ރިޕޯޓް

"ކުންފަޔަކޫނު"ގެ ވަހީބަސްފުޅަށް އިތުބާރު ނުކުރެވެނީ ހެއްޔެވެ؟

ދެން އެމްވީ ، ދެން އޮންލައިން

އާރާއި ބާރު ގަދަ ކަމުގައި ދެވަނައެއްނެތި ކަލަކު ކަމުގައި ހެދިގެން އުޅުނު ނަމްރޫދުމަރުވެދިޔައީ ބަލިކަށި މަދިރިއެއްގެ އަތްދަށު ވެގެންނެވެ. ކަލާނގެ ވަންތަކަށް ސާބިތުކޮށް ދިނުމަށް ވިލާގަނޑަށް އަމުރުކޮށް ވާރޭވެއްސުވި ކުފުރުވެރި ފިރުއައުނު މަރުވެ ދިޔައީ ކަނޑުވެގެނެވެ. ދުނިޔޭގައި މަތިހަށި ނަގާފައި އުޅުނު އެތަކެއް ބަޔަކު ނިކަމެތި ގޮތެއްގައި ހަލާކުވެ ފަނާވެގެން ގޮސްފައިވާ ވުމަކީ ދުނިޔެ ދެކެފައިވާ ޙަޤީޤަތެވެ. އެއީ ދުނިޔޭގެ ސުންނަތެވެ. އުރެދުމާއި ކުފުރު ވެރިކަން އިންތިހާއަށް ދިޔުމުން އެކިޒަމާނުގައި އެކި މުޞީބާތްތައް ޖެހި އިންސާނާގެ ސައިޒު އިންސާނާއަށް އިހުސާސް ކުރުވާފައިވަނީ އިބުރަތުން ފުރިގެންވާ ގޮތްގޮތަށެވެ. އެހެނަސް މުސީބާތްތަކުން އަރައިގަތުމުން އެކަންކަން އިންސާނާ ހަނދާނެއް ނުހުރެއެވެ.

Ads by MWSC

ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެ އާރާސްތުކުރެވެމުން އައީ ހަތިޔާރުގެ ބާރުވެރިކަން ބޮޑުކުރުމަށް އަމާޒު ހިފައިގެނެވެ. ރައްކާތެރި ވުމަށް އެންމެ އިސްކަންދިނީ ހަތިޔާރުން ދީފާނެ ހަމަލާއަކަށެވެ. އިލްމާއި ހުނަރު އިތުރުކުރަމުން އައީ ހަތިޔާރުއުފެއްދުމާއި ހަމަލާދިނުމާއި ދިފާއުވުމުގެ ބިންގަލުގެ މަތީގައެވެ. ސައިންސާއި ޓެކްނޮލޮޖީ ގެ ހުރިހާ ވިސްނުމެއްގެ އަމާޒަކީ ބާރުވެރިކަން ހޯދުމެވެ. އެބޭނުމުގައި ޢަޤީދާއާއި ފަލްސަފާއަކީ ލޮޖިކް ކަމުގައި ގަބޫލުކުރެވޭ ވަރަށް ސިކުޑިތައް ވަނީ ލަންބުވާލާފައެވެ. ތިމާގެ ބުއްދި ނުފޯރާ ކޮންމެ ކަމަކީ ނެތްކަމެއް ކަމަށް ގަބޫލުކުރުވާ މާއްދިއްޔަތުގެ އަޅަކަށް އިންސާނާ ބަދަލުކޮށްލައިފިއެވެ. ބާރުގަދަ މީހުންގެ ބާރު ނުހިނގާ އެއްވެސް ކަމެއް މުޅިކައުނުގައިވެސް ނެތޭހީވާ ކަހަލައެވެ.

އެހެނެއްކަމަކު ދުނިޔޭގެ ސުޕަޕަވަރުގެ ބާރާއާރު ކޮބައިހެއްޔެވެ. ހެދިހާ ހަތިޔާރުތަކާއި އޭގެ އެއްވެސް ބޭނުމެއް އެބަހިފޭހެއްޔެވެ. ރައްކާތެރިކުރެވިފައި އޮތް ދިރިހުރުމުގެ އިންސާނީ ހައްޤު ރައްޔިތުންނަށް އެބަހޯދާދެވޭ ހެއްޔެވެ. ބާރަށްޓަކައި އުފެއްދި ހަތިޔާރުތަކުން ރަހުމެއް ހަމްދަރުދީއެއްނެތި އެކިނަންނަމުގައި މަރާ ހުސްކުރި އިންސާނުންގެ މަތިން ހަނދާން ވޭބާވައެވެ. މިނިވަންކަމުގެ ނަމުގައި ރައްބެއް ރަސޫލެއްނެތި ހިތުހުރި ގޮތަކަށް އާދަމުގެ ދަރިން އުޅުމަށް ދުރާލާ ކުރި ތަރުބިއްޔަތުން ލިބުނީ ކޮން އެއްޗެއް ހެއްޔެވެ.

ހިޔާލު ތަފާތު ވާހާ ބަޔަކު ވުޖޫދުން ފުހެލުމަށް ފުނިޖަހައިގެން ތިބިހާ ހަތިޔާރުތައް ހުރިތާ ހުއްޓާ އުފެދުނު ގޮތެއްނޭގި ފެތުރިގަތް ލޮލަށް ނުފެންނަ ކުޑަކުޑަ މަޚުލޫޤެއް ހުރިހާ ބާރުތަކެއްގެ ދޮޅިފެނު އަޅުވައިލައިފިއެވެ. ކޮންމެ ބަޔަކު އެބައެއްގެ އަމިއްލަ ހާލަށް ސަލާމަތް ހޯދަން ތެޅިފޮޅެނީއެވެ. މުޅިދުނިޔެ މާއްދިއްޔަތަށް ލަންބުވާލުމަށް މަތިހަށި ނަގައިގެން އިންސާނިއްޔަތުގެ ނަމުގައި އދ ގެ ބޯޑުޖަހައިގެން އިސްވެ ތިބި، އެމެރިކާނުންނާއި، އިނގެރޭސިންނާއި ފަރަންސޭސީންނާއި ރޫމީންނާއި ރޫސީންނާ ސީނުކަރައިގެ ހާލުދެކިބަލާށެވެ.

އަނެއްކޮޅުން އެއްކައުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިކަން ގަބޫލުކޮށްގެން ތިއްބަސް ގިނަ މުސްލިމުންގެ ހާލުވަކީން ސަހަލެއް ނޫނެވެ. ބާރުގަދަ ގައުމުތަކުގެ މާއްދިއްޔަތަށް އީންމާންވުމުގެ ނަޒަރިއްޔާގައިޖެހި ﷲގެ ރަހުމަތުން އުންމީދު ކެނޑިފައިވާ ކަހަލައެވެ. ސަބަބުތަކަށް އެކަނި ބަރޯސާވެ ރަހުމަތާއި ޝިފާއަށް އެދި ކަންކަން ތަރުތީބު ކުރެވޭތީއެއް ނުފެނެއެވެ.

އުފެދުނު ގޮތް ނޭނގި ފެތުރޭ ނުރައްކާތެރި ކޮރޯނާ ވައިރަސް ހަށިތަކަށް ވާސިލުވާ ހުރިހާ ގޮތްގޮތެއް ނުކުޅެދުންތެރި އިންސާނީ ސިނކުޑިތަކަށް އަދިއެއް ދެނެއެއް ނުގަނެވެއެވެ. އަތްދޮވެ ގައިދުރުވެ ކަރަންޓީނުކޮށް ތަޅުމަޅުވެސް އެޅިދާނެއެވެ. އެންމެންހެން ތިބީ ބަސް އަހައިގެންނެވެ. މީހަކު ފަރުވާކުޑަކަމުން ކޮށްލެވޭ އާދައިގެ ކަމަކުން އެވަރުގެ އުނގޫބާތެއް މުޅިޖަމާޢަތަށް ލިބެން ޖެހޭނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ވިސްނާ ފިކުރުކުރާށެވެ.

އަތްދޮންނަން އިރުޝާދު ދެވޭހެން ގިނަގިނައިން ވުޟޫކުރަން ނަސޭޙަތްތެރި ނުވެވޭނީހެއްޔެވެ. މިހާލަތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ތަރުހީބު ނުދެވުނެއްކަމަކު މިސްކިތްތައް ކީރިތި ޤުރްއާނުގެ އަޑުން ގުގުމާ ލެއްވުމަށް މިލިޔަން ޑޮލަރު ޚަރަދުވާނީހެއްޔެވެ. މުސީބާތުން ސަލާމަތް ކޮށްދެއްވާތޯ ތައުބާވުމާއި އިސްތިޣްފާރު ކުރުމާއި ރޯދަޔަށް ތިބުމަށް ކެމްޕެއިންތައް ނުހިންގަންވީ ކީއްވެހެއްޔެވެ. ރޯދަޔަށް ތިބުމުން އަޅުކަމާ ކައިރިކޮށްދީ ކާބޯތަކެތި އިސްރާފުކުރުމުންނާއި އިރުއިރުކޮޅާ ކުރެވޭ ބޭކާރު ބާޒާރުކުރުންތައް މަދުވެ ތަޅުމަޅު އަޅުވައިގެން ނެރެން އެދޭ ނަތީޖާ ހާސިލުވުމަށް ފުރުޞަތު ބޮޑެއް ނުވާނެހެއްޔެވެ.

ބައެއްގެ ކުފުރުވެރިކަމާ ބޮޑާކަން ވަކިވަރަކަށްވުރެ ބޮޑުވުމުން އުޤޫބާތްތައް ދުނިޔެ ދެކެފައި ނުވަނީ ހެއްޔެވެ. ކުށްފާފަތަކުން ތައުބާވެ މުސީބާތް ފިއްލެވުން އެދި މުޖުތަމަޢު ފެންވަރުގައި ކުރެވެން އޮތްކަމެއް ނުކޮށް މިތިބެވެނީ ކީއްވެފާހެއްޔެވެ. "ކުންފަޔަކޫނު" ގެ ވަހީބަސްފުޅަށް އިތުބާރު ނުކުރެވެނީ ހެއްޔެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!