މޯލްޑިވިއަން އޮސްޓްރޭލިއާ ދަތުރުތައް ނޮވެމްބަރާ ހަމައަށް ބޮޑުބައި ފުލްކޮށް
ގައުމީ އެއާލައިން އިން އޮސްޓްރޭލިއާ އަށް ފެށި ދަތުރުތައް ނޮވެމްބަރު މަހާ ހަމައަށް ފުލްވެފައިވާ ކަމަށް އެ އެއާލައިން އިން ބުނެފިއެވެ.
ގައުމީ އެއާލައިންގެ ފައިނޭންޝަލް ކޮންޓްރޯލަރު މުހައްމަދު ރަމީޒު ވިދާޅުވީ ފުރަތަމަ ތިން ފްލައިޓް އެއްކޮށް ފުލްވެފައިވާ ކަމަށާ އަދި މި ދަތުރުތައް ނޮވެމްބަރު މަހާ ހަމައަށް 50 ޕަސެންޓް މި ވަގުތު ވެސް ފުލްކޮށް އޮތް ކަމަށެވެ.
"ފުރަތަމަ ތިން ފްލައިޓް އެއްކޮށް ފުލްކޮށް މި އަންނަނީ. ފްލައިޓުން 264 ފަސިންޖަރުން އަންނާނެ. އެހެންވެ އުންމީދު އެބައޮތް،" ރަމީޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން އަންދާޒާ ކުރަނީ މި އަހަރު ނިމެންވާއިރަށް 11،000 ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. މި އަދަދަށް ޓޫރިސްޓުން ގެނެވިއްޖެނަމަ އެއާޕޯޓް ޓެކުހާއި ގަވަރުމަންޓް ޓެކްސް އަދި އާއްމު މީހާއަށް ލިބޭ އާމްދަނީ ވެސް ބޮޑުތަކުން އިތުރުވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޮސްޓްރޭލިއާއިން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސްފައިވެއެވެ. މިދިޔަ އަހަރު ގާތްގަނޑަކަށް 39,500 ޓޫރިސްޓުން ރާއްޖެ އައި ކަމަށް ދައްކައެވެ.
އޮސްޓްރޭލިއާގެ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެއަށް އަންނަނީ ރާއްޖޭގެ ރާޅާއަޅާ ސީޒަން ކަމަށްވާ މޭ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އޮސްޓްރޭލިއާ ފަތުރުވެރިންނަކީ ދުރު ރާސްތާއަކުން ދަތުރުކުރާ ބަޔަކަށް ވުމުން، އެމީހުން ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ހޭދަކުރާ މުއްދަތު އާންމު ފަތުރުވެރިންނަށްވުރެ ދިގުވެފައި، ހޭދަކުރާ މިންވަރު ވެސް އިތުރެވެ.