މާލޭ މިސްކިތްތަކުން ފެން ކަނޑާލަނީ
ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލި ނަމަވެސް މިސްކިތްތައް އެހެން ބޭނުންތަކަށް ބޭނުން ކުރާތީ ކުރިއަށް އޮތް ތަނުގައި މިސްކިތްތަކުން ފެން ލިބެން ނުހުންނާނެ ގޮތް ހަދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް މިސްކިތްތަކަށް ވަމުން މަނާ ނޫން ކަމަށެވެ. އެހެން މިކަން އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން، އެކި ބޭނުންތަކަށް މިސްކިތްތަކަށް ވަންނަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ބިދޭސީންގެ ތެރެއިން ބައެއް މީހުން މިސްކިތްތަކުން ލިބެން ހުންނަ ފެން ބޭނުންކޮށްލައިގެން ސާފުވުމާއި އަދި މިސްކިތުގެ ތެރޭގައި ނިދުން ކަހަލަ ކަންކަން ކޮންމެސް ވަރަކަށް ހިނގަމުން ދާކަން ފާހަގަ ވެފައިވާ ކަމަށެވެ.
އެހެންކަމުން ކޮވިޑް19 އާ ގުޅިގެން މިހާރު ދިމާވެފައިިވާ ހާލަތުގައި މިސްކިތްތަކަކީ އެހެން ބޭނުންތަކަށް ވަންނަ ތަނެއްގެ ނޫން ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފައިރޫޝް ވިދާޅުވިއެވެ. ލޮކްޑައުންގެ ހާލަތުގައި ވެސް ބޭރަށް ނުކުތުމުގެ ހުއްދަ ދެވެނީ، ވަކި ތަންތަނަށް ވަކި ގަޑިތަކެއް ކަމަށާއި، އޭގެ ތެރޭގައި މިސްކިތްތައް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުންދާ ގޮތަކީ މިސްކިތްތަކުން ފެން ލިބެން ނުހުންނާނެ ކުރިއަށް އޮތް ތަނުގައި. އޭގެ އިތުރުން މިސްކިތްތަކަކީ އެއްގޮތަކަށް ވެސް އެހެން ބޭނުންތަކަށް ވެސް ވަންނަ ތަނެއް ނޫން ގޮތުގައި ހަމަޖެއްސުން،" ފައިރޫޝް ވިދާޅުވިއެވެ.
މި ފިޔަވަޅުތަކަކީ އުނދަގޫ ފިޔަވަޅުތަކެއްކަން ފާހަގަ ކުރައްވަމުން ފައިރޫޝް ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތު މޮނިޓާ ކުރުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަަތިވެފައިވާ ކަމަށާއި، އެހެންކަމުން މިއީ ކޮންމެހެން ވެސް އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.
މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހުން، މާލެ ސިޓީ އާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ. މި މަހުގެ 30 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދާއިި ތަރާވީހު ނަމާދުގެ ޖަމާއަތް ނުހަދަން އިސްލާމިކް މިނިސްޓްރީން އޮތީ އަންގައިފައެވެ.