ޚަބަރު

ރާއްޖޭގެ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެއްޗަށް ހެދުމަށްދަނީ މަސައްކަތްތަކެއް ކުރަމުން: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުއިއްޒު--

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެއްޗަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓުގަ އެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހު ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ރައްކާތެރި ކާނާގެ މުހިންމުކަން ހަދާން ކޮށްދޭ ކަމަށެވެ. އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ގިނަ ބަލިތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ގުޅިގެން މަސައްކަތް ކުރާ ހަރުދަނާ ނިޒާމުތަކުން ސަލާމަތްވެވޭނެ ބަލިތައް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ޕޯސްޓުގައި ވަނީ ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތި ކަމުގައި ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

"އަޅުގަނޑުމެންގެ ގައުމުގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ނިއުޓްރިޝަނަލް އަދި އިތުބާރުކުރެވޭ ކާބޯތަކެއްކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަން. ސަރުކާރުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ޤާނޫނުގެ ދަށުން ގަވާއިދުތައް އެކުލަވާލުމާއި، ބޯޑަރު ފުޑް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޓެސްޓް ކުރުމުގެ ޤައުމީ ފަންނީ ޤާބިލުކަން އިތުރުކުރުން ހިމެނޭ" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަގައްޔަރުވެފައިވާ ފެނުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަކުލީފުތައް އުފުލަމުންދާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅިގެން މި ކަމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަބާވެ، އެންމެންނަށް ރައްކާތެރި މުސްތަޤްބަލެއް ބިނާކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެ ޖޫން 7ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހެވެ. މިއަހަރުގެ މި ފާހަގަ ކުރަނީ ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަގައްޔަރުވެފައިވާ ފެނުގެ ސަބަބުން ޖެހޭ ބަލިތަކާމެދު އާންމުން ހޭލުންތެރިކުރުމަށެވެ. މި އަހަރުގެ ޝިއާރަކީ "ކޮންމެ ތަނެއްގައި ވެސް ރައްކާތެރި ކާނާ ފޯރުކޮށްދެމާ، ތަކުލީފުތަކުން ދުރައްދަމާ" މި ޝިއާރެވެ.

Ads by Allied Insurance