ދުނިޔެ

ޕާކިސްތާނު: އަސްކަރީ ކޯޓުތަކުން އާންމުންގެ މައްޗަށް ހިންގާ ބޭއިންސާފު ޝަރީއަތްތައް ނިމުމަކަށް ގެންނަންޖެހޭ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޕާކިސްތާނުގެ އަސްކަރީ ކޯޓުތަކުގައި އާންމު ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ނޫން ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އަހަރެއް ފުރުމާ ގުޅިގެން، އެމްނެސްޓީ އިންޓަނޭޝަނަލްގެ ސައުތު އޭޝިއާގެ ޑެޕިއުޓީ ރީޖަނަލް ޑައިރެކްޓަރު އިޒަބެލް ލާސީ ވަނީ އެ ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Ads by Allied

އިޒަބެލް ލާސީ ވިދާޅުވީ، ސުޕްރީމް ކޯޓުގެ 2025 ވަނަ އަހަރުގެ ނިންމުމުގެ ސަބަބުން ޕާކިސްތާނުގައި އަދުލުވެރި ޝަރީއަތެއް ލިބުމުގެ ހައްގާއި އިންސާނީ މިނިވަންކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި މިފަދަ އަސްކަރީ ކޯޓުތަކުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުގެ ދަށުން ކަށަވަރުކޮށްދޭ ގާތްގަނޑަކަށް ހުރިހާ ރައްކާތެރިކަމަކާ ހިލާފުވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަސްކަރީ ކޯޓެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ އާންމު ރައްޔިތަކަށް ފުރަތަމަ ކުރިމަތިލާންޖެހެނީ އިޖުރާއީ ރައްކާތެރިކަމެއް ނެތް ސިއްރު ޝަރީއަތަކާއެވެ. މި ޝަރީއަތްތައް ހިންގަނީ މިނިވަންކަމެއް އަދި ވަކި ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަމެއް ނެތް އަސްކަރީ އޮފިސަރުންނެވެ. ކުށް ސާބިތުވާ ހާލަތްތަކުގައި، މި ހައްގު ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް، އިސްތިއުނާފު ކުރުމުގެ ހައްގު އެ ފަރާތްތަކަށް ވަނީ އިންކާރުކޮށްފައެވެ. މީގެ ތެރޭގައި މޭ 9 ގައި މުޒާހަރާކޮށްގެން އަދަބު ތަންފީޒު ކުރަމުންދާ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިދްރީސް ޚައްތާކް ފަދަ ފަރާތްތައް ހިމެނެއެވެ. އެ ފަރާތްތަކަށް ކޯޓުގެ ނިންމުންތަކުގެ ތަފްސީލެއް ނުލިބޭއިރު، ގިނަ ފަހަރަށް އެއްވެސް ލިޔުމެއްވެސް ނުދެއެވެ. މިއީ އެ މީހުން ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރުކުރުމަށް ގަސްތުގައި ބޭނުންކުރާ އުކުޅެކެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަނީ، އާންމުންގެ މައްޗަށް އަސްކަރީ ޝަރީއަތްތައް ހިންގުން މަނާކޮށް، މިފަދަ ކޯޓުތަކުން ކޮށްފައިވާ ހުރިހާ ޣައިރު ގާނޫނީ ހުކުމްތައް ބާތިލްކުރުމަށެވެ. އަދި ކުށް ސާބިތުވެފައިވާ ހުރިހާ އެންމެންނަށް މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ފުރިހަމަ ހައްގު ކަށަވަރުކޮށްދޭން ޖެހެއެވެ.

7 މޭ 2025 ގައި، ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ކޮންސްޓިޓިއުޝަނަލް ބެންޗުން ވަނީ އޮކްޓޯބަރު 2023 ގައި އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ބަދަލުކޮށްފައެވެ. ކުރީގެ ނިންމުމުގައި ބުނެފައިވަނީ މޭ 9 ގެ މުޒާހަރާތަކާ ގުޅިގެން އާންމުންގެ މައްޗަށް އަސްކަރީ ކޯޓުގައި ޝަރީއަތް ހިންގުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ޕާކިސްތާން އާމީ އެކްޓް 1952 ގެ ބައެއް މާއްދާތައްވެސް އެ ފަހަރު ބާތިލްކުރިއެވެ.

އަސްކަރީ ކޯޓުތަކުގައި އާންމުންގެ މައްޗަށް ޝަރީއަތް ހިންގިދާނެ ކަމަށް ނިންމި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެފަދަ ފަރާތްތަކަށް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މިނިވަން ހައްގު ލިބިދޭ ގާނޫނެއް 45 ދުވަހުގެ ތެރޭގައި ފާސްކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް، އަހަރެއް ވެގެން ދިޔައިރުވެސް ޕާލަމެންޓުން އެފަދަ ގާނޫނެއް ފާސްކުރުމަށް ހުށަހަޅާފައިވެސް ނުވެއެވެ.

ޑިސެމްބަރު 2024 ގައި، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން މޭ 9 ގައި ކުރި މުޒާހަރާތަކުގައި ބައިވެރިވި 105 މީހަކަށް އަސްކަރީ ކޯޓުތަކުން 2 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެއް ވަނީ އިއްވާފައެވެ. މީގެ ތެރެއިން ބައެއް މީހުން މިހާރު މިނިވަންވެފައިވީ ނަމަވެސް، ގިނަ ބަޔަކު އަދިވެސް ތިބީ ބަންދުގައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިދްރީސް ޚައްތާކް އަކީ 2019 ގައި ގަދަކަމުން ގެއްލުވާލުމަށްފަހު، 2021 ގައި ހިންގި ސިއްރު އަސްކަރީ ޝަރީއަތަކަށްފަހު 14 އަހަރަށް ޖަލަށްލާފައިވާ މީހެކެވެ.

Ads by Allied Insurance