ދުނިޔެ

އދ. ގެ މައިގްރޭޝަން ފޯރަމްގައި އިންޑިއާގެ 'އީ-މައިގްރޭޓް' ނިޒާމު ދައްކާލައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޓަނޭޝަނަލް މައިގްރޭޝަން ރިވިއު ފޯރަމް (އައި.އެމް.އާރް.އެފް) ގެ ދެވަނަ ބައްދަލުވުމުގެ ހަވާސާގައި، އދ. ގައި ހުންނަ އިންޑިއާގެ ދާއިމީ މިޝަނުން 7 މެއި 2026 ގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ. "ލެވަރެޖިންގް ޑިޖިޓަލް އިނޮވޭޝަން އިން މައިގްރޭޝަން ގަވަނަންސް – ދަ އީ-މައިގްރޭޓް އެކްސްޕީރިއަންސް އޮފް އިންޑިއާ" ގެ ނަމުގައި ބޭއްވި މި ހަރަކާތް ކުރިއަށްދިޔައީ އދ. ގެ މައި މަރުކަޒުގައެވެ.

Ads by Allied

މި ހަރަކާތް ފައްޓަވައިދެއްވަމުން އދ. އަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ހަރިޝް ޕަރްވަތަނޭނީ ވަނީ، ރައްކާތެރި އަދި ގާނޫނީ ހަމަތަކުގެ މަތިން ހިޖުރަކުރުމުގެ މަގުތައް ފަހިކޮށްދިނުމަށް އިންޑިއާއިން ދޭ އަހައްމިއްޔަތު ތަކުރާރު ކުރައްވާފައެވެ. އަދި ހިޖުރަކުރާ މީހުންނާއި (migrants) ރެފިއުޖީންނާ ދެމެދު އޮންނަ ފަރަގު، ގާނޫނީ އޮނިގަނޑުތައް ތަންފީޒުކުރުމުގައި ސާފުކޮށް ބަޔާންކުރުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.

އެމްބަސެޑަރު ހަރިޝް އިތުރަށް ވިދާޅުވީ، އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ހިޖުރަކުރާ މީހުންނަށް ފޯރުކޮށްދޭ ލުއިފަސޭހަ ނިޒާމުތަކުގެ އެންމެ ފުރިހަމަ މިސާލަކީ "އީ-މައިގްރޭޓް" ޕްލެޓްފޯމް ކަމަށެވެ. އަދި ހިޖުރަކުރާ މީހުންގެ ލާބަޔާއި އެކަންކަން ބެލެހެއްޓުމަށް މިފަދަ 'އޯޕަން ސޯސް' ޑިޖިޓަލް ނިޒާމުތައް ބޭނުންކުރަން ބޭނުންވާ އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށް އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަފުލާގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެކްސްޓަރނަލް އެފެއާޒް ކީރްތީ ވަރްދަން ސިންގް ވިދާޅުވީ، އީ-މައިގްރޭޓް ޕޯޓަލްއަކީ އިންޑިއާގެ ހިޖުރަވުމުގެ ނިޒާމު ހަރުދަނާކުރުމުގެ އެންމެ މުހިންމު ބައި ކަމަށެވެ.

މިނިސްޓަރ ސިންގް ވިދާޅުވި ގޮތުގައި، މި ޕޯޓަލްގެ ސަބަބުން ދެފުށް ފެންނަ ނިޒާމެއް ގާއިމުވެ، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރެވި، ރައްކާތެރިކަމާއެކު ހިޖުރަކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން، އޭއައި (AI) ބޭނުންކޮށްގެން ބަސް ތަރުޖަމާކުރާ ވަސީލަތްތަކުގެ ސަބަބުން، ތަފާތު ބަސްބަހުން ވާހަކަދައްކާ މީހުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހަވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިންގް ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުވެސް މި ޕޯޓަލްގައި ބޭރުގެ 298,000 ވަޒީފާދޭ ފަރާތްތަކާއި 2,457 އެކްޓިވް އެޖެންޓުން ރަޖިސްޓްރީވެފައިވެއެވެ. އަދި އީ-މައިގްރޭޓް މޯބައިލް އެޕް މެދުވެރިކޮށް އެޕްލިކޭޝަންތައް ޓްރެކްކުރުމާއި، އެޖެންޓުންގެ ސައްހަކަން ކަށަވަރުކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ޚިދުމަތް ލިބޭނެއެވެ.

މި ބައްދަލުވުމުގައި ހިޖުރަކުރުމުގެ ދާއިރާއިން އެކި ގައުމުތަކުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާ ބެހޭގޮތުން ޕެނަލް މަޝްވަރާއެއްވެސް ކުރިއަށްދިޔައެވެ. މި މަޝްވަރާގައި އައި.އޯ.އެމް ގެ ސީނިއަރ ޑައިރެކްޓަރ ކިމް އީލިންގް ވަނީ ޑިޖިޓަލް މައިގްރޭޝަންގައި އިންޑިއާ ދައްކަމުންދާ ނަމޫނާއަށް ތައުރީފު ކުރައްވާފައެވެ.

އިކުއެޑޯގެ ވައިސް މިނިސްޓަރ ސައުލް ޕަކުރުކޫ އެ ގައުމުގެ ޑިޖިޓަލް ކޮންސިއުލަރ ޚިދުމަތްތަކުގެ ތަޖުރިބާ ހިއްސާކުރެއްވި އިރު، ފިލިޕީންސްގެ އެސިސްޓަންޓް ސެކްރެޓަރީ ލެވިންސަން ސީ. އަލްކަންޓާރާ ވަނީ އެ ގައުމުގެ ފުރިހަމަ ޑިޖިޓަލް މައިގްރޭޝަން މޮޑެލްއާ ބެހޭ މައުލޫމާތު ދެއްވާފައެވެ. ސައުދީ އަރަބިއްޔާގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަބްދުލްއަޒީޒް އަލްވާސިލް ވަނީ އެ ގައުމުގެ 'ގިވާ' (Qiwa) ފަދަ ޕްލެޓްފޯމްތަކުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ގޮތް ތަފްސީލުކޮށްދެއްވާފައެވެ.

ޖަރުމަނުވިލާތުގެ ކޮމިޝަނަރު ފްލޮރިއަން ލައުޑީ ވިދާޅުވީ، ހުނަރުވެރި މަސައްކަތްތެރިން ހޯދުމުގައާއި ޑިޖިޓަލް ނިޒާމުތައް ބޭނުންކުރުމުގައި އިންޑިއާ އާއި ޖަރުމަނާ ދެމެދު އޮތް ބައިވެރިވުން އިތުރަށް ވަރުގަދަވަމުންދާ ކަމަށެވެ.

އައި.އެމް.އާރް.އެފް އަކީ 'ގްލޯބަލް ކޮމްޕެކްޓް ފޯ މައިގްރޭޝަން' ތަންފީޒުކުރުމުގައި ލިބިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން އދ. ގެ މެންބަރު ގައުމުތަކުން މަޝްވަރާކުރާ މައިގަނޑު މަންސައެވެ. ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މި ފޯރަމް އިންތިޒާމުކުރަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސެވެ.

Ads by Allied Insurance