މަރުކަޒީ ބޭންކުގެ މިލްކިއްޔާތުގައި ހުރި އެސެޓް 2.2 ބިލިއަން ޑޮލަރަށް
ދައުލަތުގެ މަރުކަޒީ ބޭންކުގެ މިލްކިއްޔާތުގައި ހުރި ޖުމްލަ އެސެޓްތަކުގެ އަގު 2.2 ބިލިއަން ޑޮލަރު ނުވަތަ 40 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އުފުލިއްޖެ އެވެ.
މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުގައިވާ ގޮތުން ބޭންކުގެ އެސެޓްތައް މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ ބޭރު ފައިސާގެ މާލީ އެސެޓްތަކާއި، ދިވެހި ފައިސާގެ މާލީ އެސެޓްތަކުގެ އިތުރުން މާލީ ނޫން އެސެޓްތަކެވެ.
މި ރިޕޯޓް ދައްކާ ގޮތުން ބޭރު ފައިސާގެ އެސެޓްތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ބޭންކުތަކުގައި ހުރި ފައިސާއާއި ކޭޝް ބެލެންސްގައެވެ. މިގޮތުން ބޭންކުތަކުގައި ހުރި ފައިސާގެ އަދަދަކީ 9.1 ބިލިއަން ރުފިޔާ އެވެ. އަދި އިންވެސްޓްމަންޓް ސެކިއުރިޓީޒްގެ އަދަދު 2.8 ބިލިއަން ރުފިޔާއަށް އަރާއިރު، މަނިޓަރީ ގޯލްޑުގެ އަގު 142.7 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި
ޖުމްލަ ބޭރު ފައިސާގެ އެސެޓް ހުރީ 12.9 ބިލިއަން ރުފިޔާގަ އެވެ.
ލޯކަލް ކަރަންސީ އެސެޓްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުގެ ޓްރެޜަރީ ބޮންޑުތަކުގައި ކުރެވިފައިވާ އިންވެސްޓްމަންޓްތަކެވެ. މިގޮތުން ޓްރެޜަރީ ބޮންޑުގެ އަގު 13.9 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ސަބްސިޑިއަރީ ކުންފުނިތަކުގެ އިންވެސްޓްމަންޓް 600 މިލިއަން ރުފިޔާގައި ހުރިއިރު ޖުމްލަ ދިވެހި ފައިސާގެ އެސެޓް ހުރީ 16.2 ބިލިއަން ރުފިޔާގަ އެވެ.