ޚަބަރު

ސިޔާސީ ވާދަވެރިކަން ދޫކުރައްވައި ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން އެއްގަލަކަށް

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތް ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އާއި މުހައްމަދު ނަޝީދުގެ އިތުރުން އިބްރާހީމް މުހައްމަދު ޞާލިޙް، ސަރުކާރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރެއްވުމަށްޓަކައި  ތާރީޚީ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

Ads by Allied

މި ބައްދަލުވުމަކީ މީޑިއާތަކަށް ހުޅުވާލައިގެން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާ ގޮތަށް ކުރިއަށްގެންދިޔަ މަޝްވަރާތަކެކެވެ. ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު އެއްމޭޒެއްގެ ދޮށަށް ވަޑައިގަންނަވަން ނިންމެވީ، ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ދެމުންގެންދާ ހަމަލާތަކުން ނޫސްވެރިން ހިމާޔަތްކުރުމަށެވެ. އަދި ޒަމާންވީ ސިޔާސީ ވާދަވެރިކަން އެއްފަރާތްކުރެއްވީ، މިހާރުގެ ވެރިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތައް ބޮޑުކަމުން، މުޅި ގައުމުގެ ހައްގުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީގެ ލީޑަރުން ގުޅިގެން މަސައްކަތްކުރައްވަން ފެއްޓެވިއިރު، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހްޒާން ވަނީ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން ޖަލަށްލާފައެވެ. އެގޮތުން ލީވާން 10 ދުވަހަށް އަދި ޝަހްޒާން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ތާރީޚީ ކޯލިޝަނާ ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، މިއީ މާޒީގައި އެކަކު އަނެކަކަށް އަނިޔާވެރިވެ ފެއިލްވެފައިވާ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ހަމައެހެންމެ، އެ ބޭފުޅުންނަކީ މީގެކުރިން އެކަކު އަނެކަކު ޖަލަށްލައި، ބޮޑެތި އަދާވާތްތެރިކަން ބޭއްވި ބޭފުޅުންކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑު ނުފޫޒެއް އޮތް ތިން ރައީސުން އެއްބައިވެވަޑައިގަތުމަކީ އާންމުންނަށް ހައިރާންކަން ގެނުވި ކަމެއް ނަމަވެސް، މިއީ ރާއްޖޭގެ ސިޔާސީ ތާރީޚަށް މުޅިން އާ ކަމެއް ނޫނެވެ. މީގެ ކުރިން ރައީސް ނަޝީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް، އޭރުގެ އިދިކޮޅު ލީޑަރުން އެއްގަލަކަށް އަރައި ސަރުކާރާ ދެކޮޅަށް ގުޅިގެން މަސައްކަތްކޮށްފައިވެއެވެ.

Ads by Allied Insurance