ޚަބަރު

ދުނިޔޭގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި ވެސް އިންޑިއާއިން ބްރިކްސްއާއެކު ސާބިތުކަމާއެކު

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ފޮރިން ޕޮލިސީގެ 'ސައުތު އޭޝިއާ ބްރީފް' ގައި މައިކަލް ކޫގަލްމަން ލިޔުއްވާފައިވާ ގޮތުން، ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ދިރިއުޅޭ ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ނިއުދިއްލީގައި ކުރިއަށްދާ ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމާއި، އިންޑިއާއަށް ދިމާވެފައިވާ ތެލުގެ ދަތިކަމާ ގުޅިގެން ޚަރަދުކުޑަކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލެއްވި ގޮވާލެއްވުމާއި، ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓަރު ބަންގްލަދޭޝްއަށް ކުރައްވާ މުހިންމު ދަތުރުފުޅު ހިމެނެއެވެ.

Ads by Allied

**ނިއުދިއްލީގައި ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން**
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބީޖިންގގައި ބައްދަލުކުރައްވަމުން ގެންދަވާ މި ހަފްތާގައި، ބުރާސްފަތި އަދި ހުކުރު ދުވަހު ނިއުދިއްލީގައި ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ސަމިޓް ދަނީ ކުރިއަށްކަމަށް ކޫގަލްމަން ފާހަގަކުރައްވައެވެ. މި އަހަރުގެ ބްރިކްސްގެ ރިޔާސަތު ބަލަހައްޓާ އިންޑިއާއިން މި ޖަމާޢަތަށް އިސްކަންދޭއިރު، ސެޕްޓެމްބަރު މަހު ލީޑަރުންގެ އަހަރީ ބައްދަލުވުންވެސް އޮންނާނީ އިންޑިއާގައެވެ.

ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާގެ އިތުރުން މިހާރު މި ޖަމާޢަތުގައި މިޞްރު، އިތިއޯޕިއާ، އިންޑޮނޭޝިއާ، އީރާން އަދި ޔޫއޭއީ ހިމެނޭގޮތަށް މެންބަރުކަން ފުޅާވެފައިވުމާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިންޑިއާއަށް މި ސަމިޓް ކުރިއަށްގެންދިއުން ވަނީ ގޮންޖެހުމަކަށް ވެފައެވެ. ބްރިކްސްއަކީ ހަމައެކަނި ވާހަކަދައްކާ ޕްލެޓްފޯމެއްކަމަށް ފާޑުކިޔުންތެރިން ބުނަމުންދިޔަ ނަމަވެސް، އިންޑިއާއިން ދަނީ ހުޅަނގާއި އެހެނިހެން ބާރުތަކާއެކު އޮންނަ ގުޅުން ހަމަހަމަކޮށް ބޭއްވުމަށް މި ޖަމާޢަތުގެ ބޭނުން ހިފަމުންނެވެ. އީރާން ފިޔަވައި އަލަށް ގުޅުނު ކޮންމެ މެންބަރަކީވެސް އިންޑިއާއާ ގާތް ގުޅުމެއް އޮންނަ ޤައުމަކަށްވާއިރު، ބްރިކްސްގެ އަމާޒުތަކާއި އިންޑިއާގެ އަމާޒުތައް ގިނަ ފަހަރަށް އެއްގޮތްވެއެވެ.

ގްލޯބަލް ސައުތާއެކު ގުޅުން ބަދަހިކުރުމާއި، އދ. އިސްލާޙުކުރުމާއި، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެވޭނެ މަގުތައް ހޯދުން ފަދަ އިންޑިއާއިން އިސްކަންދޭ ކަންކަމަށް ކުރީގެ ބްރިކްސް ސަމިޓްތަކުގައި ބާރުއަޅާފައިވެއެވެ. އެމެރިކާއާއި ހުޅަނގުން އިސްވެ އޮވެ ހިންގާ ނިޒާމާމެދު ހިތްހަމަނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގައި، 2024 ވަނަ އަހަރު ރަޝިއާގައި ބޭއްވި ސަމިޓުގައި 35 ޤައުމަކާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ބައިވެރިވުމަކީ ބްރިކްސްގެ މަޤްބޫލުކަން އިތުރުވަމުންދާކަމުގެ ހެއްކެކެވެ. 2010 ގައި ދެކުނު އެފްރިކާ ގުޅުނު ފަހުން 2024-25 ގައި މެންބަރުކަން ފުޅާވުމަކީވެސް މީގެ ނިޝާނެކެވެ. އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލަން މަސައްކަތްކޮށްފިނަމަ ބްރިކްސް ޤައުމުތަކުގެ މުދަލުން 100 އިންސައްތަ ޓެރިފް ނަގާނެކަމަށް ޓްރަމްޕް އިންޒާރުދެއްވުމުންވެސް މި ޖަމާޢަތުގެ ނުފޫޒު ބޮޑުވަމުންދާކަން ހާމަވެއެވެ.

ނަމަވެސް، އައު މެންބަރުންގެ މެދުގައި އޮންނަ ނުތަނަވަސްކަމަކީ މި ޖަމާޢަތަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އީރާނާއި ޔޫއޭއީ، އަދި މިޞްރާއި އިތިއޯޕިއާގެ މެދުގައި މައްސަލަތައް އުޅޭއިރު، ރަސްމީ މެންބަރަކަށް ނުވިޔަސް ބްރިކްސްގައި ޙަރަކާތްތެރިވާ ސަޢޫދީ ޢަރަބިއްޔާއަކީވެސް އީރާނާ ވާދަވެރި ޤައުމެކެވެ. އިއްތިފާޤުން ކަންކަން ނިންމާ ޖަމާޢަތަކަށް މިއީ އުނދަގޫ ޙާލަތެކެވެ. ޔޫއޭއީ އާއި ސަޢޫދީއާއެކު އިންޑިއާއިން ބާއްވާ ގާތް ގުޅުމުގެ ސަބަބުން އީރާނާ އޮންނަ ގުޅުން ނާޒުކު ފައްތަރެއްގައި އޮތުމުން، ސަމިޓުގެ ތެރެއިން ޚިޔާލުތަފާތުވުންތައް ހައްލުކުރުން އިންޑިއާއަށް އުނދަގޫވާނެއެވެ.

އީރާނުގެ ހަނގުރާމައިގެ ސަބަބުން މި ވާދަވެރިކަން އިތުރުވެ، ގުޅިފައިވާ ބަޔާނަކަށް އެއްބަސްވުން އުނދަގޫވެފައިވާއިރު، ޗައިނާއިން މި ސަމިޓަށް ފޮނުވާފައިވަނީ ހަމައެކަނި އެ ޤައުމުގެ ސަފީރެވެ. ނަމަވެސް އިންޑިއާގެ ނަޒަރުން ބަލާއިރު، އީރާން ފިޔަވައި އައު މެންބަރުންނަކީ ހުޅަނގާ ގުޅުން އޮންނަ ޤައުމުތަކަށް ވުމުން، ބްރިކްސްއަކީ ހުޅަނގާ ދެކޮޅު ޖަމާޢަތެއްގެ ގޮތުގައި ލޭބަލްނުވުމަކީ އިންޑިއާއަށް އޮތް ފައިދާއެކެވެ. އަދި ހުޅަނގުގެ މާލީ ނިޒާމާ ވާދަކުރަން ބްރިކްސް ބޭންކެއް އުފެއްދުމުގެ ޚިޔާލާ ދުރަށްދިއުމަކީވެސް އިންޑިއާއިން އެދޭނެ ގޮތެކެވެ. އެހެންނަމަވެސް، ވަޒީރުންގެ ބައްދަލުވުމުން ނެރޭ ބަޔާން ފަނޑުވުމަކީ ބައިނަލްއަޤްވާމީ ބޮޑެތި ފޯރަމްތައް ކާމިޔާބުކަމާއެކު ބޭއްވުމަށް ފަޚުރުވެރިވާ އިންޑިއާއަށް އެންމެ އެދެވޭ ނަތީޖާއެއް ނޫނެވެ.

**މޯދީގެ އިޤްތިޞާދީ ފިޔަވަޅުތައް**
ތެލުގެ ދަތިކަމާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް އާދީއްތަ ދުވަހު ތެލަންގާނާގައި ބޭއްވި އެއްވުމެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ޕެޓްރޯލާއި ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި، ބޭރު ޤައުމުތަކަށް ކުރާ ދަތުރުތައް މަދުކުރުމަށް މޯދީ އިރުޝާދުދެއްވިއެވެ.

މިކަމާ ގުޅިގެން ތެލުގެ އަގުބޮޑުކުރަން ނުޖެހޭ މިންވަރަށް ސަޕްލައި އެބަހުރިކަމަށާއި ތެލުގެ ދަތިކަމެއް ނެތްކަމަށް ބުނެ އެހެން ބައެއް އިސް އޮފިޝަލުން ކުރިން ދައްކަވާފައިވާ ވާހަކަތަކާ މޯދީގެ ގޮވާލެއްވުން ފުށުއަރައެވެ. ދެކުނު އޭޝިއާގެ އެހެން ޤައުމުތަކުން ތެލުގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު ދެމުންދިޔައިރުވެސް އިންޑިއާގެ އޮފިޝަލުން ކުރިން ތިބީ ދެކޮޅުވެރި ރާގެއްގައެވެ.

މޯދީގެ ރާގު ބަދަލުވި ސަބަބު ސާފުނުވި ނަމަވެސް، މިއީ ސިޔާސީ ނިންމުމެއްކަމަށް ބެލެވެއެވެ. ފަހުގެ ސްޓޭޓް އިންތިޚާބުތަކުގައި ވެރިކަންކުރާ ބީޖޭޕީން ހޯދި ކާމިޔާބީއާއެކު، ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތައް ހާމަކޮށް، ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހިދާނެކަން އެންގުމުގެ ސިޔާސީ ޖާގަ އެ ޕާޓީއަށް މިހާރު ވަނީ ލިބިފައެވެ. އެހެންނަމަވެސް، އޮފިޝަލުން އަދިވެސް ގެންދަވަނީ ބަސްމަގަށް ސަމާލުވަމުންނެވެ. އަންގާރަ ދުވަހު ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވަނީ ތެލުގެ ދަތިކަމެއް ނެތްކަމަށް ވިދާޅުވެ، މޯދީގެ ބަސްފުޅާ ތަފާތުގޮތަކަށް ވާހަކަދައްކަވާފައެވެ. މިއީ ރައްޔިތުންގެ މެދުގައި ހާސްކަން އުފެދި، ގިނަގިނައިން މުދާ ގަތުން (ޕެނިކް-ބައިންގް) ހުއްޓުވުމަށް ކުރެއްވި ކަމެއްކަމަށް ބެލެވެއެވެ.

**ޕާކިސްތާނުން އީރާނުގެ ބޯޓުތަކަށް ހިމާޔަތްދިންތަ؟**
އެމެރިކާގެ ވައިގެ ހަމަލާތަކުން ސަލާމަތްކުރުމަށް، ރާވަލްޕިންޑީ ކައިރީގައިވާ ވައިގެ އަސްކަރީ މަރުކަޒެއްގައި އީރާނުގެ އަސްކަރީ ޖެޓުތަކެއް ބޭއްވުމަށް ޕާކިސްތާނުން ހުއްދަދިންކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީބީއެސް ނިއުސްއިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މިކަން ވަގުތުން ދޮގުކޮށްފައެވެ.

ޕާކިސްތާނުން ބުނާގޮތުގައި އީރާނުގެ ބޯޓުތައް އައީ ފާއިތުވި މަހު އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނުގެ މަންދޫބުންނާ ދެމެދު ބޭއްވި މަޝްވަރާތަކަށްފަހު ގެނައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެންނެވެ. އަދި އެ ބޯޓުތަކުގައި ތިބީ އީރާނުގެ އޮފިޝަލުން ކަމަށާއި، ބައެއް ބޯޓުތަކާއި މީހުން މަޑުކުރީ މަޝްވަރާތަކުގެ ދެވަނަ ބުރަކަށް އިންތިޒާރުކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އެ މަޝްވަރާތައް އަދި ކުރިއަކަށް ނުދެއެވެ.

މީގެ އިތުރުން، އީރާނުގެ ހަނގުރާމައިގައި ޕާކިސްތާނުން އަދާކުރާ މެދުވެރިއެއްގެ ދައުރާމެދު ޓްރަމްޕްގެ ސަރުކާރުގެ ބައެއް އޮފިޝަލުން ހިތްހަމަނުޖެހޭކަމަށް ސީއެންއެން އިން ވަނީ ރިޕޯޓުކޮށްފައެވެ. އެމެރިކާއިން ދެކޭގޮތުގައި ޕާކިސްތާނުން ދަނީ ޓްރަމްޕްގެ ނުރުހުން އީރާނަށް އެންމެ ފުރިހަމައަށް ރައްދުނުކޮށް، އަދި އީރާނުގެ ވިސްނުން ޓްރަމްޕަށް ހުށަހަޅައިދެނީ މާ ރަނގަޅުކޮށް ފެންނަ ގޮތަށެވެ. މި ދެ ރިޕޯޓަކީވެސް ދެބައިމީހުންގެ ދެމެދުގައި ހަމަހަމަކަން ހިފެހެއްޓުމަށް ޕާކިސްތާނަށް އޮތް ނާޒުކު ގޮންޖެހުންތައް ހަނދާންކޮށްދޭ ކަމެކެވެ.

Ads by Allied Insurance