ދީން

ސުވަރުގޭގެ ތަޅުދަނޑިތައް ވަނީ އަހަރެމެންގެ ޖީބުގައެއް ނޫނެވެ.

. ، ދެން އޮންލައިން

ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ސުވަރުގޭގެ ތަޅުދަނޑިތައް އަހަރެމެންގެ ޖީބުތަކުގައި ލައްވާފައި ނުވާ ކަމީ އެކަލާނގެ އަހަރެމެންނަށް ދަރުމަކުރެއްވި ބޮޑުވެގެންވާ ރަޙުމަތެކެވެ. އެހެނީ އެހެން އެކަންތައް ވީ ނަމަ އެއްބަޔަކު އަނެއްބަޔަކަށް ސުވަރުގެ ވަނުން މަނާކޮށްލާނެއެވެ. ކޮންމެ މީހަކުވެސް އެމީހަކާ ހަމަ ޚިލާފެއް ވެލައިފި މީހަކު ވިއްޔާ ސުވަރުގެއާ ދުރަށްލާނެއެވެ. ހަމަ ކޮންމެ ޖަމާޢަތެއް ގުރޫޕެއް އެނޫން އެހެން ހުރިހާ ޖަމާޢަތްތަކެއްގެ ކުރިމަތީގައި ސުވަރުގެ ބަންދުކޮށްލާނެއެވެ. އެހެނީ އާދަވެގެން އިންސާނުންނަކީ ނިކަން ދަހި ހަސަދަވެރި ބަޔެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތާއި ރިޒްޤުގެ ޚަޒާނާތައް މިލްކުވެއްޖެ ނަމަ (އެއިން) ހޭދަކުރުމުން ހުސްވެދާނޭ ކަމަށް ބިރުން (ހޭދަނުކޮށް) ހިފަހައްޓާނެއެވެ. އިންސާނާ ވަނީ ދަހިވެތި މީހަކުކަމުގައެވެ." –ސޫރަތުލްއިސްރާއު 100-

Ads by Sosun Fihaara

ނިކަން ބަލާށެވެ! މި އަގެއް ނެތް ދެރަ ނިކަމެތި ދުނިޔެ އައިގެން ވެސް އަހަރެމެން ތަޅާފޮޅާ ހަނގުރާމަކޮށް އުޅެނީއެވެ. ވީއިރު އަދި ސުވަރުގޭގެ ތަޅުދަނޑިތައް އަހަރެމެންނަށް ދެއްވައިފި ނަމަ ކިހިނެއްވާނެ ކަމަށްހެއްޔެވެ؟ ކަލެއަށް ފެންނާނެއެވެ. އެއްބަޔަކު މީސްތަކުން ކާފަރުކޮށް ބިދުޢަވެރިކޮށް ފުރެދުންތެރީންކަމުގައި ހެދުމުގެ ފިހާރަ ހަދައިގެން، އެމީހުން ސުވަރުގެ ނުވަންނާނޭ ކަމަށް ގަދައަޅާ ހުވާކޮށް ހަދާއިރު، އަނެއްބަޔަކު އެމީހުންގެ ހަމައިން ބަލާއިރު ކާފަރުވެ ފާފަވެރިވާ ހާ ބަޔަކަށް ހެދުނާއި ހަވީރު އަދަބުދޭނޭ ހުރަގެތައް ބިނާކުރާ ތަނެވެ. އަނެއް ބަަޔަކު މާތް ކަލާނގެ އަޅުތަކުންގެ ނިޔަތްތަކާއި އިޙްސާސްތައް ބަލާފާސްކޮށް ޙުކުމްކުރާނޭ ކޯޓުތައް ބިނާކުރާ މަންޒަރެވެ. މިސްކީނު އަޅާ ޢައިބުތަކުން ފުރިފައިވާ އޭނާގެ ފާފަވެރި ނަފުސުގެ މަތިން ހަނދާން ނައްތާފައެވެ. އެއް ބަޔަކު ދަޢުވާކޮށް އުޅެނީ މަޢުޞޫމުކަން ވަނީ އެމީހުންގެ ޖަމާޢަތަށް ކަމަށާއި އެމީހުން ނޫން އެހެން ބަޔަކު ސުވަރުގެ ނުވަންނާނޭ ކަމުގައެވެ. ޙަޤީޤަތަކީ ސުވަރުގޭގެ އަހުލުވެރިން ކަމުގައި ޙައްޤު ގޮތުގައި މާތް ނަބިއްޔާއަށް ތަބާވީ މީހުން ނޫނީ ނުހިމެނޭ ކަމެވެ.

ރިވާވެގެންވެއެވެ. ޚަވާރިޖުންގެ މީހަކު ކަމުގައިވާ އަބޫޙަމްޒާ ޙައްޖުވުމަށްފަހު ޞަފާގައި ހުރެފައި އޭނާގެ ދަރިވަރަކަށް ބުންޏެވެ. މި އެންމެހާ ޙައްޖުވެރިން ދާނީ ނަރަކައަށެވެ. ދިރިތިބީންގެ ތެރެއިން މަށާ ކަލެއާ ނޫނީ ސުވަރުގެއަކަށް ނުވަންނާނެއެވެ. އެހިނދު އެ ދަރިވަރު ބުނިކަމުގައިވެއެވެ. ސުބްޙާނަ ﷲ އެވެ. އުޑުތަކާއި ބިން ފަދަ ތަނަވަސްވެގެންވާ ސުވަރުގެއަށް ތިމަންނައާއި ކަލެއާ ނޫނީ ހަމަ ނުވަންނާނީހެއްޔެވެ؟ އެހެންވިއްޔާ ކަލޭ ތިޔަބުނާ ސުވަރުގެއަކީ ﷲ ގެ ސުވަރުގެއެއް ނޫންތާއެވެ. ތިޔަތާކަށް މަށެއް ވެސް ނުވަންނާނަމެވެ. ތިޔަ ބުނާ ތަނެއް ކަލެއަށެވެ. ކަލެއަށް އެކަންޏެވެ. އެހެނީ ﷲ ގެ ސުވަރުގެ އުޑުތަކާއި ބިން ފަދަ ތަނަވަސްވެގެންވެއެވެ. އެތަނުގެ އަށް ދޮރުކޮޅުން ކުރެ ކޮންމެ ދެ ދޮރުކޮޅެއްގެ ދެމެދުގައި ވެސް ޞަންޢާއާއި ބައިތުލްމަޤްދިސްއާ ދެމެދުގައި ހުރި ދުރުމިން ހުންނަ ކަމުގައި ރިވާވެފައިވެއެވެ. އަދި އެ ސުވަރުގެތަކަށް ވަނުމަށް މީސްތަކުން ބައިބޯވެގެންވާ ދުވަހެއް އަންނާނެ ކަމުގައި ވީހިނދު އެތަނަށް ވަންނާނީ ހަމައެކަނި އެންމެ ދެ މީހުން ކަމުގައި ވާނީ ކޮން ފަދައަކުންހެއްޔެވެ؟

އާދަމުގެ ދަރީންގެ މި ހުންނަ ޢަދާވާތްތެއިކަމާއި ރުޅިވެރިކަމާ އެމީހުންނާ ޚިލާފެއް ވެލާ ހަމަ ކޮންމެ މީހަކާ މެދު ކަނޑައަޅާ އެ އުޅޭ ޙުކުމްތަކާ، ގޮވާހާ އެއްޗެއްސާ އިވޭ ހަމަ ކޮންމެ ފަހަރަކު ކަލޭ ﷲ އަށް ޙަމްދުކުރާށެވެ. ރަޙުމަތް ލެއްވުމާއި ތައުބާލެއްވުން އަދި ފުއްސެވުމާއި ސުވަރުގެ ވެއްދެވުން ﷲ އަށް އެކަނި ޚާއްސަކުރައްވާފައިވާ ކަމަށްޓަކައެވެ. ނަފުސުތަކުގައި ބަލިމަޑުކަން އަށަގެންފައިވާ އީމާންކަން ދެރަ ޙަސަދަވެރިންނާ ވާރޭ ވެއްސެވުން ހަވާލު ކުރެވުނު ނަމަވެސް އެމީހުންގެ ގެތަކާއި ދަނޑުބިންތަކަށް ނޫން އެހެން އެއްތާކަށް ވާރޭ ފެން ފޮދެއްވެސް ނުވެއްސާނެކަން ހަމަގައިމެވެ. އެހެނީ އެމީހުންނަކީ އެމީހުންގެ ނަފުސުތަކާއި މީހުންނާއިގެން ތާށިވެފައިވާ ބަޔެކެވެ. އެމީހުންނަށް އެމީހުންގެ ލޮލުން ފެންނަ އެއްޗެއް ނޫނީ އެއީ ހަމަ ނެތް އެެއްޗެކެވެ. އެމީހުންގެ  ތާށި ވިސްނުމަށް ނުވިސްނުނު ހަމަ ކޮންމެ ވިސްނުމަކީ ނެތް ގޮތެކެވެ. ދަލީލު އެމީހުންނާއި އެއްކޮޅަށް އޮވެއްޖެއްޔާ އެ ދަލީލަކީ ހަމަ ވަރުގަދަ ޞައްޙަ ސާބިތު ދަލީލެކެވެ. ދަލީލު އޮތީ އެމީހުންނާ އިދިކޮޅަށް ކަމުގައި ވެއްޖެ ނަމަ އެއީ އެހެންނާ ބާޠިލު އެހެންނާ މަންސޫޚުވެފައިވާ ދަލީލެކެވެ. އެމީހުން މީހަކު ދެކެ ލޯބިވެއްޖެ ނަމަ އެމީހާއަށް ތަޢުރީފުކުރުމުގައި ދޮގުހަދާ ތަރިތަކަށް ވުރެ މައްޗަށް އެމީހަކު އުފުލައެވެ. މީހަކު ދެކެ ރުޅިއަތުވެއްޖެ ނަމަ އޭނާއަށް އެއްޗެހި ގޮވުމުގައި ދޮގުހަދާ އޭނާގެ ހެޔޮކަމެއް އޮތިއްޔާ ވަޅުލައި ފަސްއަޅައެވެ. ޙަޤީޤަތުގައި ވެސް މީސްތަކުން ކުރެ ގިނަ މީހުންނަކީ ޙައްޤާއި ޙަޤީޤަތުގެ ޢަދާވާތްތެރިންނެވެ. ޚާލިޤުވަންތަ މާތް ﷲ ގެ ޙައްޤުތަކާ މެދު އެމީހުން ޖާހިލުވެފައިވަނީ އެހެންވެގެންނެވެ. ނަފުސާއި ކާއިނާތުން، ބާވާލެއްވުނު ފޮތްތަކާއި ޞުޙުފުތަކުން ފެންނާން ހުރި އަލި ގަދަ ޙުއްޖަތްތައް އެމީހުން ބޮލާލާ ޖަހަނީ ވެސް ހަމަ އެހެންވެގެންނެވެ. އެންމެ ފަހުން އެބައިމީހުންގެ ޚާލިޤު އެ ވަޙީކުރައްވަނީއެވެ.

އޭގެ ތެރެއިން ގިނަ މީހުން އަޑުއަހާކަމަށް ނުވަތަ ވިސްނާކަމަށް ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން ނޫނީ އެބައިމީހުން ނުވެއެވެ. އަދި ކިއެއްތަ އެއަށް ވުރެ ވެސް އެބައިމީހުން ވާވަދެފާލެއް ބޮޑެވެ. –ސޫރަތުލް ފުރްޤާން 44-

މުޖުތަމަޢުގެ އެއްބަޔަކު އަނެއް ބަޔަކަށް އެކި ކަންކަމާ މަތިކޮށް ތުހުމަތުކުރަމުން ނުބައިހާ ލަޤަބުތަކުން ގޮވާ ނަގަމުން އެއުޅޭ ގޮތް ނިކަން ދެކެބަލާށެވެ. ސުންނަތަށް ތަބާވުމުގައި ކަންފަސޭހަ މީހުން ދެކެނީ ތުނބުޅިއެއް ހުރެއްޖެތަ ކޮންމެ މީހަކީ ދީނުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި މީހެއް ކަމުގައެވެ. ވިސްނުން ހަނި، ހިތް ހަރު އަރިމަތީ މީހެއް ކަމުގައެވެ. އަދި ދީނުގައި ހަރުކަށި ޚިޔާލުގެ މީހުން ދެކެނީ ސުންނަތަށް ތަބާވުމުގައި ހަމަ ކުޑަކޮށްވެސް ފަރުވާކުޑަވެއްޖެ މީހަކީ ފާފަވެރިވެ، ދެހަޔާތް ގެއްލި ބަރުބާދުވެފައިވާ ޒިންދީގަކު ކަމުގައެވެ.

ނަމަވެސް ޙަޤީޤަތުގައި ކަންތައް ވާންވީ ގޮތަކީ އަހަރެމެން އެންމެން އިސްލާމްކަމުގެ ވާފަށުގައި ހިފާ އެއްބައިވެ، ބިން އާރާސްތުކޮށް، ހެޔޮ ގޮތްތައް ބިނާކޮށް، އުފެއްދުންތެރިވެ، އީޖާދުތައް ކުރުމުގައި ހަރުދަނާވެ ކުރިއަރާ ދާންވީއެވެ. ނަމަވެސް އަހަރެމެންގެ ހުރިހާ ހިތްވަރެއް ޖިހާދެއް މި ހުސްކުރަނީ އަހަރެމެން އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިވެ، ދެކޮޅުވެ، ފަޟީޙަތްކުރުމާއި ފުރައްސާރައިގެ ތެރެއަށެވެ. ސުލްހަވުމާ އެކުވެރިވެ މިތުރުވެރިވުން ހަނދާން ނައްތާފައެވެ. މާތް ކަލާނގެ އަންގަވާފައިވަނީ "މުއުމިނުން ވާކަން ކަށަވަރީ އެކުވެރީންކަމުގައެވެ." -ސޫރަތުލް ޙުޖުރާތު 10- "އަދި ތިޔަބައިމީހުން އެންމެން އެކުގައި ﷲ ގެ ދީނުގައި ހިފާށެވެ. އަދި ބައިބައިވެގެން ނުދާށެވެ." –ސޫރަތު އާލްޢިމްރާން 103-

ޠަންޖާއިން ފެށިގެން ޖަކާޓާއާ ހަމައަށް ދުނިޔޭގެ ޗާޓު ހުޅުވައިގެން ބަލާށެވެ! އެކި ފާޑުގެ ފުރޮޅުންތަކާއި އިންގިލާބުތައް ނޫން އެހެން އެއްޗެއް ނުފެންނާނެއެވެ. ފަލަސްޠީނާއި ޢިރާޤާއި އަފްޣާނިސްތާނު އަދި ޕާކިސްތާނާއި ސޫމާލުން އެފެންނަ ލޭ އޮހޮރުވުންތަކާއި ޤަތުލުޢާންމުތައް ދެކޭށެވެ. އަދި ކިއެއްހޭ އަމިއްލައަށް މަރުވެގެންދެވޭ ހަމަލާތަކާއި ބޮންގޮއްވުމާއި ބައިބައިވުމާއި ޖަމާޢަތްތައް ހެދުމާއި ވަކިވެގަތުން ހަމަ އެންމެ ގިނައިން އިސްލާމީ ޤައުމުތަކުން ފެންނަމުން އެދާ މަންޒަރުތައް ދެކޭށެވެ.

އެހެނީ ގިނަ މީހުން ޞައްޙަ ދީނާ މެދު ޣާފިލުވެ ޖާހިލުވެ، މާތްކަލާނގެ ވާފަށުން އަތްދޫކޮށްލުމަށްފަހު، ކިޔަމަންވެގަންނަނީ ޝައިޠާނާއަށާއި އަމިއްލަ ހަވާ ނަފުސަށެވެ. އެހެންނާ ނިކަން އަޅެ ﷲ އަށްޓަކައި ބުނެދީބަލާށެވެ. ތާރީޚް ދުށް އެންމެ މަތިވެރި ރަށްވެހިކަން ބިނާކޮށް އިންސާނިއްޔަތަށް އެންމެ ރިވެތި ހަމަތަކާއި އުސޫލުތަކެއް ގެނެސްދިން ބަޔަކީ އަހަރެމެން އިސްލާމުންގެ ކާބަފައިން ނޫންހެއްޔެވެ؟ އެކަން އެހެންވީ އެމީހުން ﷲ ގެ ވާފަށުގައި ހިފާ މާތް ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމް ގެ ސުންނަތަށް ފުރިހަމައަށް ތަބާވުމުންނެވެ.

މީސްތަކުންނަށް ރަހުމުކުރާށެވެ! އަމިއްލަ ނަފުސުތައް އިސްލާހުކޮށް، ފުރާނަތައް ތާހިރުކޮށް، ހިތްތައް ދޮވެ ސާފުކުރުމުގައި މަޝްޣޫލުވެގަންނާށެވެ! އިސްލާމަށް އޭގެ ޝަރަފު އަނބުރާ އިޢާދަކޮށް، އަހަރެމެންގެ މި ދީނާއި ލާމެހިފައިވާ މެދުމިނުގެ، ޢަދުލުވެރި ރަށްވެހިކަމުގެ ރިސާލަތެއް ދުނިޔެއަށް ހަދިޔާކުރުމަށްޓަކައި އަވަސްވެގަންނާށެވެ!

މަސްދަރު: ނޫރުލްއިސްލާމް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!