ދުނިޔެ

ލޮކްޑައުންގައި އޮއްވާ ބަނގްލަދޭޝްގައި ބޭއްވި ޖަނާޒާއެއްގައި އެއްލައްކަ މީހުން ބައިވެރިވެއްޖެ

ބަންގްލަދޭޝްގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތުގައި، މަރުވި ދީނީ ޢިލްމުވެރިއެއްގެ ޖަނާޒާގައި ލައްކައެއްހާ މީހުން ބައިވެރިވުމުން، އެގައުމުގައި ކޮވިޑް-19 އިތުރަށް ފެތުރިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ބަނގްލަދޭޝްގެ އިސްލާމިސްޓް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ މައުލާނާ ޒުބެއިރު އަޙުމަދު އަންސާރީގެ ޖަނާޒާ ބޭއްވިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބްރަހަމަންބޭރިޔާ ޑިސްޓްރިކްޓްގައެވެ.
މި ޖަނަޒާގައި ލައްކާއެއްހާ މީހުން ބައިވެރިކަން، ބަނގްލަދޭޝްގެ ބޮޑުވަޒީރުގެ ޚާއްސަ އެހީތެރިޔާ ޝާހު ޢަލީ ފަރުހާދު އަދި ބްރަހަމަންބޭރިޔާގެ ޕޮލިސް ތަޖުރަމާނު އިމްތިޔާޒު އަހުމަދު ޔަގީންކޮށްދިން އިރު، ބަނގްލަދޭޝްގައި 5 މީހުނަށް ވުރެ ގިނައިން ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލެވިފައެވެ. ނަމަވެސް ދީނީ ޢިލްމުވެރިޔާގެ ޖަނާޒާގައި ބައިވެރިވުމަށް އެސަރަހައްދުގެ ގިނަ ގެތަކުން މީހުން ނިކުމެ މަގުތައް އޮތީ ފުރާލާފައެވެ.

މަގުތަކަށް އެއްވި މީހުން ގިނަވެ ޕޮލިހުންނަށް ކޮންޓްރޯލް ނުކުރެވި ދިއުމުން، މިހާ ބޮޑު އެއްވުމެއް ރޭވިގެން ދިޔަގޮތް ހޯދުމަށް ވަނީ ތަޙުގީގުކުރަން ފަށާފައެވެ. ސަބަބަކީ މިކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ވަރަށް ބޮޑުތަނުން އިތުރުވެދާނެ ކަމުގެ ބިރު އޮތުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!