ކޯވިޑް-19: މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ފައްސިވީ އިއްޔެ!
ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ރާއްޖެއިން އަދި މިހާތަނަށް އެންމެ ގިނަ ބަޔަކު މިބައްޔަށް ފައްސިވެފައި ވަނީ އިއްޔެއެވެ.
އެގޮތުން އިއްޔެ މެންދުރެއްހާއިރު މާލެއިން ބަންގްލަދޭޝްގެ 14 ރައްޔިތަކު މިބައްޔަށް ފައްސިވެފައިވާއިރު އޭގެ ތެރެއިން 13 މީހުންނަކީ ލިލީ އެންޓަޕްރައިސަސްގަ މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުން ތަކެކެވެ.
އެމީހުންގެ އިތުރުން އިންޑިއާ އަށް ނިސްބަތްވާ ދެ ރައްޔިތަކު ވެސް އިއްޔެ ވަނީ މިބައްޔަށް ފައްސިވެފައެވެ. އެމީހުންނަކީ މާލެއިން ފައްސިވި ކޭސް 28 އާ ގުޅުން ހުރި ކޮންޓެކްސްޓްސް ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި އެމީހުންގެ ކިބައިގައި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
މާލެއިން އިއްޔެ ކޯވިޑް-19 އަށް ފައްސިވީ ބިދޭސީންގެ ތެރޭގައި ޑެލިވަރީ ކުރާ މީހުންނާއި އޭސީ މަރާމާތު ކުރާ މީހުންވެސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިބިދޭސީންގެ އިތުރުން އުލިގަމުން ދިވެއްސަކު ކޯވިޑް-19 އަށް ފައްސި ވެއްޖެކަން ވެސް އިއްޔެ ވަނީ ހާމަވެފައެވެ. އެހެންކަމުން އިއްޔެ އެކަނި ރާއްޖެއިން 17 މީހުން ވަނީ މިބައްޔަށް ފައްސިވެ ޖުމްލަ އަދަދު 52 އަށް އަރާފައެވެ.