ޚަބަރު

އަދީބުގެ މަސްލަހަތު ކުރިން އޮތް ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ މަސްލަހަތު ކުރިން އޮތް ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

އޭސީސީއިން ދައުވާކުރަން ފޮނުވަން ނިންމީ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

އޭސީސީން މިއަދު ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން، ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލް ޣަފޫރު މެދުވެރިކޮށް މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެ ކޮމިޝަންއިން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.

"އަދި އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ"އޭސީސީން އިތުރަށް ބުންޏެވެ.

އަދި އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ 150،000ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ވާނީ ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

Ads by Ooredoo