އިސްވެ ދިޔަ ޤައުމުތައް ކަމުގައިވާ ޢާދު އާއި ޘަމޫދް އާއި މަދްޔަނާއި ސަދޫމް ހަލާކުވެ ފަނާވެ ދިޔަ ވާހަކަ އަޅުގަނޑުމެން އަޑު އަހަމުއެވެ. އެޤައުމުތައް ހަލާކުވެ ދިޔައީ، އެޤައުމުތަކުގެ މީހުން ކުރަމުންދިޔަ ބޮޑެތި ފާފަތަކުގެ ސަބަބުންނެވެ. އެއީ އީމާންތެރިކަން އެއްގޮތަކަށްވެސް ނެތުމުގެ ސަބަބުންނެވެ.
ބައެއް މީހުން ހީކުރާ ގޮތުގައި މިހާރު އެކަހަލަ ކަންތައްތަކެއް ނުހިގާނެއެވެ. ނަމަވެސް މިލިޔާ ޙާދިޘާ ބައެއް ބޭފުޅުން އަޑުއައްސަވާފައި ވެސް އޮވެދާނެއެވެ.
1999 ވަނައަހަރުގެ ހޫނު މޫސުމުގައި ތުރުކީ ވިލާތަށް ވަރުގަދަ ބިންހެލުމެއް އައެވެ. މިޙާދިޘާގައި މަރުވެ ދިޔަމީހުންގެ ޢަދަދު 20000 އިން މައްޗަށް އަރައިގެން ދިޔައެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ފޯރީ އިޒްމަދް އާއި ގުލްޖުކް އަށް ކަމުގައިވީ ނަމަވެސް، މުޅި ތުރުކީ ވިލާތަށް މިކަމުގެ އަސަރު ފޯރާފައިވެއެވެ. ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައިވާ ބޮޑެތި ޢިމާރާތްތައް އަޅުގަނޑުމެންނަށް ފޮޓޯތަކުން ވާނީ ފެނިފައެވެ. މިކަމެއް ހިނގާފައިވަނީ އެންމެ 45 ސިކުންތުގެ ތެރޭގައެވެ. މިކަން ﷲއަށް އުނދަގޫވެ ވޮޑިގެން ނުވެއެވެ. މިގެއްލުންތައް ލިބުނީ ޢަސްކަރީ ފައުޖުތަކަކުން، ބޮންތަކަކުން ނޫނެވެ. އެންމެ 45 ސިކުންތުގައި ބޮޑެތި ސަހަރުތަކެއް ބިމާ ހަމަވީއެވެ. ތުރުކީ ވިލާތުގައި އެފަހަރު ހިނގި މިޙާދިޘާގައި މިސްކިތްތަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ލިބުނަސް ލިބިފައިވަނީ ވަރަށް ކުދިކުދި ގެއްލުންތަކެކެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އެގޮތުން ސަލާމަތުން ހުރި މިސްކިތެކެވެ. ﷲގެ ކުޅަދުންވަންތަ ވެރިކަމުން މުޅި އެހިސާބު ފަނާވެގެން ދިޔައިރު ވެސް، މިސްކިތުގެ އެންމެ ކުޑަދޮރެއްވެސް ހަލާކު ނުވެއެވެ. ބިންހެލުން އައުމުގެ ކުރިން ގުލްޖުކްގެ ކަނޑުގެ ޢަސްކަރީ ސިފައިންގެ މަރުކަޒުގައި އެހެން ޙާދިޘާއެއް ހިގާފައި ވެއެވެ. މިމަރުކަޒު ހުންނަނީ މަރުމަރާ ކަނޑުގެ އައްސޭރީގައެވެ. މިދަންނަވާލަނީ މިޙާދިޘާ ލޮލުން ދެކެ، އަތުން ހިފި ތުރުކީ ސިފައިންގެ ޒުވާން މުސްލިމަކު ކިޔައިދީފައިވާ ވާހަކައެކެވެ. މަރުކަޒު ފަނާވެ، ހަލާކުވެގެން ދިޔައިރު ސަލާމަތްވި ހަމައެކަނި މީހަކީވެސް އޭނާއެވެ.އެޙާދިޘާ ހިނގި އިރު ޕާޓީއެއް ކުރިއަށް ދަނީއެވެ. އެޕާޓީގައި އިސްރާއީލު ސިފައިންގެ އޮފިސަރުންނާއި، އެމެރިކާ ސިފައިންގެ އޮފިސަރުންނާއި، ތުރުކީ ސިފައިންގެ އޮފިސަރުން ތިއްބެވެ. ރާބޮމުން ގެންދިޔައެވެ. މަޖާކުރުމަށްޓަކައި އިސްރާއީލުގެ އަންހެން ކުދިންތަކެއް ގެނެސްފައި ތިއްބެވެ. އެކުދިން ތިބީ ދެބައިކުޅަ އެއްބައި އޮރިޔާން ޙާލުގައެވެ. އެމީހުން އެވަގުތު އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔައެވެ. ތުރުކީގެ ކޮމާންޑިންގ އޮފިސަރަކު، ޚަތިމެއް ގެނައުމަށް އޭނާގެ އެހީތެރިޔަކު ކައިރީގައި ބުންޏެވެ. އޭރު އޭނާ ހުރީ ރާ ބޮއިގެންނެވެ. އޭނާ އަމުރު ކުރީ އެންމެން ހީ، މަޖާ ނެގުމަށްޓަކައި އެވަޤުތު ޤުރުއާން ކިޔެވުމަށެވެ. ނަމަވެސް މިއެހީތެރިޔާ ޤުރުއާނެއް ނުކިޔެވިއެވެ. އޭނާއަށް ކިޔާން ނޭގެނީއެއް ކަމެއް ނުވަތަ ހަމަޤަސްދުގައި ނުކިޔެވީ ކަމެއް ނޭގެއެވެ. އޮފިސަރު ރުޅި އައިސްގެން ކީރިތި ޤުރުއާން އަތުލައި، ވީދަން ފެށިއެވެ. އަދި ނަށަމުންދިޔަ އަންހެން ކުދީންގެ ފައިދޮށަށް ގަނޑުތައް އުކާލިއެވެ. ޒުވާން ސިފައިންގެ މީހާ ދުވެފައި އެތަނުން ނުކުތެވެ. އަދި ނުކުންނަމުން އޭނާ ފަހަތް ބަލައިލިއެވެ. އެވަގުތު އޭނާއަށް ދެކަމެއް ވަނިކޮށް ފެނުނެވެ. އައްސޭރީގެ ފެންގަނޑު ހިނދެން ފެށިއެވެ. އަދި ފެންގަނޑު ދެބައިވިއެވެ. އެވަގުތު އެދިމާލުން ކޯދުލާފައި ދިޔާ އަލިފާން އަރަންފެށިއެވެ. އަދި އަލިފާންގަނޑު ޢަސްކަރީ މަރުކަޒުގައި ޖެހުނެވެ. އަދި އެހިސާބުން ފެންގަނޑުވެސް މައްޗަށް އުފުލެން ފެށިއެވެ. އިސާހިތަކު މަރުކަޒު ފޮރުވެން ފަށައިފިއެވެ. އެވަގުތު އުޑުންއެރި ވިދުވަރަކުން އިތުރު ގެއްލުންތައް ދިނެވެ. އެޒުވާނާ ދުވަމުން ގެންދިޔައެވެ. އެމަރުކަޒުން ސަލާމަތްވީ އޭނާ އެކަންޏެވެ.
Ads by STELCO
މަރުކަޒު ފަނާވިލެއް ބޮޑުކަމުން އެތާހުރި ސާމާނުތަކާއި މީހުންގެ ވަސްވެސް ނެތެވެ. އެއްވެސް ސާމާނެއް ފެނޭތޯ ބެލުމުގެ ގޮތުން 1999 ގެ ޑިސެމްބަރާ ޖެހެންދެން އެމެރިކާ ސިފައިންނާއި ތުރުކީ ސިފައިންނާއި އިސްރާއީލު ސިފައިން ގުޅިގެން މަސައްކަތް ކުރިއެވެ. އަދި ފުނަށް ފީނާ ހެދިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުލިބުނެވެ. ކީރިތި ޤުރުއާނުގެ ޙުރުމަތް ކެނޑި މި މީހުންނަށް ﷲގެ ޢަޛާބު އައީ މާ ގަދަފަދަ ކޮށެވެ.
އެއަށްފަހު ތުރުކީގެ އާބާދީ ބޮޑު ބައެއް ސަހަރު ތަކަށް ވަރުގަދަ ބިންހެލުމެއް އައެވެ. މިބިންހެލުން އައީ 17 އޯގަސްޓް 1999 ވަނަ ދުވަހު މެންދަމުން އަލިވެ 3:05 ގައެވެ. ތުރުކީ ވިލާތުގެ އާބާދީގައި 95 އިންސައްތަ އަކީ މުސްލިމުންނެވެ. ނަމަވެސް މުސްޠަފާ ކަމާލު އަތާތުރުކްގެ ވެރިކަމުގެ ޒަމާނުންފެށިގެން ތުރުކީ ވިލާތުން އިސްލާމީ ދަންމަރު ވަނީ ނިއްވާލާފައެވެ. މިދަންމަރު ރޯވިޔަ ނުދިނުމަށް ، ތުރުކީ ސިފައިންނާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ބިންހެލުން އައުމުން ބައެއް މުސްކުޅިވެރިން ބުނިގޮތުގައި އެމީހުންނަށް ސަޖިދަ ކުރާންވެސް ނޭގެއެވެ. އަދި އެމީހުން ސަޖިދަ ނުކުރާތީ ޢިމާރާތްތައް ސަޖިދަ ކުރުމުގެ ގޮތުން ބިމަށް ތިރިވީ ކަމަށްވެސް އެމީހުން ބުންޏެވެ.
ބިންހެލުން އައުމާއެކު ބައެއްމީހުން ގެތަކުން ނުކުމެގެން އައިއިރު އެމީހުންގެ ފޭރާމަކަށް އޮތީ ހަމައެކަނި ދަށުންލާ އެއްޗިއްސެވެ. ބައެއްމީހުންގެ އެއްވެސް ފޭރާމެއް ނެތެވެ. (ﷲ ތަޢާލާ މިފަދަ ކަންތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވާނދޭވެ!)
ވެއްޓުނު ހޮޓާތަކުގެ ތެރެއިން އަލިމަސް ހޮޓަލޭ ކިޔާ ހޮޓަލަކީ 5 ތަރީގެ ހޮޓަލެކެވެ. އެހޮޓަލުގެ ބިންގަލުގެ ބައިގައި އެކަނިވެސް 350 ޓަނުގެ ކޮންކިރީޓާއި އެކަތަ އެކުލެވިގެންވާ ކަމަށް ޢިމާރާތް ރޭނި ފަރާތުން ބުންޏެވެ. ބިމާ ހަމަވި މިހޮޓަލުގެ ގާފުނި ތަކުގެ ދަށުން 300 ވަރަކަށް މީހުންގެ ހަށިގަނޑު ނެރުނެވެ. މި މީހުންގެ ތެރެއިން ގާތްގަޑަކަށް 80 އިން ސައްތަ މީހުން ތިބީ ޒިނޭ ކުރާށެވެ.
ބޭންކު ވިޔަފާރި ކުރާ މީހަކު އޭނާގެ ވިޔަފާރި ދަތުރު ނިންމާލާފަ އެނބުރި އައި އިރު ބިންހެލުން ވަނީ އައިސްފައެވެ. އޭނާގެ ގެ ހުރި ތަނަށް ގޮސް އަންހެނުންގެ ހަށިގަނޑު ފެނޭތޯ މަސައްކަތް ކުރިއެވެ. އަދި ފެނުނެވެ. އޭނާގެ އަންހެނުން އޮތީ އޭނާގެ އެންމެ ގާތް އެކުވެރިޔާއާއެކު ޒިނޭ ކުރާ ޙާލު، ފިސްފިސް ވެފައެވެ. މިހިރީ އުއްމަތަށް ހުރި ބޮޑެތި ފިލާވަޅު ތަކެވެ. މިކަހަލަ ބޮޑެތިފާފަތައް އެހެނިހެން އިސްލާމީ ޤައުމުތަކުގައިވެސް ހިންގަމުން ގެންދާކަމީ ހިތާމަ ހުރި ކަމެކެވެ.
ތުރުކީ ވިލާތުގައި ފަހަކަށް އައިސް ދީނީ ކަންތައްތަކާ ދެކޮޅަށް ޢަސްކަރިއްޔާއިން ފިޔަވަޅުތައް އަޅާފައި ވެއެވެ. މިގޮތުން 28 ފެބްރުއަރީ 1999 ގައި ޢަސްކަރީ ސަރުކާރުން ފަގުޑި އެޅުމާއި، ޙިޖާބު ލުމާއި ޢުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް އިސްލާމީ ތަޢުލީމު ދިނުން މަނާކުރިއެވެ. އަދި ތުރުކީގައި އޮންނަ ޤާނޫނެއްގައި ބުނާ ގޮތުން ސަރުކާރުގެ މުވައްޒަފެއްގެ ނުވަތަ ޢަސްކަރީ މީހެއްގެ އަންހެނުން އެކަށީގެންވާ އިސްލާމީ ހެދުމެއް އަޅައިފިނަމަ، އެ މުވައްޒަފަކު މަޤާމުން ވަކި ކުރެވެއެވެ. އަދި ޖަލަށް ލެވެއެވެ.
ތުރުކީ ސިފައިންގެ އިސް އޮފިސަރުން އެކި ފަހަރު މަތިން އިސްލާމްދީނާ އިދިކޮޅު ޝިއާރުތައް ފާޅުކޮށްފައި ވެއެވެ. މިގޮތުން ނޭޓޯއަށް ވެސް ނިސްބަތްވާ އޮފިސަރަކު ބުނެފައި ވެއެވެ. “އަހަރެމެން މިހާރު މިތިބީ ތުރުކީ ވިލާތުން އިސްލާމްދީން މުޅިން ފޮހެލެވޭ ހިސާބަށް އައިސްފައެވެ.”
ގުލްޖުކް ގެ ސިފައިންގެ މަރުކަޒުގައި ހުރެފައި އެކަކު ބުންޏެވެ. “އަހަރުމެންނަށް މިހާރު މި ތިބެވެނީ ވަރަށް ހަރުދަނާ އަދި އިތުބާރު ހުރި މަޤާމެއްގައެވެ. އަދި އަހަރުމެން މިތިބީ އަހަރެމެންގެ ރޭވުންތައް އިރުމަތީ ޔޫރަޕަށް ވެސް ފަތުރާ ހިސާބަށް އާދެވިފައެވެ. އެއްވެސް ފަރާތަކަށް ދެނެއް އަހަރުމެންނެއް ނުހުއްޓުވޭނެއެވެ.” އޭނާ މިހެން ބުނީ ގުލްޖުކްގެ މަރުކަޒުގައި ހުރެފައެވެ. އަދި އިތުރަށް މަލާމާތުގެ ރާގަކަށް ބުނެލިކަމަށް ވެއެވެ. “ﷲ އަށް ވެސް އަހަރުމެންނެއް ނުހުއްޓުވޭނެއެވެ.” (މިފަދަނުބައި ޢަމަލުތަކުން އަޅަމެން ދުރުކުރައްވާދޭނވެ!)
އެމީހުން ފަޚުރުވެރިވެ ބޮޑާބަސްތައް ބުނަމުންދިޔައީ އެ މަރުކަޒު ހަދާފައި ހުރިލެއް ވަރުގަދަ ކަމުންނެވެ. ތުރުކީ ވިލާތުގައި އެތަނަށްވުރެ ވަކި ގަދަ ތަނެއް ހުންނާނެ ކަމަކަށް ނުވެއެވެ. ބުނާތީ އިވޭ ގޮތުގައި އެތަން ހަދާފައި ހުންނަނީ ބިން ހެލުނަސް ހަލާކުނުވާ ފަދަ ގޮތަކަށެވެ. އަދި ބޮމުގެ އަސަރު ވެސް ނުފޯރާނެ ގޮތަށެވެ. މުހިއްމު ހަތިޔާރުތަކާއި އާލާތްތައް ކޮށާރު ކޮށްފައި ހުންނަނީ އެތަނުގައެވެ.
އިންސާނާ ކިތަންމެ މަތިހަށިނަގާފައި އުޅުނަސް އިލާހީ ޤާނޫނުގެ ކުރިމަތީގައި ހެދޭނޭ ހަމަ އެއްވެސް ގޮތެއް ނޯވެއެވެ. ދެއްކޭނޭ ހަމަ އެއްވެސް ބާރެއް ނޯވެއެވެ.
އެ މަރުކަޒު ފަނާވި ރޭ އެތަނުން ބޭރުގައި ތިބި މީހުންނަށް ވެސް ބިރުވެރި މަންޒަރުތައް ފެނިފައި ވެއެވެ. އެންމެ ފުރަތަމަ ބިންގަނޑު ތެރޭން އިވެން ފެށީ ރުއިމުގެ އަޑު ކަހަލަ އަޑެކެވެ. އެއަށްފަހު އެއަށްވުރެ ވެސް އަޑިން އިވެން ފެށީ ބިރުވެރި އަޑެކެވެ. ބައެއް މީހުން ހީކުރީ ޤިޔާމަތް ވަނީ ކަމަށެވެ. އެއަށްފަހު ބިންގަނޑު ހޫނުވިއެވެ. އަދި ބައެއް ހިސާބުތަކުން އާވި އަރަން ފެށިއެވެ. ދެން މީހުންނަށް ފެނުނީ ގުލްޖުކްގެ އައްސޭރި އާ ދިމާލުން ވަރަށް ހަލުވިކޮށް ދިޔަވަރު ހިކެން ފެށި ތަނެވެ. އިސާހިތަކު އެދިމާލުގެ އަޑި ވެސް ފެންނާން ފަށައިފިއެވެ. އަދި ރީތިކޮށް ހިކުނެވެ. ދެން ފެނުނީ ކުއްލިއަކަށް ދިޔާ އަލިފާންގަނޑު އެދިމާލުގެ ބިންގަނޑު ފަޅާލާފައި އަރައިގަތް ތަނެވެ. އަލިފާން ގަނޑު އެރީ މައްޗަށެވެ. ބައެއް މީހުންނަށް އެވަގުތު އުޑު ފެނުނީ ގަދަ ރަތް ކުލައިގައި ވަނިކޮށެވެ. އެރި އަލިފާންގަނޑު ފޭބީ ހަމަ ސީދާ ކަނޑުގެ ސިފައިންގެ މަރުކަޒަށެވެ. ދެން އައީ 45 ސިކުންތުގެ ބިން ހެލުމެކެވެ. މި ބިން ހެލުމުގައި ބޮޑެތި އިމާރާތްތައް ބިމާހަމަކޮއްލިއެވެ. ބިން ހެލުމާއެކު 30-40 މީޓަރުގެ ބިޔަ ރާޅު ކަނޑުގައި އުފެދުނެވެ. މި ރާޅު ބައިކިލޯމީޓަރު އެއްގަމަށް އަރައިގެން ދިޔައެވެ. މި މާސިންގާ ރާޅު ސިފައިންގެ އެ މަރުކަޒު ހަލާކުކޮށް ސުންނާފަތިކޮށްލިއެވެ. ސިފައިންގެ މަރުކަޒުގެ އިތުރުން އާއްމުކޮށް ނެށުމާއި ޖުވާކުޅުން އޮންނަ އެހިސާބުގައި ހުރި ހޮޓަލަކަށް ވެސް ބިޔަ ރާޅު އެރިއެވެ.
ގުލްޖުކްގެ ޒުވާނަކު ބުންޏެވެ. “މިއީ ހަމަ އަހަރެމެންނަށް ވާންވީ ގޮތެވެ. އަހަރުމެން އުޅެމުން އައީ އަރާމު ދިރިއުޅުމެކެވެ. އަހަރުމެންގެ ގިނަ މީހުންގެ އަތުގައި ދެގެ ތިން ގެ ހުއްޓެވެ. އަދި ދެތިން ކާރު އޮވެއެވެ. އަހަރުމެން ވަގުތުތައް ނަގާލަމުން ދިޔައީ ޒިނޭ ކުރުމުގައެވެ.” ވިސްނާ މީހުންނަށް މިހިރީ ބޮޑެތި ޢިބްރަތްތަކެވެ.
ކަނޑުގެ ސިފައިންގެ މަރުކަޒަށް މި ދިމާވި ގޮތުގެ ޚަބަރުތައް އޮތީ ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަރަށް ބޮޑަށް ފޮރުވައި، އޮޅުވާލާފައެވެ. ގަތް ލަދަކުން ތޯއްޗެކެވެ.މި ޚަބަރު ތަފްޞީލުކޮށް ދީފައި ވަނީ ހުޅަނގުގެ އެންމެ ނޫހެއްގައެވެ. އެއީ، އެމެރިކާގެ ވޮޝިންގްޓަންގައި ނުކުންނަ “އެގްޒެކެޓިވް އިންޓެލިޖެންސް ރިވިޔު” އޭ ކިޔާ ނޫހެއްގައެވެ. މިއީ ހަފުތާއަކު އެއް ފަހަރު ނުކުންނަ، ސިއްރު މަޢުލޫމާތު އެކުލެވޭ ނޫހެކެވެ. އަގަކީ 10 ޑޮލަރެވެ. މިބިންހެލުމާއި ބެހޭ މަޒްމޫނު ޖަހާފައި ވަނީ 3 ސެޕްޓެމްބަރު 1999 ގެ އަދަދުގައެވެ. 26ވަނަ ޞަފުޙާ ގައި އޮތް މަޒްމޫނު ފަށާފައި ވަނީ މި ސުރުޚީންނެވެ. “ބިން ހެލުމުގެ ސަބަބުން، ތުރުކީ ވިލާތުން ކޯކަސަސް ސަރަޙައްދަށް ވަންނަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ” މަޒްމޫނުގެ ވަކި ހިސާބެއްގައި ލިޔެފައި ވެއެވެ. “.... އައްސޭރި ސަހަރެއް ކަމުގައިވާ ގުލްޖުކްގެ ބައެއް ހިސާބުތައް ވަނީ މަރުމަރާ ކަނޑުގެ ތެރެއަށް ގެނބިފައެވެ. މި ޙާދިޘާގައި ތުރުކީގެ ކަނޑުގެ ސިފައިންގެ އެންމެ މުހިއްމު މަރުކަޒު ވަނީ ހަލާކުވެ ގޮސްފައެވެ. އަދި އެންމެ އިސް އޮފިސަރުންގެ އެތަކެއް މީހުން މަރުވިއެވެ.27 ވަނަ ޞަފުޙާގެ ގައި ލިޔެފައިއޮތެވެ. “ތުރުކީއަށް އައި ބިން ހެލުމުން ނޭޓޯގެ ރޭވުން ވެސް ހެލިގެންފިއެވެ.” މިއީ މުޅި ދުނިޔެއަށް ލިބުނު ފިލާވަޅެކެވެ. ޚާއްޞަކޮށް ބޮޑެތިފާފަތަކަށް އަރައިގަންނަ މީހުންނަށެވެ. ދީނަށް ފުރައްސާރަ ކުރާމީހުންނަށެވެ. ހުރިހާ ބާރެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށެވެ.
(ދަރުމަ މަޖައްލާ ، 2003)