ވިޔަފާރި

ބިއޮންޑް އެއާލައިން ފުޅާކޮށް ދިވެހި މުވައްޒަފުން އިތުރު ކުރުމުގެ އަމާޒަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
ބިއޮންޑް އެއާލައޮންގެ ބޯޓެއް

ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ބޫޓީކް އެއާލައިން، ބިއޮންޑް އިން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފްލީޓަށް އިތުރު އެއާބަސް މަތިންދާބޯޓު ތަކެއް އިތުރުކުރުމުގެ މަސައްކަތް ފަށައި، އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ހަރަކާތްތައް ވަރުގަދަކޮށްފިއެވެ.

އޭވިއޭޓާ މޯލްޑިވްސްއިން ބުނި ގޮތުގައި ބިއޮންޑް މި ފުޅާވުމުގެ ދަށުން އެއާލައިންގެ ދާދިފަހުން ވަނީ މާލޭގައި ކެބިން ކްރޫން ހޯދުމުގެ ފަސް ވަނަ އެސެސްމަންޓް ދުވަހެއް ބާއްވާފައެވެ. އައު ރޫޓްތަކާއި މާކެޓްތަކަށް ޚިދުމަތް ދިނުމަށްޓަކައި ބިއޮންޑުން ނިންމާފައިވަނީ ރާއްޖޭގެ ލޯކަލް ޓީމުގެ އަދަދު ދެގުނަ ކުރުމަށެވެ. މިއީ ދިވެހިންނަށް ވަޒީފާގެ ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.

ބިއޮންޑްގެ ހަލުވި ކުރިއެރުމުގެ ބައެއްގެ ގޮތުން، ބަޙްރައިންގެ ޤައުމީ އެއާލައިން، ގަލްފް އެއަރއާ އެކު މިހާރު ވަނީ ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމުކޮށްފައެވެ. މި ގުޅުމުގެ ސަބަބުން ގަލްފް އެއާގެ 75 އަހަރުވީ ފުޅާ ނެޓްވޯކް، ބިއޮންޑްގެ އޯލް-ޕްރީމިއަމް (ހަމައެކަނި ބިޒްނަސް ކްލާސް) މޮޑެލްއާ ގުޅި މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ލަގްޒަރީ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ކަނެކްޓިންގ ދަތުރުތައް ބައްޓަން ކުރެވޭނެއެވެ.

ބިއޮންޑުން ދަނީ ގަލްފް ސަރަޙައްދުގައި އެއަރލައިންގެ އޮޕަރޭޝަންތައް މަލްޓި-ޖުރިސްޑިކްޝަނަލް (ގިނަ ޤައުމުތަކެއްގެ ހުއްދައިގެ ދަށުން) ފުޅާކުރަމުންނެވެ. އެގޮތުން، ބަޙްރައިންގެ އެއާ އޮޕަރޭޓާ ސެޓްފިކެޓެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، 2025ވަނަ އަހަރުގެ ފަހުކޮޅު އެއަރލައިނުން ވަނީ ސީރީޒް ސީ ފަންޑިން ރައުންޑްގެ ދަށުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަށަވަރުކޮށްފައެވެ. މި ފައިސާއާ އެކު ސައުދީ ޢަރަބިއްޔާގައި އެއަރލައިންގެ އަމިއްލަ އޭއޯސީ އެއްގެ ދަށުން އައު ސަބްސިޑިއަރީއެއް އުފެއްދުމުގެ ރޭވުންތައް ވަނީ މާ ބާރަށް ކުރިއަށްދާން ފަށާފައެވެ. ބިއޮންޑުން މިހާރު ވެސް ދަނީ ސައުދީގެ ބޮޑު މަޝްރޫޢެއް ކަމަށްވާ ރެޑް ސީ އިންޓަރނޭޝަނަލް އެއަޕޯޓާއި މިލާން މަލްޕެންސާއާ ދެމެދު ސީދާ ދަތުރުތައް ބާއްވަމުންނެވެ.

Ads by Allied Insurance