އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމުގައި އިންސާނުންނަށް ވުރެ ކުރީގައި ޖަނަވާރުން!
މުޅި ދުނިޔެއަށް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން، އެންމެ އަޑުހަރުކޮށް އިވޭ އެއް އިންޒާރަކީ އިޖުތިމާޢީ ގައިދުރުކަމަށް ގޮވާލާ ސިއްހީ މަސައްކަތްތެރިންދޭ އިންޒާރެވެ.
ކިތަންމެ ވަރަކަށް ނަސޭޙަތް ދިން ނަމަވެސް މިކަމަކީ ކޮންމެ ގައުމެއްގައި ވެސް ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. މިބައްޔަކީ އަދި ވެކްސިނެއް ހޯދިފައިވާ ބައްޔެއް ނޫންކަމުން މިބަލިން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ބޭރަށް ނުނިކުތުން ކަމަށާއި ޒަރޫރީ ބޭނުމަކު ނިކުންނަން ޖެހުނަސް ގައިދުރުކަން ބެހެއްޓުމަށް ބުނާއަޑު އިންސާނުން ނޭހިޔަސް ބައެއް ޖަނަވާރުންނަށް މިއީ މާ އުނދަގޫ ކަމެއް ކަމަކަށް ނުފެނެއެވެ.
ސޯޝަލް މީޑިޔާގައި ގިނަބަޔަކު ހިއްސާ ކުރަމުންދާ ފޮޓޯތަކުން ފެންނަނީ ބައެއް ޖަނަވާރުން، ޑޮކްޓަރުންގެ އިންޒާރު ވަރަށް ސީރިސްކޮށް އަޑުއަހާ އެއަށް ޢަމަލު ކުރަމުންދާތަން ކަމަށް ބައެއް މީހުން ބުނެއެވެ. މިއީ ފުރަބަންދުގައި ތިބޭއިރު ބަލާލަން ހިތްގައިމު މަންޒަރެކެވެ.
މި ފޮޓޯތައް ދައުރުވާންފެށީ، ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، ގިނަބަޔަކު ލަންޑަންގެ ވެސްޓްމިނިސްޓަރ ފާލަމުގައި ހިންގި ހަރަކާތެއްގައި އިޖުތިމާޢީ ގައިދުރުކަން ބަހައްޓާފައިނުވާކަމަށް ބުނެ ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.



