ހުރި ނަމަވެސް، މިއީ ބިދޭސީން ހިމަނައިގެން ބަލާ އަދަދެކެވެ. ހަމައެކަނި ދިވެހިންނަށް ބަލާއިރު ވަޒީފާނެތް މީހުންގެ ރޭޓަކީ 3.7 އިންސައްތައެވެ. މީގެ ތެރެއިންވެސް ޒުވާނުންގެ (15-34 އަހަރު) މެދުގައި ވަޒީފާނެތް މީހުންގެ ނިސްބަތް 4.6 އިންސައްތަ އަށް އަރައެވެ. އަދި މި ސާވޭއިން އެނގުނު ގޮތުގައި 2,398 މީހުންނަކީ ވަގުތު އޮވެ، އިތުރަށް މަސައްކަތް ކުރަން ބޭނުންވެފައި ތިބި މީހުންނެވެ. މީގެ ތެރޭގައި ގިނައީ ދިވެހި އަންހެނުންނެވެ.
މީގެ އިތުރުން މި ސާވޭއިން އެނގުނު ގޮތުގައި ވަޒީފާ ހޯދަން ތައްޔާރަށް ތިބި 6,269 މީހުން ތިބި ނަމަވެސް، އެކި ސަބަބުތަކާހުރެ ވަޒީފާ ހޯދަން ރަސްމީކޮށް މަސައްކަތް ނުކުރެއެވެ. މީގެ 60.3 އިންސައްތައަކީ އަންހެނުންނެވެ. އަދި ޖުމްލަ ގޮތެއްގައި، ވަޒީފާގެ ދަތިކަމާއި، މަސައްކަތުގެ ވަގުތު މަދުވުމާއި، ވަޒީފާގެ ބާޒާރަށް ނުނިކުމެ ތިބި މީހުންގެ ނިސްބަތަށް ބަލާއިރު، އަންހެނުންގެ ނިސްބަތް ހުރީ 15.2 އިންސައްތަގައެވެ. ނަމަވެސް ފިރިހެނުންގެ މި އަދަދު އުޅެނީ އެންމެ 5.0 އިންސައްތަގައެވެ.