އުމްރާނީ މަޝްރޫއުތަކުގެ ހޭދަ އިތުރު، ޓޫރިޒަމް ޓެކްސްއަށް ބޮޑު ކުރިއެރުމެއް
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ)އަށް އައި ކުރިއެރުމާއެކު، 2026ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފިއެވެ.
މި ރިޕޯޓުގައިވާ ގޮތުން، 04ޖޫން 2026ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8ބިލިއަން ރުފިޔާ ނުވަތަ 10.1އިންސައްތަ އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ މެދުނުކެނޑި ކުރިއަރަމުންދާކަން ހާމަކޮށްދޭ ހެއްކެކެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން 2025ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2ބިލިއަން ރުފިޔާ ލިބިފައިވާއިރު، 04ޖޫން 2026ގެ ނިޔަލަށް މި އަހަރު އެ އަދަދު ވަނީ 14.8ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5.6ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6.0ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2ބިލިއަން ރުފިޔާއިން 2.5ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ޚަރަދުތަކަށް ބަލާއިރު، 04ޖޫން 2026ގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ އަކީ 19.2ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.6އިންސައްތަ އިތުރު އަދަދެކެވެ. މިގޮތުން މަގުތަކާއި ފާލަން އަދި އެއާޕޯޓް ފަދަ އުމްރާނީ މަޝްރޫޢުތަކަށް ކުރާ ހޭދަ އަކީ ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރާ ކަންކަމެވެ. މިއަހަރުގެ މިހާތަނަށް މިފަދަ މަޝްރޫޢުތަކަށް 818.6މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޕީއެސްއައިޕީގެ ޚަރަދުތަކުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ސަބްސިޑީތަކަށް ކުރާ ޚަރަދު، 2025ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއަހަރު ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން 04ޖޫން 2025ގެ ނިޔަލަށް ސަބްސިޑީއަށް 1.3ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު މި މުއްދަތުގައި 2.3ބިލިއަން ރުފިޔާ ހިނގައި ގާތްގަނޑަކަށް ދެގުނަ ވެފައިވެއެވެ.
މި ތަފާސްހިސާބުތަކުން ދޭހަވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއެކު ދައުލަތުގެ މާލީ ދުޅަހެޔޮކަން އިތުރުވަމުންދާ ކަމެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ އަގު އުފުލުނަ ނުދީ ހިފަހައްޓާފައިވުމުގެ ސަބަބުން ސަބްސިޑީތަކަށް ދައުލަތުން ކުރާ ޚަރަދު ބޮޑުވެފައިވާކަމެވެ. އެހެން ނަމަވެސް، އުމްރާނީ ތަރައްޤީއާއި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުން ކުރާ އިންވެސްޓްމަންޓްތައް މެދުނުކެނޑި ކުރިއަށްދާކަމެވެ.