ރިޕޯޓް

ބިދޭސީއެއްގެ ދުލުން: ފެންކަޅިވެ ހުރެ ކިޔައިދިނީ ޑެލިވަރީއަށް ދިޔުމުން ކަންތައް ކުރާ އަނިޔާވެރިގޮތް

ދެން އެމްވީ ، ދެން އޮންލައިން

" ބައެއް މީހުން ހަަޑި އެއްޗެހި ކިޔަނީ، އަދި އަހަރެމެން ގައިން ނުބައި ވަސްދުވަޔޭ ބަލި ހިފައިގެންނޭ ކިޔާ ކޮތަޅުން ވަކި ވަކިން އެއްޗެހި ނަގާފަ ގެޔަށް ވައްދަން ބުނަނީ"

Ads by MWSC

މިއީ ގްރޭޓަރ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން ހުޅުމާލޭގެ ފިހާރައެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކު ކާބޯތަކެތި ޑެލިވަރ ކޮށްދޭން ދިއުމުން ބައެއް ދިވެހިން ކިޔާފައި ހުރި ބަސްތަކެވެ. މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދާ ކޯވިޑް 19 ވައިރަސް މާލެ ތެރޭގައި ފެތުރެން ފެށުމުން ގްރޭޓަރ މާލެ ސަރަހައްދު 14 ދުވަހަށް ވަނީ ލޮކްޑައުން ކޮށްފައެވެ.

މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކާބޯތަކެތި ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތުގައި ބޮޑަށަ ހަރަކާތް ތެރިވަމުން ދަނީ ބަންގްލަދޭޝް މީހުންނެވެ. އެހެން ނަަމަވެސް ބައެއް ދިވެހިން އެމީހުންނާއި ދޭތެރޭ ކަންތައް ކުރަމުންދާ ގޮތް ފެނިފައި، އަހަރެންނަކީ ފަހުރުވެރި ދިވެއްސެކޭ ބުނަން ލަދުގަނެއެވެ.

އެގޮތުން ހުޅުމާލޭގައި ގެތަކަށް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއް މިވަނީ އޭނާގެ އިހްސާސްތައް ކިޔައިދީފައެވެ. ފެންކަޅިވެ ހުރެ އޭނާ ކިޔައިދިނީ ބައެއް ދިވެހިން އެމީހާ ދިމާލަށް ބުނި ވިހަ ބަސްތަކުގެ ވާހަކައެވެ. ކަންތައް ކުރި އިހާނެތި ގޮތުގެ ވާހަކައެވެ.

އޭނާ ބުނީ، ހެނދުނު މަސައްކަތަށް ނިކުންނަ ގޮތަށް މެންދަން ވަންދެން އަވަދިނެތި އުޅެންޖެހެނީ ގެތަކަށް ޑެލިވަރީ ކޮށްދޭން ކަމަށާއި، ބަރު ކޮތަޅުތައް ހިފައިގެން ހިނގާފައި ސިޑިން އަރައިގެން ޑެލިވަރީ ކޮށްދިނުމުން ނޭނގި އެއްޗެއް މަދުވެފައި އޮތަސް އެއްޗެހި ކިޔާ ކަމަށެވެ. އޭނާ ބުނީ،ޑެލިވަރީ ގިނަވެފައި އަވަސްކުރަން ބޭނުންވާތީ ބައެއް ފަހަރު އެއްޗެހި މަދު ވަނީ ކަމަށާއި އެފަދަ ޙާލަތްތަކުގައި ބައެއް މީހުން ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ކަމަށެވެ.

އަޅުގަނޑުމެން ހަމަޖެހިގެން ގޭގައި ތިބޭ އިރު، އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ވައްޓައިލައިގެން ދުވާލު ހަތަރުދަމު އަވީގައި ޑެލިވަރީ ކޮށްދޭ މީހުންނާ މެދު އަޅުގަނޑުމެން ކަންތައް ކުރަންވީ އެގޮތަށް ހެއްޔެވެ؟ އިންސާނިއްޔަތުކަމުގެ ކުލުނާއި ލޯބި އަހަރެމެންގެ ތެރެއިން ނެތިގެންދަނީ ހެއްޔެވެ؟ ހެޔޮ ނުވާނެއެވެ. ރަޙުމެއް ކުރައްވާށެވެ!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!