ޚަބަރު

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް އެންސީޓީސީން ކަނޑައަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ކަނޑައަޅައިފިއެވެ.

Ads by STELCO

އެންސީޓީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަރުކަށި ފިކުރަކީ ގާނޫނު އަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާއި އާންމު އިޖްތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތުކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށެވެ.

ހަރުކަށި ފިކުރަކީ އެތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ، އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި، އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫން ކަމަށްބުނެ އެގޮތަށް ދެއްކުމަށް މަސައްކަތް ކުރާ މީހުން ކަމަށް އެންސީޓީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންސީޓީސީން ބުނީ ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމު ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރުމުގެ ފިކުރަކީވެސް ހަރުކަށި ފިކުރު ކަމަށެވެ.

ގައުމީ ދިދައާއި ދައުލަތުގެ ނިޝާނާއި ގައުމީ ސަލާމް ބަލައި ނުގަތުމާއި، ސުކޫލުތަކުގެ ގައުމީ ތައުލީމީ މަންހަޖުތައް ބަލައިނުގަތުމާއި، ދަރިވަރުން ސުކޫލަށް ހާޒިރުނުކުރުމާއި، އެ ފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތުކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހުރޫމު ކުރުވުމާއި، ދިވެހިރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާ ފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވައި ފެތުރުމުގެ އިތުރުން، އިންސާނީ ހައްގުތަކަށް ބެލުމެއްނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް ކައިވެނި ކުރުވިކަމަށް ބުނެ ތުއްތުކުދިންނަށް ޖިންސީ ގޯނާކުރުމަކީވެސް ހަރުކަށި ފިކުރު ކަމަށް އެންސީޓީސީން ވަނީ ކަނޑައަޅައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!